31 ޖުލައި 2019 - 19:25

ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރާ ހަ މީހުން ޔާމީން މަރާލަން މަޝްވަރާތައް ފެށީ ފުރުގާން މިސްކިތުގައި ކަމަށާއި އޭނާ މަރާލުމުގައި އިތުރު ބަޔަކު އެހީވި ކަމަށް ކްރިމިނަލް ކޯޓުގައި މިއަދު މީހަކު ހެކިބަސް ދީފި އެވެ.
އޭޕްރީލް، 2017 ގައި ޔާމީނަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ދައުލަތުން ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.
ކާކުކަން ނޭނގޭ ގޮތަށް އަދި އަޑު ބަދަލުކޮށްގެން ކްރިމިނަލް ކޯޓުގައި މިއަދު ސިއްރުން ހެކިބަސް ދިން މީހާ ބުނިގޮތުގައި ދައުވާލިބޭ ހަ މީހުންނަކީ ވެސް އޭނާ ދަންނަ ބައެކެވެ. އޭނާ ބުނިގޮތުގައި ޔާމީން މަރާލުމުގެ މަޝްވަރާތައް ފެށުނީ ނޮވެމްބަރު، 2016 ގައި ފުރުގާން މިސްކިތުގައި ކަމަށާއި އެ މަޝްވަރާ ފެށުނީ މާލޭގައި ބޭއްވި ފޮޓޯ މައުރަޒެއްގައި އިސްލާމްދީނަށް ފުރައްސާރަވާ ފަދަ އެއްޗެހިތަކެއް އާންމުކުރި ހިސާބުން ކަމަށެވެ.
އޭނާ ބުނިގޮތުގައި އެ މަޝްވަރާތައް އެންމެ ފުރަތަމަ ފެށީ ދައުވާ ލިބޭ ހައިޝަމް އިސްކޮށް ހުރެގެންނެވެ. އޭގެ ފަހުގައި ދެން ތިބި ފަސް މީހުން ވެސް އެކަމުގައި ބައިވެރިކޮށް، އެކި ތަންތަނުގައި އެކަމުގެ މަޝްވަރާތައް އެ މީހުން ކުރަމުންދިޔަ ކަމަށް އޭނާ ބުންޏެވެ. އެގޮތުން ފުރުގާން މިސްކިތްތަކާއި އެހެން ބައެއް މިސްކިތްތަކުގެ އިތުރުން ދައުވާލިބޭ ޒިޔާދު ދިރިއުޅުނު ގޭގައި ވެސް މަޝްވަރާތައް ކުރި ކަމަށް އޭނާ ބުންޏެވެ.
ޔާމީން މަރާލަން އެ މީހުން މަޝްވަރާކުރީ ހެކިވެރިޔާ ބުނިގޮތުގައި އޭނާ އަކީ ދީނަށް ފުރައްސާރަކުރި މީހެއް ކަމަށް ސިފަކޮށްގެންނެވެ. ދީނަށް ފުރައްސާރަކުރާ އެންމެން މަރަންޖެހޭނެ ކަމަށް ބުނެ އެ މަޝްވަރާތަކުގައި ވާހަކަ ދެއްކި ކަމަށާއި އެ މަޝްވަރާތައް އަޑު އިވޭ ހިސާބުގައި އޭނާ އަށް ހުރެވުނު ކަމަށް ވެސް އެ ހެކިވެރިޔާ ބުންޏެވެ.
އެ ހެކިވެރިޔާ ބުނިގޮތުގައި ޔާމީން މަރާލަން ތައްޔާރުވުމުގެ ގޮތުން، ދައުވާލިބޭ މީހުން ބައެއް ފިޒިކަލް ޓްރެއިނިންތައް ވެސް ހެދި އެވެ. އެގޮތުން ފެތުމާއި ދުވުން ފަދަ ކަންކަން އެ މީހުން ކުރި ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނިގޮތުގައި ޔާމީން މަރާލި ރޭ، ދައުވާ ލިބޭ އިސްމާއިލް ރަޝީދު އެ ގެ ކައިރީގައި ސައިކަލެއްގެ މަތީގައި އިނެވެ. އަދި ދައުވާލިބޭ ބައެއް މީހުންގެ އަންނައުނު ފަދަ ތަކެތި ދޮވެ ދިނުމުގެ މަސައްކަތް ވެސް އިިސްމާއިލް ރަޝީދު ކުރި ކަމަށް އެ ހެކިވެރިޔާ ބުންޏެވެ.
