01 އޯގަސްޓް 2019 - 10:30

ސަލްޒްބާގް، އޮސްޓްރިއާ (އޮގަސްޓް 1) - ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗަށް އިނގިރޭސި ވިސާ ނުލިބޭތީ ޗެލްސީގެ މެޗުތައް ބަލަން ދަނޑަށް ދެވޭނެ ގޮތެއް ނެތުމުން އެ ކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ޗެލްސީން އަލުން ފަށައިފި އެވެ.
އަބްރަމޮވިޗްގެ އިނގިރޭސި ވިލާތުގެ އިންވެސްޓް ވިސާ މިދިޔަ މެއި މަހު ވަނީ ހަމަވެފަ އެވެ. އިނގިރޭސި ވިލާތާއި ރަޝިޔާއާ ދެމެދު ބޮޑު ޑިޕްލޮމެޓިކް މައްސަލައެއް އުފެދިފައިވާތީ އަބްރަމޮވިޗްގެ އިންވެސްޓް ވިސާ އަދިވެސް އޮތީ އާ ނުކޮށްދީ އެވެ. އެއީ ރަޝިޔާގެ ކުރީގެ ޖާސޫސަށް އިނގިރޭސި ވިލާތުގައި ވިހަ ދިން މައްސަލައެއްގަ އެވެ.
ވިސާ ނުލިބި އިނގިރޭސި ވިލާތަށް އެތެރެ ވެވޭނެ ގޮތެއް ނެތުމުން އަބްރަމޮވިޗް މިދިޔަ ސީޒަނުގައި ޗެލްސީގެ މެޗެއް ބަލަން ދަނޑަށް ނުދެ އެވެ. އަނެއްކޮޅުން އަބްރަމޮވިޗް މިހާރު ވަނީ އިޒްރޭލުގެ ރަށްވެއްސަކަށް ވެފަ އެވެ.
އަހަރެއްހާ ދުވަސް ފަހުން އަބްރަމޮވިޗަށް ފެނުނު ޗެލްސީގެ ފުރަތަމަ މެޗަކީ މިދިޔަ މެއި މަހު ފަހު ކޮޅު އަޒަރުބައިޖާނުގެ ބަކޫގައި ކުޅުނު ޔޫރޮޕާ ލީގުގެ ފައިނަލް މެޗެވެ. އާސެނަލް ބަލިކޮށް ޗެލްސީން ވަނީ ދެ ވަނަ ފަހަރަށް ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ރޭ އޮސްޓްރިއާގައި ޗެލްސީން ރެޑްބުލް ސަލްޒްބާގް އަތުން 5-3 އިން މޮޅުވި މެޗު ބަލަން އަބްރަމޮވިޗް ވަނީ އާއިލާއާ އެކު ގޮސްފަ އެވެ.
ރިޕޯޓްތައް ބުނާގޮތުގައި އެ މެޗަށް ފަހު ޗެލްސީގެ އިސް އޮފިޝަލުންނާ އެކު އަބްރަމޮވިޗް ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ. އަދި އަބްރަމޮވިޗް އެ ބައްދަލުވުމުގައި އެދުނީ ޗެލްސީން ވެސް އޭނާ އަށް ވިސާ ހޯދައިދޭން އިތުރު މަސައްކަތް ކުރުމަށެވެ. އެ ގޮތުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ޗެލްސީގެ އިސް އޮފިޝަލުން އިނގިރޭސި ސަރުކާރުގެ ފަރާތްތަކާ ބައްދަލުކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ރަޝިޔާގެ ވެސް އެންމެ ބޮޑެތި މަހުޖަނުންގެ ތެރޭގައި ހިމެނޭ އަބްރަމޮވިޗް، ޗެލްސީ ގަނެފައި ވަނީ 2003 ވަނަ އަހަރު އެވެ. ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއާ ގާތް ގުޅުމެއް އޮންނަ އަބްރަމޮވިޗް ވަނީ ރަޝިޔާގެ ޗުކޮޓްކާ ސަރަހައްދުގެ ގަވަރްނަރުކަން ވެސް ކޮށްފަ އެވެ.
އިނގިރޭސި ވިލާތާއި ރަޝިއާއާ ދެމެދު އުފެދިފައިވާ ސިޔާސީ އަދި ޑިޕްލޮމެޓިކް ހިޔާލުތަފާތުވުންތަކުގެ މައްސަލަ ކިތަންމެ ބޮޑުވި ނަމަވެސް ޗެލްސީ ވިއްކާނުލާނެ ކަމަށް އަބްރަމިޗް އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ. އަބްރަމޮވިޗްގެ މިލްކިއްޔާތުގެ އަގު 11.5 ބިލިއަން ޑޮލަރަށް އަރާ ކަމަށް ފޯބްސް އިން ބުނެ އެވެ.