31 ޖުލައި 2019 - 22:52

ރާއްޖެ އަށް ފުރަތަމަ ފަހަރަށް 5ޖީގެ ހިދުމަތް ދިރާގުން ތައާރަފްކޮށްފި އެވެ.
މި ހިދުމަތް ފައްޓަވައިދެއްވީ ދިރާގު ހެޑް އޮފީހުގައި މިރޭ ބޭއްވި ހަފްލާއެއްގައި އެ ކުންފުނީގެ ޗެއާޕާސަން އިސްމާއިލް ވަހީދު އާއި އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދެވެ.
ދިރާގުން ފެށި މި ހިދުމަތް މިހާރު ރާއްޖޭގެ ތިން ސަރަހައްދަކަށް ލިބޭނެ އެވެ. އެގޮތުން މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ އަދި ހުޅުލޭގެ ބައެއް ސަރަހައްދުތަކަށާއި، އައްޑޫ ހިތަދޫގެ ބައެއް ސަރަހައްދުތަކަށާއި ހދ. ކުޅުދުއްފުށީގެ ބައެއް ސަރަހައްދުތަކަށް މި ހިދުމަތް ލިބޭނެ އެވެ. ދިރާގުން ބުނީ މި ސަރަހައްދުތަކުގައި 5ޖީ ސަޕޯޓް ކުރާ ޑިވައިސް ގެންގުޅޭ ފަރާތްތަކަށް އިތުރު ޗާޖަކާ ނުލައި ހިދުމަތް ބޭނުން ކުރެވޭނެ ކަމަށެވެ.
ދުނިޔޭގައި 5ޖީ ސަޕޯޓްކުރާ ޑިވައިސްތައް މަދުކަމުން ދިރާގުން އަންނަނީ އެފަދަ ފޯނުތައް އުފައްދާ ކުންފުނިތަކާ މަޝްވަރާކޮށް ރާއްޖެއަށް އޭގެ ފޯނުތަކާއި ޑިވައިސްތައް ގެނައުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެންމެ ފަހުން މާކެޓަށް ނުކުތް ވާވޭ މޭޓް އެކްސް ފޯނުތައް ވަރަށް އަވަހަށް ޜާއްޖެ އަށް ތައާރަފް ކުރާނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުގެ ޗެއާޕާސަން އިސްމާއިލް ވަހީދު ވިދާޅުވީ 5ޖީގެ ހިދުމަތަކީ އެ ކުންފުނީގެ އިސް ބޭފުޅުން ވަރަށް ކައިރިން ބަލަމުން ގެންދިޔަ ހިދުމަތެއް ކަމަށެވެ. އަދި މި ހިދުމަތް ރާއްޖެއަށް އެންމެ ފުރަތަމަ ތައާރަފްކުރާ ކުންފުންޏަކަށް ދިރާގު ވުމަކީ ލިބޭ އުފަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ 5ޖީގެ ހިދުމަތް ދޭ ކުންފުންޏަށް ދިރާގު ވުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް. އެގޮތުން 5ޖީ އަކީ އަޅުގަނޑުމެން ބޯޑު މެމްބަރުން ވަރަށް ކައިރިން ބަލަމުން ގެންދިޔަ ކަމެއް،" އިސްމާއިލް ވަހީދު ވިދާޅުވި އެވެ.
ދިރާގުން ދޭން ފަށާފައިވާ 5ޖީގެ ހިދުމަތަކީ 4ޖީ ގެ ސްޕީޑާ އަޅާބަލާއިރު 10 ގުނަ އަވަސް ހިދުމަތެކެވެ. މި ހިދުމަތް ލިބެނީ ދުނިޔޭގައި ވެސް މަދު ގައުމެއްގަ އެވެ.