ޕްރަސްތާނަމްގެ ރިމޭކްގެ މައްސަލާގައި ސަންޖޭ އަށް ނޯޓިސް ފޮނުވައިފި
ޕްރަސްތާނަމްގެ ރިމޭކްގެ މައްސަލާގައި ސަންޖޭ އަށް ނޯޓިސް ފޮނުވައިފި

ސެޕްޓެމްބަރު މަހު ރިލީޒްކުރާ، ސަންޖޭގެ ދަތުގެ އާ ފިލްމު "ޕްރަސްތާނަމް" ރިމޭކިން ރައިޓްސްގެ މައްސަލާގައި ފިލްމު ކުންފުނި ޝެމަރޫ އިން އޭނާ އަށް ލީގަލް ނޯޓިސް ފޮނުވައިފި އެވެ.

ޕްރަސްތާނަމްގެ ރިމޭކްގެ މައްސަލާގައި ސަންޖޭ އަށް ނޯޓިސް ފޮނުވައިފި
ޕްރަސްތާނަމްގެ ރިމޭކްގެ މައްސަލާގައި ސަންޖޭ އަށް ނޯޓިސް ފޮނުވައިފި

އެ ކުންފުނިން ބުނި ގޮތުގައި 2010 ގައި ހަމަ އެ ނަމުގައި ރިލީޒްކުރި ތެލެގޫ ފިލްމުގެ ހިންދީ ރިމޭކްގެ ރައިޓްސް އޮތީ އެ ކުންފުނީގެ އަތުގަ އެވެ. އަދި ފިލްމުގެ ރައިޓްސް ހޯދީ 2012 ގައި ކަމަށް ވެސް ޝެމަރޫ އިން ބުންޏެވެ.

އެހެންވެ "ޕްރަސްތާނަމް" ގެ ހިންދީ ރިމެކް ސަންޖޭ އަށް ލިބުނީ ކިހިނެއްތޯ އާއި އެކަން ހިނގައި ދިޔަ ގޮތް ސާފުކޮށް ދޭން ސަންޖޭ އަށް ލީގަލް ނޯޓިސް ފޮނުވާފައިކަން ޝެމަރޫގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ކޭތަން މަރޫ ވަނީ ކަށަވަރު ވެސް ކޮށް ދީފަ އެވެ.

"ސަންޖޭ އަށް ލީގަލް ނޯޓިސް ފޮނުވަން ޖެހުނީ އޭނާ ޕްރަސްތާނަމްގެ ހިންދީ ރިމެކް ހަދާކަން އެނގިގެން އެ ފިލްމުގެ ރައިޓްސް އޮތީ އަހަރެމެންގެ އަތުގައިކަން ކުރިން ވެސް ސަންޖޭ އާއި އޭނާގެ ޓީމުގެ ސަމާލު ކަމަށް ގެނައި ނަމަވެސް އެކަމަށް އިޖާބަ ނުދީ ފިލްމު ހަދައި ރިލީޒް ވެސް ކުރަން ނިންމާފައިވާތީ،" އޭނާ ބުންޏެވެ. "އަހަރެމެންގެ މަގުސަދެއް ނޫން ފިލްމާ ދެކޮޅަށް ނުކުތުމަކީ. އެކަމަކު އަހަރެމެންނަށް ރައިޓްސް ލިބިފައި އޮތް ފިލްމެއް އެހެން ބަޔަކު ހެދުމަކީ މައްސަލައެއް."

ސަންޖޭ މުހިއްމު ރޯލެއް ވެސް ކުޅެފައިވާ "ޕްރަސްތާނަމް" އަކީ އޭނާގެ ފިލްމު ކުންފުނި ސަންޖޭ އެސް ދަތު ޕްރޮޑަކްޝަނުން ހަދާފައިވާ ފިލްމެކެވެ. އެގޮތުން ފިލްމުގެ ޕްރޮޑިއުސަރުންގެ ކްރެޑިޓް ދީފައި ވަނީ ސަންޖޭ އާއި އަންހެނުން މަންޔަތާ ދަތަށެވެ.

ސެޕްޓެމްބަރު މަހުގެ 20 ގައި ރިލީޒް ކުރާ "ޕްރަސްތާނަމް" ޑައިރެކްޓް ކުރީ އޮރިޖިނަލް ފިލްމު ވެސް ޑައިރެކްޓް ކުރި ދޭވަ ކައްޓާ އެވެ. އޭގެ ޓީޒާ ވެސް މިހާރު ވަނީ ބެލުންތެރިންނަށް ދައްކާލައިފަ އެވެ.

މި ފިލްމުގެ ކާސްޓުންގެ ތެރޭގައި މަނީޝާ ކޮއިރަލާ، ޖެކީ ޝްރޮފް، އަލީ ފަޒަލް އަދި އަމީރާ ދާސްތޫރް ހިމެނެ އެވެ.

ކަލްޓެއްގެ ދަރަޖަ ވެސް ހޯދާފައިވާ "ޕްރަސްތާނަމް" އަކީ އިންޑިއާގެ ރަށްފުށުގެ ނުފޫޒު ގަދަ ސިޔާސީ ލީޑަރަކު ދަރިން ވެސް ތިބި ހުވަފަތް އަންހެނަކާ ކައިވެނި ކުރުމުން އޭނާ އާއި ދޮންދަރިއާ ދެމެދު ހިނގާ ސިޔާސީ ކުޅިގަނޑެއްގެ ވާހަކަ ކިޔައިދޭ ޕޮލިޓިކަލް ޑްރާމާއެކެވެ.