ދުބާއީގެ ވެރިޔާގެ އަނބިކަނބަލުން ކޯޓުން ހިމާޔަތް ހޯއްދަވަނީ
ދުބާއީގެ ވެރިޔާގެ އަނބިކަނބަލުން ކޯޓުން ހިމާޔަތް ހޯއްދަވަނީ

ލަންޑަން (ޖުލައި 31) - ދުބާއީގެ ވެރިޔާ ޝެއިޚް މުހައްމަދު އަލް މަޚްތޫމްގެ އަނބިކަނބަލުން ޕްރިންސަސް ހަޔާ ބިންތު އަލް ހުސެއިން ފިއްލަވައިގެން ލަންޑަނަށް ވަޑައިގެން އެންމެ ފަހުން ކޯޓުގެ ހިމާޔަތަށް އެކަމަނާ އެދިވަޑައިގެންފި އެވެ.

ދުބާއީގެ ވެރިޔާގެ އަނބިކަނބަލުން ކޯޓުން ހިމާޔަތް ހޯއްދަވަނީ
ދުބާއީގެ ވެރިޔާގެ އަނބިކަނބަލުން ކޯޓުން ހިމާޔަތް ހޯއްދަވަނީ

އިނގިރޭސި ވިލާތުގެ ކޯޓެއްގައި ޕްރިންސަސް ހަޔާ އެދިވަޑައިގެންފައި ވަނީ ކައިވެނި ދަމަހައްޓައި ދިނުމަށާއި އެކަމަނާ އަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރި ކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށެވެ. އަދި ޝެއިޚް މުހައްމަދާއި ޕްރިންސަސް ހަޔާގެ ކުދިން ބެލެހެއްޓުން އެކަމަނާއާ ހަވާލު ކުރުމަށް ވެސް އެދިވަޑައިގެންފައިވެ އެވެ. ޕްރިންސަސް ހަޔާ ދުބާއީން ފިއްލަވައިގެން ލަންޑަނަށް ވަޑައިގެންނެވީ އެކަމަނާގެ ބޭފުޅުންނާ އެކު އެވެ.

އަނެއްކޮޅުން ޝެއިޚް މުހައްމަދު ވަނީ ލަންޑަނުގައި މިހާރު ތިބި އެމަނިކުފާނުގެ ބޭފުޅުން އަނބުރާ ދުބާއީ އަށް ގެނައުމަށް ކޯޓުގައި އެދިވަޑައިގެންފަ އެވެ.

ޕްރިންސަސް ހަޔާ ފިއްލެވީ ފިރިކަލުން ޝެއިޚް މުހައްމަދު، 70، ގެ އާއިލީ ބޭފުޅުންގެ ފަރާތުން ކުރިމަތިވާ ބިރުތަކާ ގުޅިގެން ކަމަށްވެ އެވެ. ޖޯޑަންގެ ރަސްގެފާން އަބްދުﷲ ގެ ކޮއްކޯފުޅު އަދި އިނގިރޭސި ވިލާތުގެ އޮކްސްފޯޑުން ކިޔަވާ ވިދާޅުވެފައިވާ ޕްރިންސަސް ހަޔާ، 45، ބިލިއަނަރު ޝެއިޚް މުހައްމަދުއާ ކައިވެނި ބައްލަވައިގެންނެވީ 2004 ވަނަ އަހަރު އެވެ. އެކަމަނާ އަކީ ޝެއިޚް މުހައްމަދު ހަ ވަނަ އަށް ކައިވެނި ބައްލަވައިގެންނެވި އަދި އެމަނިކުފާނުގެ އެންމެ ހަގު އަނބިކަނބަލުންނެވެ. އެކި ކައިވެނިތަކަށް ޝެއިޚް މުހައްމަދަށް 23 ބޭފުޅުން ލިބިވަޑައިގެންފައިވާ ކަމަށްވެ އެވެ.

ޕްރިންސަސް ހަޔާ އެންމެ ފުރަތަމަ ފިއްލަވައިގެން މި އަހަރު ވަޑައިގެންނެވީ ޖަރުމަނަށެވެ. އެކަމަނާ ވަނީ ޖަރުމަނުން ސިޔާސީ ހިމާޔަތް ހޯއްދެވުމަށް ވެސް މަސައްކަތް ކުރައްވައިފަ އެވެ.

ޕްރިންސަސް ހަޔާ މިހާރު ދިރިއުޅުއްވަނީ ލަންޑަންގެ މެދުތެރޭގައި ހުންނަ 85 މިލިއަން ޕައުންޑް (107 މިލިއަން ޑޮލަރު) ގެ ގަނޑުވަރެއްގައި ކަމަށްވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޝެއިޚް މުހައްމަދުގެ ދަރިކަނބަލުން ޝެއިޚާ ލަތީފާ އާއި ޕްރިންސަސް ހަޔާއާ ދެމެދު ވަނީ ހިތްހަމަނުޖެހުންތަކެއް އުފެދިފަ އެވެ. ޔޫއޭއީ އިން ފިއްލަވައިގެން ޝެއިޚާ ލަތީފާ އުޅުއްވަނިކޮށް މިދިޔަ އަހަރު ވަނީ އަނބުރާ ދުބާއީ އަށް ގެންގޮސްފަ އެވެ. މި މައްސަލާގައި ޕްރިންސަސް ހަޔާ އާއި އަޔަލެންޑުގެ ކުރީގެ ރައީސާ މެރީ ރޮބިންސަން ވަނީ ދުބާއީ ދިފާއުކޮށް ވާހަކަ ދައްކަވައިފަ އެވެ. ޕްރިންސަސް ހަޔާ ހުންނެވީ ރައްކާތެރިކަމާ އެކު ކަމަށް ދުބާއީން ބުނި ނަމަވެސް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނަނީ ޝެއިޚާ ލަތީފާ ވަނީ އެކަމަނާގެ ނުރުހުމުގައި ގަދަކަމުން ގެނެސްފައި ކަމަށެވެ. އެ މައްސަލާގައި ޕްރިންސަސް ހަޔާ އަށް ވަނީ ފިރިކަލުންގެ އާއިލާގެ މީހުންގެ ފަރާތުން ވެސް ނުރުހުން އަމާޒުވާން ފަށައިފަ އެވެ.