02 އޯގަސްޓް 2019 - 06:59

އިންޑިއާގެ ޒުވާނުންގެ މެދުގައި އެ ގައުމުގެ ވައިގެ ސިފައިންގެ ހިދުމަތަށް ޝައުގުވެރިކަން އުފައްދައި، އެ ހިދުމަތާ ގުޅޭ ޒުވާނުންގެ އަދަދު އިތުރު ކުރުމުގެ ބޭނުމުގައި އިންޑިއަން އެއާ ފޯސް (އައިއޭއެފް) އިން މޮބައިލް ގޭމެއް ނެރެފި އެވެ.
ނިއު ދިއްލީގައި ބުދަ ދުވަހު ބޭއްވި ހަފުލާއެއްގައި ނެރުނު ތްރީޑީ ގޭމަށް ދީފައިވާ ނަމަކީ "އިންޑިއަން އެއާ ފޯސް: އަ ކަޓް އެބަވް" އެވެ. ގޭމް ލޯންޗްކޮށް ދެއްވީ ޗީފް އޮފް އެއާ ސްޓާފް އެއާ ޗީފް މާޝަލް ބީއެސް ދަނޯއާ އެވެ.
ގޭމް ނެރުމުގެ ކުރިން މީގެ ޓްރެއިލާ ވެސް ކުރިން ވަނީ ދައްކާލައިފަ އެވެ. ގޭމް ފަރުމާކޮށްފައި ވަނީ ވައިގެ ހަނގުރާމައެއް ތަޖުރިބާ ކުރެވޭ ގޮތަށެވެ.
ގޭމްގައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ޕާކިސްތާނުގެ ޓެރިސްޓް ޖަމާއަތަކުން ކަޝްމީރުގެ އިންޑިއާ ފަޅީގެ ބަލަކޯޓަށް ދިން ހަމަލާގައި އިންޑިއާގެ ސިފައިންތަކެއް މަރާލުމާ ގުޅިގެން، އެ ގައުމުން ޕާކިސްތާނާ ދެކޮޅަށް ހިންގި ވައިގެ އޮޕަރޭޝަނުގައި އިސްކޮށް ހުރި ވިންގް ކޮމާންޑަރު އަބިނަންދަން ވަރުތަމަންގެ ސިފައާ ވައްތަރު ކެރެކްޓާއެއް ވެސް ހިމަނައިފަ އެވެ.
ޕާކިސްތާނާ ދެކޮޅަށް ހިންގި އޮޕަރޭޝަނުގެ ތެރޭގައި، އަބިނަންދަން ދުއްވި ބޯޓް ޕާކިސްތާނުން ވައްޓާލައި އޭނާ ހައްޔަރު ވެސް ކުރި އެވެ. އެކަމަކު ފަހުން އިންޑިއާއާ އަބިނަންދަން ހަވާލު ކުރި އެވެ.
ގޭމާ ބެހޭ ގޮތުން އައިއޭއެފުން ބުނީ "އިންޑިއަން އެއާ ފޯސް: އަ ކަޓް އެބަވް" އަކީ އިންޑިއާގެ ޒުވާނުންގެ މެދުގައި ގައުމީ ޖޯޝާއި ރޫހު ވެސް އާލާވާ ގޮތަށް ބަލައިގެން ތައްޔާރުކޮށްފައިވާ ގޭމަކަށްވާތީ، ގޭމްގެ ޒަރީރާ އިން ގައުމަށް ހިދުމަތް ކުރުމުގެ ޖޯޝް އާލާވާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ. އަދި ގައުމަށް ހިދުމަތް ކުރުމަކީ ވަކިން ހާއްސަކޮށް ގައުމު ދިފާއުގައި މަސައްކަތް ކުރުމަކީ ކޮންމެ ރައްޔިތަކަށް ވެސް ލިބޭނެ ފަހުރަކަށް ވާނެ ކަމަށް ބުންޏެވެ.
"އަ ކަޓް އެބަވް" މިހާރު ގޫލް ޕްލޭ ސްޓޯރުންނާއި އެޕަލް ސްޓޯރުން ޑައުންލޯޑް ވެސް ކުރެވޭނެ އެވެ.