ބިން ލާދިންގެ ދަރި ހަމްޒާ ވަނީ މަރާލާފައި
ބިން ލާދިންގެ ދަރި ހަމްޒާ ވަނީ މަރާލާފައި

ވޮޝިންޓަން (އޮގަސްޓް 1) - އަލްގައިދާ ޖަމާއަތުގެ ބާނީ އުސާމާ ބިން ލާދިންގެ ފިރިހެން ދަރި ހަމްޒާ މަރާލާފައިވާ ކަމަށް އެމެރިކާގެ ޖާސޫސީ އޮފިޝަލުން ބުނެފި އެވެ.

ހަމްޒާ ބިން ލާދިން މަރާލި ތަނަކާއި ތާރީޚް ސިއްރުކޮށްފައިވާ ކަމަށް ވެސް އޮފިޝަލުން ބުނެފައިވެ އެވެ. މިދިޔަ ފެބްރުއަރީ މަހު އެމެރިކާ އިން ވަނީ ހަމްޒާގެ ބޮލަށް އެއް މިލިއަން ޑޮލަރު ހުށަހަޅައިފަ އެވެ.

އުމުރުން ގާތްގަނޑަކަށް 30 އަހަރުގެ ހަމްޒާ ވަނީ އެމެރިކާ އަށް ހަމަލާ ދިނުމަށް ގޮވާލާ އޯޑިއޯ މެސެޖެއް މީގެ ކުރިން ނެރެފަ އެވެ. އޭނާ އަދި ވަނީ ބައްޕަގެ މަރުގެ ބަދަލު ހިފުމަށް ވެސް ގޮވާލައިފަ އެވެ. އެމެރިކާގެ ސްޕެޝަލް ފޯސަސް އިން ހަމަލާދީ ބިން ލާދިން މަރާލީ ޕާކިސްތާނުގެ އަބަތުއާބާދުން މެއި 2011 ގަ އެވެ.

ހަމްޒާގެ މަރާ ބެހޭ ގޮތުން ނޫސްވެރިން އިއްޔެ ސުވާލު ކުރުމުން ޖަވާބު ދެއްވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕާއި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަން ވަނީ ދެކޮޅު ހައްދަވައިފަ އެވެ.

ބައެއް ރިޕޯޓްތައް ބުނި ގޮތުގައި ހަމްޒާ ބިން ލާދިން ވޭތުވެދިޔަ ދުވަސްތަކުގައި ދިރިއުޅެފައި ވަނީ އީރާން، ސީރިއާ، އަފްޣާނިސްތާން އަދި ޕާކިސްތާނުގަ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައި ވަނީ ބިން ލާދިން މަރާލުމަށް ފަހު އެ ގޭގެ ތެރޭން ފެނުނު ލިޔުންތަކުން އެނގޭ ގޮތުގައި އަލްގައިދާގެ ލީޑަޝިޕާ ބިން ލާދިން އަށް ފަހު ހަވާލުވާނެ ފަރާތަކީ ހަމްޒާ އެވެ.