31 ޖުލައި 2019 - 23:24

އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް) އިން ބާއްވާ އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗުއަލް އެޑްވާންސްމެންޓް (އައިސީއައިއޭ) ކޮންފަރެންސްގެ ގޯލްޑް ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސައިފި އެވެ.
އެސްޓީއޯ އާއި އައިޔޫއެމްއާ ދެމެދު މިއަދު ވަނީ މި އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އައިޔޫއެމްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ އާއިޝަތު ހަލީލާ ޢަބްދުއްސައްތާރެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އެގްޒެކްޓިވް ޑިރެކްޓަރު މަރިޔަމް ޕަރުވީން އަބްދުލް ފައްތާހު އެވެ.
އައިޔޫއެމްގެ ވައިސް ޗާންސެލާ އައިޝަތު ހަލީލާ ވިދާޅުވީ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ކުންފުނިތަކުގެ އެހީތެރިކަން ބޭނުންވާކަމަށެވެ. އެގޮތުން މި ކޮންފަރެންސަށް އެސްޓީއޯ އިން ދިން އެހީތެރިކަމަށް ޝުކުރު އަދާކުރެއްވި އެވެ.
މީގެ އިތުރުން މިފަދަ ބައިނަލްއަގުވާމީ ކޮންފަރެންސްތަކުން އާއްމުންގެ ތެރޭގައި ހޭލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތް ކާމިޔާބުވަމުން އަންނަކަމަށް ވެސް ހަލީލާ ވިދާޅުވި އެވެ.
އައިޔޫއެމުން ބުނީ މި ކޮންފަރެންސަށް މިހާރު ވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށެވެ. އިޖުތިމާއީ، އިގްތިސާދީ އަދި ސިޔާސީ ދާއިރާގެ އިތުރުން ތައުލީމީ ދާއިރާ އިން ދިރާސާތައް ހުށަހަޅާ މި ކޮންފަރެންސަކީ 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.