"ބާރް ބާރް ދޭކޯ" ވީ ފްލޮޕް
"ބާރް ބާރް ދޭކޯ" ވީ ފްލޮޕް

ސިދާރްތު މަލްހޯތުރާ އާއި ކެޓުރީނާ ކައިފް ލީޑްރޯލު ކުޅުނު "ބާރް ބާރް ދޭކޯ" އަށް ބޮކްސް އޮފީހުގައި ނާކާމިޔާބީއާ ކުރިމަތިވެއްޖެ އެވެ.

އަހަރުގެ އެންމެ ރީތި އެއް ފިލްމަށް ވާނެ ކަމަށް ބެލެވުނު މި ފިލްމު ރިލީޒްވިތާ ފަސް ދުވަސްވީއިރު ކުރެވިފައިވަނީ އެވްރެޖް ވަރެއްގެ ވިޔަފާރިއެކެވެ.

ފިލްމު ރިލީޒްކުރުމުގެ ކުރިން ގިނަ ބަޔަކު އުންމީދުކުރީ ފުރަތަމަ ތިން ދުވަސް ތެރޭގައި މި ފިލްމަށް 30 ކްރޯޑު (300 މިލިއަން ރުޕީސް) ލިބޭނެ ކަމަށެވެ. ނަމަވެސް ފިލްމަށް ފަސް ދުވަސް ތެރޭ ވެސް ލިބިފައި ވަނީ 260 މިލިއަން ރުޕީސް އެވެ.

ފިލްމުގެ ލަވަތައް ރީތިވެފައި ލަވަ ޗާޓުތަކުގެ ކުރީގައި ރަސްކަންކުރަމުން ދިއުމާ އެކު ކެޓުރީނާ އާއި ސިދާރްތުގެ ކެމިސްޓްރީ ރަނގަޅުކަމުން ފިލްމުގެ ފެށުން ދިޔައީ އުންމީދުކުރި ވަރާ ގާތްކުރާ މިންވަރަކަށް ރަނގަޅަށެވެ. ނަމަވެސް ފިލްމުގެ ވާހަކައިގައި އޮއްޓަރެއް ނެތުމުން ފުރަތަމަ ދުވަހުން ފެށިގެން ވެސް ފިލްމު ހަޑިކަމަށް މީހުން ބުނަން ފެށި އެވެ. ނަތީޖާއަކަށްވީ ޖެހިގެން އައި ދުވަސްތަކުގައި ޝޯއަކަށް ވުރެ ޝޯއަކަށް މީހުން މަދުވަމުން ދިއުމެވެ.

ފިލްމު އުފައްދާފައި ވަނީ 50-40 ކްރޯޑު (500-400 މިލިއަން ރުޕީސް)ގެ ބަޖެޓަކުން ކަމަށް ވާތީ ފިލްމަށް ކުރި ޚަރަދު ފޫބެއްދޭނެ ވަރު ވާނެކަމަށް ބެލެވެ އެވެ. ނަމަވެސް ފިލްމުގެ ނާކާމިޔާބީއަކީ ސިދާރްތު އާއި ކެޓުރީނާގެ ފިލްމީ ކެރިއަރަށް އެހާ ރަނގަޅު ފާލަކަށް ނުވާނެ އެވެ.

ޚާއްސަކޮށް ސިދާރްތުގެ އެންމެ ފަހުގެ ތިން ފިލްމު ކަމަށްވާ "އޭކް ވިލަން" އާއި "ބްރަދާސް" އަދި "ކަޕޫރު އެންޑް ސަންސް"ގެ ކާމިޔާބަށްފަހު ކާމިޔާބީގެ ސިލްސިލާއަށް ނިމުމެއް އައުމަކީ ސިދާރްތުގެ ކެރިއަރުގެ ފަހަތަށް އެޅުނު ފިޔަވަޅަކަށް ނޫނީ ނުވާނެ އެވެ. އަދި މީގެ ފަހުން ކުޅެން ޚިޔާރު ކުރާ ފިލްމުތަކާމެދު މިހާރަށް ވުރެ ބޮޑަށް ވިސްނުމަށް ސިދާރްތު އަށް މަޖްބޫރު ވާނެ އެވެ.

ނަމަވެސް "ދަ ކުއިންޓް" ކިޔާ މަޖައްލާއަކަށް ސިދާރްތު ދިން އިންޓަވިއުއެއްގައި ވަނީ "ބާރް ބާރް ދޭކޯ" ކުޅެން ޚިޔާރުކުރި ގޮތް ދިފާއުކޮށް ވާހަކަ ދައްކާފަ އެވެ.

ސިދާރްތު ބުނީ ފިލްމުގެ ސްކްރިޕްޓް ކިޔާފައި އެއީ ވަރަށް މޮޅު ފިލްމަކަށް ވާނެކަމަށް ގަބޫލު ކުރެވުނު ކަމަށެވެ. ނަމަވެސް ދެން ކުޅޭ ފިލްމުތައް ގަބޫލުކުރުމުގެ ކުރިން ބެލުންތެރިންނަށް އެ ފިލްމެއް ކަމުދާނެތޯ ވިސްނާނެ ކަމަށް ވެސް ސިދާރްތު ބުންޏެވެ.

"ބާރް ބާރް ދޭކޯ"ގެ ޑައިރެކްޓަރަކީ މުޅިން އަލަށް އެ މަސައްކަތް ފެށި ނިތިޔާ މެހެރާ އެވެ. ފިލްމު އުފެއްދުމުގައި ނިތިޔާގެ ތަޖުރިބާ މަދުކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.
ސިދާރްތު ބުނި ގޮތުގައި އަލަށް ފިލްމު ޑައިރެކްޓްކުރުމުގެ މަސައްކަތް ފަށާ މީހުންގެ ފިލްމުތައް ގަބޫލުކުރުމުގައި ވެސް މީގެ ފަހުން އިތުރަށް ވިސްނާނެ އެވެ.