15 ސެޕްޓެމްބަރ 2016 - 13:15

އާޓިފިޝަލް އިންޓެލިޖެންސާއި ސައިބަނެޓިކްސްގެ ދާއިރާ ފަދަ އިލްމީ ރޮނގުތަކުން ދުނިޔޭގައި މަޝްހޫރު ސައިންސްވެރިއެއް ކަމަށްވާ ޕްރޮފެސަރު ކެވިން ވޮރިކް ރާއްޖޭގައި ހާއްސަ ދެ ލެކްޗާއެއް ދެއްވަން ނިންމަވައިފި އެވެ.

އިނގިރޭސިވިލާތުގެ ކޮވެންޓްރީ ޔުނިވަސިޓީގެ ވައިސް ޗާންސެލަރުގެ މަގާމުގައި ހުންނެވި ޕްރޮފެސަރު ވޮރިކް ރާއްޖޭގައި ދެއްވާ ލެކްޗާތައް ބިނާކުރައްވަނީ ވެސް ސައިބަނެޓިކްސް އާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދާއިރާއިންނެވެ. މި ލެކްޗާތައް ގައުމީ ޔުނިވަސިޓީގެ އޮޑިޓޯރިއަމްގައި އޮންނާނީ އާންމުކޮށް ހުޅުވާލައިގެންނެވެ.
ސައިބަނެޓިކްސް އަކީ އިންސާނުންނާއި ރޮބޮޓް މެޝިންތަކުގެ އެއްގޮތްކަމާ ބެހޭ ދާއިރާ އެވެ. އޭއައި އަކީ އިންސާނުން އުފައްދާ ވަކި އެއްޗެހިތަކަކަށް ލިބިފައިވާ ތޫނުފިލިކަމުގެ ދާއިރާ އެވެ.
ވޮރިކް މިހާރު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. އޭނާގެ މި ލެކްޗާތައް އިންތިޒާމްކުރަނީ ސައިންސްގެ ދާއިރާ އިން އާންމުން ހޭލުންތެރިކުރުމުގެ މަސައްކަތް ކުރަމުން އަންނަ "ސައިންސް އެންމެނަށް"، ޖަމިއްޔާ އިންނެވެ.
ސައިބަނެޓިކްސްގެ ދާއިރާ އިން ލެކްޗާ ދެއްވާނީ ދެ ރެއަށް ބަހާލައިގެން ސެޕްޓެމްބަރު 19 އަދި 20 ވަނަ ދުވަހުގެ ރޭ 2000 އިން 2100 އަށެވެ.
ވޮރިކްގެ ދެ ވަނަ ލެކްޗާ، ސެޕްޓެމްބަރު 21 ވަަނަ ދުވަހުގެ ރޭ އޭއައިގެ ދާއިރާ އިން ދެއްވާނީ "ޓިއުރިންސް އިމިޓޭޝަން ގޭމް" އަށް ބިނާކުރައްވަ އެވެ.
"އާންމުންނަށް ވިސްނޭ ގޮތަށް ޕްރޮފެސަރު ލެކްޗާ ދެއްވާނީ،" ސައިންސް އެންމެނަށް ޖަމިއްޔާގެ އެއް ބާނީ ޖާވިޝް ހަމީދު ވިދާޅުވި އެވެ.
ޕްރޮފެސާ ވޮރިކް ވަނީ އާޓިފިޝަލް އިންޓެލިޖެންސާއި ބަޔޯމެޑިކަލް އިންޖިނިއަރިން އާއި ރޮބޮޓިކްސްގެ ދާއިރާއިން ގިނަ ދިރާސާތަކެއް ހައްދަވައިފަ އެވެ. އަދި އެ ދާއިރާތަކުން އޭނާއަށް އެކި އެވޯޑްތައް ވެސް ލިބިވަޑައިގެންފައިވެ އެވެ.