ޔާމީނަށް ފާރަލުމުގައި ޝިިފާޒާއި ދިފްރާން ބައިވެރިވި ކަމަށް ވެސް އޭނާ ބުންޏެވެ. ހެކިވެރިޔާ ބުނި ގޮތުގައި، ދައުވާލިބޭ ޒިޔާދުގެ ފަޔަށް އަނިޔާއެއް ލިބުމާ ގުޅިގެން، ޔާމީން މަރާލި ރޭ އެކަމުގައި އޭނާ އަމަލީ ގޮތުން ބައިވެރިނުވާ ކަމަށް އެނގިފައިވެ އެވެ.
މީގެ އިތުރުން ދައުވާލިބޭ ހައިޝަމް އެ ހާދިސާގެ ފަހުން ދިޔަ މަސްދަތުރެއްގައި އޭނާގެ ފޯނު މޫދަށް ވައްޓާލި ކަމަށް ވެސް އެ ހެކިވެރިޔާ ބުންޏެވެ. އޭނާ ބުނީ ޔާމީނަށް ހަމަލާދިން މީހުން ކަމަށް ބުނެ ފުލުހުން އާންމުކުރި ފޮޓޯތަކުގައި ފެންނަނީ ހައިޝަމް އާއި ޒިހާން ކަމަށާއި އެ ދެ މީހުން ސިފަ ބަދަލު ކޮށްގެން ތިއްބަސް އެ ދެ މީހުންގެ ހަށިގަނޑަށް ބަަލާފައި އެކަން އެނގޭ ކަމަށެވެ.
އެ ހެކިވެރިޔާ ބުނިގޮތުގައި ދައުވާލިބޭ ހަ މީހުންގެ ތެރެއިން އިތުރު ބަޔަކު ވެސް އެކަމަށް އެކި ގޮތްގޮތުން އެހީތެރިވެދީފައިވެ އެވެ. އޭނާ ބުނީ ސައިކަލުތަކާއި ފޯނާއި ވަޅި އާއި މާސްކް ފަދަ ތަކެތި ހޯދައިދިނީ އެހެން ބައެއް ކަމަށާއި އެކަމަކު އެއީ ކޮން ބައެއް ކަން އޭނާއަށް ބުނަން ނޭނގޭ ކަމަށެވެ.
އެ ހެކިވެރިޔާގެ ހެކިބަހާ ގުޅިގެން، ދައުވާލިބޭ މީހުންގެ ދިފާއީ ވަކީލުން ގިނަ ސުވާލުތަކެއް އަމާޒު ކުރިއިރު، އޭގެ ތެރެއިން ގިނަ ސުވާލުތަކަށް ޖަވާބުދޭން ހެކިވެރިޔާ ދެކޮޅު ހެދި އެވެ.
އެކަމުގެ މަޝްވަރާތައް ކުރަމުންދިޔަ އަޑު އިވުނު ކަމަށް ހެކިވެރިޔާ ބުނާއިރު، އެ އަޑު އޭނާ އަށް އިވުނީ ކިހިނެއްތޯ ސުވާލު ކުރުމުން އޭނާ ބުނީ މަޝްވަރާ ކުރަމުންދިޔައިރު އަޑު އިވޭނެ ހިސާބުގައި އޭނާ އަށް ހުރެވުނު ކަމަށެވެ. އެވަގުތު އޭނާ ހުރީ ދައުވާލިބޭ މީހުންނާ ކިހާ ދުރުމިނެއްގައިތޯ ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް އެއަށް ޖަވާބު ދޭން އޭނާ ދެކޮޅު ހެދި އެވެ. އެ މަޝްވަރާތަކުގައި ހެކިވެރިޔާ ބައިވެރިވިންތޯ ދިފާއީ ވަކީލުން ސުވާލު ކުރުމުން ވެސް އެއަށް އޭނާ ޖަވާބެއް ނުދިނެވެ.
އެ މައްސަލައާ ގުޅިގެން ހެކިވެރިޔާ ހައްޔަރުކުރިތޯ ދިފާއީ ވަކީލުން ސުވާލު ކުރުމުން ވެސް އޭނާ އެ ސުވާލަށް ޖަވާބެއް ނުދިންއިރު، އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލި މިހާރު ހިނގަމުންދޭތޯ އާއި ކުށެއް ސާބިިތުވެފައިވޭތޯ ސުވާލު ކުރުމުން ވެސް އޭނާ ޖަވާބެއް ނުދިނެވެ. އަދި ތަހުގީގަށް ދިން ބަޔާން ހެކިބަސް ދިނުމުގެ ކުރިން ބެލިންތޯ އާއި ހެކިބަސް ދިނުމާ ގުޅޭގޮތުން އެއްވެސް ފަރާތަކާ މަޝްވަރާ ކުރިންތޯ ސުވާލު ކުރުމުން ވެސް އެކަމަށް އޭނާ ޖަވާބު ދޭން ދެކޮޅު ހެދި އެވެ.
