31 ޖުލައި 2019 - 12:18

ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ތެރެއިން ގެއްލުމުގައި ހިންގާ ކުންފުނިތައް ޕްރައިވެޓައިޒް ކުުރުމަށް ގޮވާލާ ގަރާރެއް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.
ޖާބިރު ހުށަހެޅުއްވި ގަރާރުގައި ގޮވާލާފައި ވަނީ ގެއްލުމުގައި ހިންގަމުން އަންނަ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމަށް ކުރަން ޖެހޭ ކަންތައްތައް މިހާރުން މިހާރަށް ކުރަން ފެށުމަށެވެ. ގަރާރުގައި އޭނާ ވިދާޅުވެފައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޮޑެތި ގެއްލުންތައް ވުމުގެ ސަބަބުން އެ ކުންފުނިތަކުގެ ދަރަންޏަށް ސަރުކާރުން ޒިންމާވާންޖެހޭ ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންނަށް ގެއްލުންވާ ކަމަށެވެ. އެ ފަދަ ވިޔަފާރިތައް ޕްރައިވެޓައިޒް ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއްކަން ގަރާރުގައި ޖާބިރު ފާހަގަކުރައްވާފައިވެ އެވެ.
"... ޕްރައިވަޓައިޒްކުުރުމުގެ ވައުދަކީ މިހާރުން މިހާރަށް ފުއްދަން ޖެހިފައިވާ ވައުދެއް ކަމަށް ވާތީ، މިދެންނެވި ގޮތުގެ މަތިން ސަރުކާރުގެ ހިއްސާ އޮވެގެން ހިންގަމުން އަންނަ ކުންފުނިތަކުގެ ތެރެއިން ގެއްލުމުގައި ހިންގަމުން އަންނަ ކުންފުނިތައް ޕްރައިވަޓައިޒްކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން މިހާރުން މިހާރަށް ފައްޓައި އެ ކުންފުނިތައް ޕްރައިވަޓައިޒް ކުރުމަށް ދައުލަތުގެ މައްޗަށް ލާޒިމު ކުރުމަށް ބާރުއެޅުމުގެ ގޮތުން މިގަރާރު ހުށަހެޅީމެވެ،" ގަރާރުގައި ބުނެފައިވެ އެވެ.
ގެއްލުމުގައި ހިންގާ ދެކުންފުންޏެއްގެ ނަން ގަރާރުގައި ވަކިން ފާހަގަކޮށްފައިވެ އެވެ. އެ ގޮތުން ފާހަގަކޮށްފައި ވަނީ މިފްކޯ އާއި އެމްޓީޑީސީ އެވެ. މިފްކޯ އަށް ގެއްލުން ވާއިރު މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކުގެ ފައިދާ އަހަރުން އަހަރަށް އިތުރުވަމުން އައުމަކީ ޕްރައިވަޓައިޒް ކުރަން ޖެހޭ ސަބަބެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ޖާބިރު ހުށަހެޅުއްވި ގަރާރުގެ ފުރަތަމަ ކިއުން މިއަދު ވަނީ ބާއްވައިފަ އެވެ.
މަޖިލީހަށް ގަރާރު ހުށަހެޅުއްވުމުގެ ކުރިން ޖާބިރު ވަނީ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ) ކޮމިޓީގައި އެތައް ފަހަރަކު މި ވާހަކަ ދައްކަވައިފަ އެވެ.