ކަރީނާ ކަޕޫރް ޑަބަލް ރޯލެއް ކުޅެލަން ބޭނުންވޭ
ކަރީނާ ކަޕޫރް ޑަބަލް ރޯލެއް ކުޅެލަން ބޭނުންވޭ

ބަތަލާ އިން ޑަބަލްް ރޯލް ކުޅުނު ފިލްމުތަކަށް ބަލާއިރު، އެންމެ ހިނގި ފިލްމުތަކަކީ ހެމާ މާލިނީގެ "ސީތާ އޯރް ގީތާ" އާއި ސްރީދޭވީގެ "ޗަލްބާޒް" އެވެ.

މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރް މިހާރު ބުނަނީ އެކަހަލަ ފިލްމެއް ކުޅެން އޭނާ ވެސް ވަރަށް ބޭނުން ކަމަށެވެ. ކަރީނާ ޖަޖެއްގެ ގޮތުގައި ފެންނަ ޒީޓީވީގެ ޑާންސް އިންޑިއާ ޑާންސް (ޑީއައިޑީ) ގެ އެޕިސޯޑެއްގައި އޭނާ ބުނީ ފިލްމެއްގައި ޑަބަލް ރޯލެއް ކުޅުމަކީ އަބަދުވެސް ދެކޭ ހުވަފެނެއް ކަމަށެވެ.

"އަހަންނަށް ވަރަށް ކަމުދޭ އެކަހަލަ ފިލްމުތައް އަބަދުވެސް. ޗަލްބާޒް ވެސް ބެލިފައި ހުންނާނެ ތިރީސް ފަސް ވަރަކަށް ފަހަރު،" ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ކަރީނާ ބުންޏެވެ.

އޭނާ ބުނީ ޑަބަލް ރޯލެއް ކުޅެން ލިބޭނެ ދުވަހަކަށް އިންތިޒާރު ކުރަމުން އަންނަ ކަމަށެވެ. އެކަމަކު އެ ފިލްމަކީ އޮއްޓަރު ހުރި ވާހަކައަކަށް ވާން ޖެހޭނެ ކަމަށް ބުންޏެވެ.

"އެކަހަލަ ފިލްމެއް ކުޅެލަން ކެތްމަދުވެފައި މިހުރީ. ކުރިއަކުން އެކަހަލަ އޮފާއެއް ލިބިފައެއް ވެސް ނެތް،" ސައިފް އަލީ ހާންގެ އަންހެނުން ބުންޏެވެ.

މިދިޔަ އަހަރު "ވީރޭ ދީ ވެޑިން" އިން ފެނިގެން ދިޔަ ކަރީނާގެ ކުރިއަށް އޮތް ފިލްމަކީ ޑިސެމްބަރު 27 ގައި ރިލީޒް ކުރާ "ގުޑް ނިއުސް" އެވެ. އޭނާގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "އަނގްރޭޒީ މީޑިއަމް"، "ލާލު ސިންޗް ޗައްޑާ" އަދި "ތަހުތު" ހިމެނެ އެވެ.