އެފަދަ ކޮންމެ ސުވާލަކަށް އެ ހެކިވެރިޔާގެ ޖަވާބަކަށްވީ އޭނާއާ ބެހޭގޮތުން ސުވާލު ނުކޮށް، ދައުވާލިބޭ މީހުންނާ ގުޅޭގޮތުން އޭނާއާ ސުވާލު ކުރުމަށެވެ.
މީހަކު މަރާލަން ރާވަމުންދިޔަ ކަން އެނގޭއިރު އެކަން ފުލުހުންނަށް ނޭންގީ ކީއްވެގެންތޯ ދައުވާލިބޭ ޒިހާންގެ ވަކީލް އަބްދުﷲ ހަސީން ސުވާލު ކުރުމުން ހެކިވެރިޔާ ބުނީ އެކަން ނޭންގީ އެ މީހުން އެކަން ކޮށްފާނެ ކަމަށް އޭނާ އަށް ގަބޫލު ނުކުރެވުމުން ކަމަށެވެ.
ޔާމީން މަރާލި ރޭ، ދައުވާލިބޭ ދެ މީހަކު ޔާމީން ދިރިއުޅުނު ގެ ކައިރިން ދަންވަރު ފެނުނު ކަމަށް އެ ހެކިވެރިޔާ ބުނާއިރު، އެފަދަ ވަގުތެއްގައި ހެކިވެރިޔާ އެތަނުގައި ހުރީ ކޮން ބޭނުމެއްގައިތޯ ދައުވާލިބޭ ދިފްރާންގެ ވަކީލް އިސްމާއިލް ވިޝާމް ސުވާލު ކުރުމުން ވެސް އެ ސުވާލަށް ވެސް ޖަވާބު ދޭން އޭނާ ދެކޮޅު ހެދި އެވެ.
އެކި ތަންތަނުގައި އެކަމުގެ މަޝްވަރާތައް ކުރަމުން ދިޔަ ކަމަށް ހެކިވެރިޔާ ބުނާއިރު، އެއިން ކޮންމެ ފަހަރަކު ވެސް ހެކިވެރިޔާ އަށް އެތަނަށް ދެވެނީ އިއްތިފާގަކުންތޯ ވެސް އެއް ވަކީލަކު ސުވާލު ކުރެއްވި އެވެ. އެއަށް ވެސް ސީދާ ޖަވާބެއް އޭނާ ނުދިނެވެ.
ދައުވާލިބޭ އިސްމާއިލް ރަޝީދުގެ ވަކީލް މައުމޫން ހަމީދު ވަނީ ދައުވާ ލިބޭ ހަ މީހުން ފިޔަވައި، އެހެން ދެ މީހެއްގެ ނަން ވިދާޅުވުމަށް ފަހު، އެ ދެ މީހުން ވެސް ޔާމީން މަރާލުމުގެ މަޝްވަރާތަކުގައި ބައިވެރިވިތޯ ސުވާލު ކުރައްވައިފަ އެވެ. އެ ސުވާލަށް ވެސް އެއްވެސް ޖަވާބެއް ނުދިނެވެ. އަދި ދޮގު ހެކިބަސް ދޭނެ ކަމަށް މީހެއްގެ ގާތު ބުނެފައިވާނެތޯ މައުމޫން ސުވާލު ކުރުމުން އޭނާ ބުނީ އެފަދަ ވާހަކައެއް ބުނެފައި ނުވާނެ ކަމަށެވެ.
ދައުވާލިބޭ ޒިޔާދުގެ ޒިޔާދުގެ ގޭގައި ވެސް އެކަމުގެ މަޝްވަރާތައް ކުރި ކަމަށް ހެކިވެރިޔާ ބުނާތީ އެއީ ގޭގެ ކޮން ތަނެއްތޯ އޭނާގެ ވަކީލް އަބްދުﷲ ޝާއިރު ސުވާލު ކުރެއްވުމުން ހެކިވެރިޔާ ބުނީ އެކަން ކުރީ ޒިޔާދު އުޅޭ ކޮޓަރީގައި ކަމަށެވެ. ކޮޓަރީގައި ކުރަމުންދިޔަ މަޝްވަރާތަކެއްގެ އަޑު ހެކިވެރިޔާއަށް އިވުނީ ކިހިިނެއްތޯ ސުވާލު ކުރުމުން އެއަށް ވެސް އޭނާ ޖަވާބެއް ނުދިނެވެ.
