15 ސެޕްޓެމްބަރ 2016 - 10:55

ފްލޮރިޑާ (ސެޕްޓެމްބަރު 15) - އެމެރިކާގެ ފްލޮރިޑާގެ މިސްކިތެއްގައި މިދިޔަ އާދިއްތަ ދުވަހު އަލިފާން ޖެހި މައްސަލައިގެ ތުހުމަތުގައި 32 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މި މައްސަލާގައި ޖޯސެފް މައިކަލް ޝްރެއިބާގެ މައްޗަށް ކުށް ސާބިތު ވެއްޖެ ނަމަ މަދުވެގެން 30 އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ. މިސްކިތުގައި އަލިފާން ޖެހި ކަމަށް ތުހުމަތު ކުރި މީހާ ވަނީ އިސްލާމް ދީނާ ދެކޮޅަށް ވަރަށް ގިނަ ވާހަކަތައް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފަ އެވެ.
އަލިފާނުގެ ހާދިސާގައި ވަނީ ފްލޮރިޑާގެ އިސްލާމިކް ސެންޓަރަށް ވަރަށް ބޮޑަށް ގެއްލުން ލިބިފަ އެވެ. މި މިސްކިތުގައި އަލިފާން ޖަހާފައި ވަނީ ސެޕްޓެމްބަރު 11 ގެ ހަމަލާ އަށް 15 އަހަރު ފުރުނު ދުވަހު އެވެ. މުސްލިމުންގެ އަޟުހާ އީދު ފާހަގަ ކުރަން އެއް ދުވަހަށްވެފައި ވަނިކޮށް ދިން ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. ނަމަވެސް މިސްކިތުގައި އަލިފާން ޖެހުމާ ގުޅިގެން އެ މިސްކިތަށް ނަމާދަށް އަރާ މީހުންގެ ހިތުގައި ވަރަށް ބޮޑު ބިރުވެރި ކަމެއް އުފެދިފައިވާ ކަމަށް އިމާމް ހަމާދު ރަހުމާން ވަނީ ވިދާޅުވެފަ އެވެ.
ފްލޮރިޑާގެ ނައިޓް ކްލަބެއްގައި ޖޫން މަހު ބަޑިން ހަމަލާދީ 49 މީހުން މަރާލި އުމަރު މަތީން ވެސް އާއްމުކޮށް މި މިސްކިތަށް ނަމާދަށް ދެ އެވެ. އޭނާ އަކީ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން އޮންނަ މީހެއް ކަމަށްވެ އެވެ.