31 ޖުލައި 2019 - 16:22

މި އަހަރުގެ ދެވަނަ ކުއާޓާގައި އުރީދޫ އަށް ސާފު ފައިދާގެ ގޮތުގައި 131 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މުއާސަލާތީ ހިދުމަތް ދޭ އުރީދޫން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 491 މިލިއަން ރުފިޔާ ލިބުނު ކަމަށެވެ. މިއީ އެ ކުންފުންޏަށް މިދިޔަ އަހަރުގެ ދެވަނަ ކުއާޓާގައި ލިބުނު ފައިދާ އަށްވުރެ 27 ޕަސެންޓް އިތުރު އަދަދެެކެވެ.
އުރީދޫން ބުނީ ފައިދާ އިތުރުވީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް އުރީދޫ ނެޓްވޯކްގެ ޕޯސްޓްޕެއިޑްގެ ހިދުމަތާއި ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ފުޅާކުރުމާ ގުޅިގެން ކަމަށެވެ. މިއީ ޑިޖިޓަލް ރާއްޖެއަކަށް ރާއްޖެ ހެދުމުގެ ގޮތުން އެ ކުންފުނިން ކުރާ މަސައްކަތްތަކެކެވެ.
އުރީދޫން ވަނީ މިއަހަރުގެ ދެވަނަ ކުއާޓާގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އީސިމް ތައާރަފުކޮށްފަ އެވެ. މިއީ ޑިޖިޓަލްކޮށް ނެގޭ ފަސޭހަ ސިމެކެވެ. އީ ސިމް ނަމަ އެއްފަހަރާ ނުވަ ސިމް ކޮންމެ ކަސްޓަމަރަކަށް ވެސް ބޭނުން ކުރެވޭނެ އެވެ.
މީގެ އިތުރުން އުރީދޫން ވަނީ ސުޕަނެޓް ފައިބާ ބްރޯޑް ބޭންޑުގެ ހިދުމަތް ފުވައްމުލަކަށް ތައާރަފުކޮށް އެ ސިޓި އަކީ ރާއްޖޭގެ ފުރަތަމަ ގިގަބައިޓް ސިޓީއަށް ހަދާފަަ އެވެ. ފެންވަރު ރަނގަޅު ވޮއިސް ކޯލްގެ ހިދުމަތް ވެސް އުރީދޫން ދޭން ފެށި މި ކުއާޓާގެ ތެރޭގަ އެވެ.
މި ކުއާޓާގައި އުރީދޫން ވަނީ އެކި ފަރާތްތަކަށް އެހީވުމުގެ ގޮތުން ތަފާތު ހަރަކާތްތައް ކުރިއަށްގެންގޮސްފަ އެވެ.