ދިފާއީ ވަކީލުންގެ ގިނަ ސުވާލުތަކަށް ހެކިވެރިޔާ ޖަވާބު ނުދިނުމުން އެކަމުގެ ޝަކުވާ ދިފާއީ ވަކީލުން ކުރެއްވި އެވެ. މައްސަލައިގެ ހަގީގަތްތަކާ ހަމައަށް ވާސިލްވުމަށް ހުރަސް އެޅޭ ކަމަށް ވިދާޅުވެ، އެކަމުގައި ފިޔަވަޅެއް އަޅައި ދިނުމަށް ބައެއް ވަކީލުން އެދިވަޑައިގަތްއިރު، އަނެއް ބައި ވަކީލުން ވިދާޅުވީ އެއީ އަދުލުވެރިކަމާ އެކު ހެކިބަސް ދެވޭނެ ފަދަ މީހެއް ނޫން ކަމަށާއި އޭނާގެ ހެކިބަސް ބަލައިނުގަތުމަށް އެދޭ ކަމަށެވެ.
އެކަމާ ގުޅިގެން އެ މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސައިން ވިދާޅުވީ ޝަރީއަތުގައި ކުރެވޭ ސުވާލަކަށް ވަކި ގޮތަކަށް ޖަވާބު ދިނުމަށް މަޖުބޫރު ނުކުރެވޭނެ ކަމަށާއި އެއީ ސިއްރު ހެކިވެރިއަކަށް ވާތީ ޖަވާބު ނުދެވިދާނެ ބައެއް ސުވާލުތައް ވެސް ހުރެދާނެ ކަމަށެވެ. އެކަމަކު ސުވާލުތަކަށް ހެކިވެރިން ދޭ ޖަވާބުތަކަށް އެ މައްސަލައެއް ނިންމުމުގައި ރިއާޔަތް ކުރެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
އެ ހެކިވެރިޔާގެ ހެކިބަސް ނަގަން ފެށުމުގެ ކުރިން ވެސް، ދިފާއި ވަކީލުން އެކަމާ މެދު ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. ހެކިބަސް ދޭ މީހުންގެ އަދުލުވެރިކަމާއި ހެކިންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލައެއް ނަންގަވައި، ބައެއް ވަކީލުން ވަނީ ސިއްރުން ހެކިބަސް ނަގާ ނަމަ، އެ މީހާ އަކީ އަދުލުވެރިއެއް ކަން ކަށަވަރު ކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.
އެހެންވެ، ސިއްރުން ހެކިބަސް ނުނެގޭނެ ކަމަށް ވިދާޅުވެ، އެކަމުގެ ކަންބޮޑުވުން ދިފާއީ ވަކީލުން ތަކުރާރުކޮށް ފާޅު ކުރަން ފެށްޓެވުމުން ގާޒީ އަލީ ރަޝީދު ވަނީ އެކަން ހުއްޓުވައި، އެކަމާ ބެހޭގޮތުން އިތުރަށް ވާހަކަ ނުދެއްކޭނެ ކަމަށް ނިންމަވައިފަ އެވެ. ގާޒީ ވިދާޅުވީ އެކަމާ ބެހޭގޮތުން އިބްތިދާއި މަރުހަލާގައި ވަރަށް ގިނަ ވާހަކަތަކެއް ދެ ފަރާތުން ވެސް ދައްކާފައިވާ ކަމަށާއި އެކަމުގައި ކޯޓުން ގޮތެއް ވެސް ނިންމާފައިވާނެ ކަމަށެވެ.
އެއީ މަރުގެ މައްސަަލައެއް ކަން ފާހަގަ ކުރައްވައި، ގާޒީ ވިދާޅުވީ އެފަދަ މައްސަލަތަކުގައި ސިއްރުން ހެކިބަސް ނެގުމަކީ އަމަލުކުރާ އުސޫލެއް ކަމަށާއި އެފަދަ އެތައް މައްސަަލައެއް މަތީ ކޯޓުތަކުން ވެސް ނިމިފައި އެބަހުރި ކަމަށެވެ. އެހެންވެ، އެކަމުގައި އިތުރަށް ވާހަކަ ދައްކަން ގާޒީ ފުރުސަތެއް ނުދެއްވި އެވެ.
