އިސް ގާޒީ ހައިލަމްގެ މައްސަލައެއް ޖޭއެސްސީން ބަލަނީ
އިސް ގާޒީ ހައިލަމްގެ މައްސަލައެއް ޖޭއެސްސީން ބަލަނީ

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމްގެ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.

ޖޭއެސްސީން ބުނީ އިސް ގާޒީ ހައިލަމްއާ ގުޅޭގޮތުން އެ ކޮމިޝަނަށް ހުށަހަޅާފައި އޮތް ޝަކުވާއެއް ބަލަން ނިންމައި، އެ މައްސަލަ ބެލުމަށް އެ ކޮމިޝަންގެ ތައުދީބީ ކޮމެޓީ އަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ.

ހައިލަމްއާ ގުޅޭގޮތުން ޖޭއެސްސީން ބަލަނީ ކޮން މައްސަލައެއް ކަމެއް އެ ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ހައިލަމް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. އަދި އެ ކޯޓުގެ އިސް ގާޒީ ކަމަށް އޭނާ އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ މެދު ތެރޭގަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދައުލަތުން ދައުވާކުރާ މައްސަލަ ވެސް ބައްލަވަނީ އިސްގާޒީ ހައިލަމް އެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭގޮތުން ވެސް އިތުރު ޝަކުވާއެއް ހުށަހަޅާފައި ވާތީ އެ މައްސަލަ ވެސް ބަލަން މިއަދު ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ. ފަނޑިޔާރު ޑީޑީއާ ގުޅޭގޮތުން އެހެން މައްސަލަތަކެއް ކުރިން ވެސް އެ ކޮމިޝަނުން ބަލަމުންދާތީ އެ މައްސަލަ ވެސް ބަލާނީ ކުރިން ވެސް މައްސަލަތައް ބަލަމުން އައި ކޮމެޓީން ކަމަށް ޖޭއެސްސީން ބުންޏެވެ.

ފަނޑިޔާރު ޑީޑީއާ ގުޅޭގޮތުން ބަލަމުން އަންނަ އެއް މައްސަލާގައި ފަނޑިޔާރު ކަމުން އޭނާ ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖޭއެސްސީގެ ތަހުގީގު ކޮމެޓީން ކުރިން އޮތީ ކޮމިޝަނަށް ލަފާ ދީފަ އެވެ. އެކަމުގައި ކޮމިޝަނުން ގޮތެއް ނިންމާނީ ކޮމެޓީގެ އެ ނިިިންމުމާ މެދު ފަނޑިޔާރު ޑީޑީ ޖަވާބުދާރީވެ ވަޑައިގަތުމުންނެވެ.

އިސްގާޒީ ހައިލަމާއި ފަނޑިޔާރު ޑީޑީގެ އިތުރުން ގދ. ދާންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ލުއައްޔު އިބްރާހިމާއި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމާ ގުޅޭ މައްސަލަތަކެއް ވެސް ބަލަން މިއަދު ވަނީ ނިންމައިފަ އެވެ.

ޖޭއެސްސީން މިހާރު އަންނަނީ ގިނަ އަދަދެއްގެ ފަނޑިޔާރުންގެ މައްސަލަތަކެއް ބަލަމުންނެވެ. އޭގެ ތެރޭގައި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާއި ހައި ކޯޓުގެ ބައެއް ފަނޑިޔާރުންނާއި ދަށު ކޯޓުތަކުގެ ބައެއް ފަނޑިޔާރު ވެސް ހިމެނެ އެވެ.