ތިން ގަޑިއިރަށް ވުރެ ދިގު ދެމިގެންދިޔަ އެ އަޑުއެހުމުގައި ސިއްރު ހެކިވެރިޔާގެ އިތުރުން ވަނީ އިތުރު ހަތަރު ފުލުހެއްގެ ހެކިބަސް ވެސް ނަގައިފަ އެވެ. އޭގެ ތެރެއިން ދެ ފުލުހުންނަކީ ޔާމީން ދިރިއުޅުނު ގޭގެ ސިޑި ގޮޅީގައި އޭނާ މަރާލާފައި އޮއްވާ އެތަނަށް އެންމެ ފުރަތަމަ ދިޔަ ދެ ފުލުހުންނެވެ.
ޔާމީންގެ މަންމަ ވެސް ހާޒިރުވެ އިން އެ މަޖިލީހުގައި ފާޅުގައި ހެކިބަސް ދިން އެ ދެ ފުލުހުން ވެސް ބުނިގޮތުގައި އެ ސިޑި ގޮޅިއަށް ވަންއިރު އެތަން އޮތީ އަނދިރިކޮށް ކަމަށާއި އެހެންވެ ފޯނުން އަލިކޮށްގެން ބެލިއިރު މީހަކު ވެއްޓިފައި އޮތް ކަމަށާއި ގިނަ އަދަދެއްގެ ލޭ ވެސް ހުރި ކަމަށެވެ. އޭރު ޔާމީންގެ ކަރުގެ ކައިރީގައި ބޮޑު ޒަހަމެއް ހުރުމުގެ އިތުރުން މޭމަތީގައި ވެސް ވަރަށް ގިނަ ޒަހަމްތައް ހުރި ކަމަށް އެ ދެ ފުލުހުން ބުންޏެވެ. އޭރު އޭނާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށާއި އަދި ޔާމީން ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުންގެ ކާރެއްގައި ކަމަށް ވެސް އެ ދެ ފުލުހުން ބުންޏެވެ.
ބާކީ ތިބި ދެ ފުލުހުންގެ ތެރެއިން އެކަކީ ދައުވާލިބޭ ހައިޝަމް އާއި ޒިހާންގެ ހަށިގަނޑުގެ ބައެއް ތަންތަން ފޮޓޯ ނެގިއިރު ޒަހަމްތަކެއް ފެންނަ ހުރި ކަމަށް ބުނާ ފުލުހެކެވެ. އޭނާ ބުނިގޮތުގައި ތަހުގީގުކުރާ އޮފިސަރުގެ އެދުމަށް އެ މީހުންގެ ހަށިގަނޑުގެ ފޮޓޯތައް ނެގިއިރު ހައިޝަމްގެ ކަރުގައި ވަކި އެޅިފައި ހުއްޓެވެ. އެއީ ދެ މީހެއްގެ ދެމެދުގައި ހަމަނުޖެހުމެއް ހިނގާއިރު އެކެއްގެ ފަރާތުން އަނެކަކަށް ލިބިދާނެ ފަދަ އަނިޔާއެއް ކަމަށް އޭނާ ބުންޏެވެ. އަދި ޒިހާންގެ ފައިގެ ބައެއް ތަންތަނުގައި ވެސް ކުދިކުދި ޒަހަމްތަކެއް ހުރި ކަމަށް އޭނާ ބުންޏެވެ.
ދެން ހެކިބަސް ދިން ފުލުސް މީހާއަކީ ޔާމީން މަރާލި މައްސަލަ ތަހުގީގު ކުރިއިރު، އޭނާ މަރާލި ސިޑި ގޮޅީގައި ހުރި ބޮކި ނުދިއްލޭތީ އެ މައްސަލާގެ ތަހުގީގުގެ ތެރެއިން އެކަން ބެލުމަށް އެތަނަށް ދިޔަ މީހެކެވެ. އޭނާ ބުނިގޮތުގައި އެ ބޮކި ހުރީ ގަސްދުގައި އޭގެ ހޯލްޑަރުން ދޫކޮށްފަ އެވެ. އެގޮޮތަށް ހަދާފައި ހުރީ ބޮކި ނުދިއްލޭ ގޮތް ހަދަން ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ބުންޏެވެ.
އެ މައްސަލާގެ ހެކިބަސް ނެގުމުގެ މަރުހަލާ ކުރިއަށް ދާއިރު، ދެން އޮންނަ އަޑުއެހުން އަންނަ ހަފުތާގައި ބާއްވާނެ ކަން ގާޒީ އިއުލާން ކުރެއްވި އެވެ.