31 ޖުލައި 2019 - 11:35

ނިއު ރޭޑިއަންޓަށް މިދިޔަ ސީޒަނުގައި ކުޅުނު އަފްގާނިސްތާނުގެ ޑިފެންޑަރު ހާރޫން އަމީރީ، އެ ކްލަބުގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮންގެ ސޮއި ފޯޖްކޮށް، ކްލަބުގެ ނަމުގައި ފޭކް ރިލީޒް ލިޔުންތަކެއް އިންޑިއާ ކްލަބަކަށް ހުށަހެޅި މައްސަލައެއް ފެންމަތިވެ، އެކަން ފީފާ އަށް ހުށަހަޅަން ނިއު އިން ނިންމައިފި އެވެ.
އަމީރީ ބަދަލުވާން މަސައްކަތްކުރާ އިންޑިއާ އައި ލީގުގެ ގޯކުމް ކެރަލާ އެފްސީ އަށް ހުށަހެޅީ ނިއު އިން ރިލީޒް ދިން ކަމުގެ ލިޔުމާއި ތާޑް-ޕާޓީ އޯނާޝިޕެއް ނެތް ކަމުގެ ލިޔުމެވެ. މި ދެ ލިޔުމަކީ ވެސް ކުޅުންތެރިޔަކު އާ ކްލަބަކާ ގުޅޭ ނަމަ ކުރީގެ ކްލަބުގެ ފަރާތުން ހުށަހަޅަން ޖެހޭ ދެ ލިޔުމެވެ.
ނިއުގެ އެފަދަ ލިޔުންތަކުގައި ސޮއިކުރަނީ ޖެނެރަލް ސެކްރެޓަރީ އެވެ. ކޯޗަކީ އެފަދަ ލިޔުމެއްގައި ސޮއިކުރުމުގެ ހައްގު އޮންނަ މީހެއް ނޫނެވެ. އަމީރީގެ ފަރާތުން އޭނާގެ އޭޖެންޓް ގޯކުމް އަށް ފޮނުވި ލިޔުމުގައި އޮސްކާގެ ނަމުގައި ސޮއިކޮށްފައިވަނީ ކޯޗާއި ޓީމު މެނޭޖަރުގެ ހައިސިއްޔަތުން ކަމަށް ބުނެ އެވެ. ބެލެވޭ ގޮތުގައި ނިއު އަތުން ރަސްމީކޮށް ލިޔުން ހޯދުމުގެ ބަދަލުގައި މިފަދަ ކަމެއް އޭނާ ކުރީ، ނިއުއާ މައްސަލަ ޖެހިފައި އޮތުމާ އެކު އެ ލިޔުން ނުލިބިދާނެތީވެ އެވެ.
ރިލީޒް ލިޔުމުގައި ބުނެފައިވަނީ އަމީރީ އަކީ އެ ކްލަބުގެ ކުޅުންތެރިޔެއް ނޫން ކަމަށާއި އެ ކްލަބަށް އޭނާގެ ބޭނުމެއް މިވަގުތު ނެތް ކަމަށާއި ފީފާގެ ގަވާއިދުގެ ދަށުން އެހެން ކްލަބަކަށް ގުޅުމަށް ހުރަހެއް ނެތް ކަމަށް ކޯޗާއި ޓީމު މެނޭޖަރުގެ ހައިސިއްޔަތުން ކަށަވަރުކޮށްދޭ ކަމަށެވެ. އަދި އަމީރީގެ އިކޮނޮމިކަލް ރައިޓްސްއާ ގުޅޭ ތާޑް ޕާޓީ އެއްބަސްވުމެއް އެއްވެސް ފަރާތަކާ އެކު ސޮއިކޮށްފައިނުވާކަން ވެސް 25، ޖޫން 2018 ގެ ތާރީހު ޖަހާފައިވާ ސިޓީގައި ކަށަވަރުކޮށްދީފައިވެ އެވެ.
މިއީ ފޯޖްކޮށްފައިވާ ލިޔުމެއްކަން ފަޅާއެރީ، އެ ސިޓީގައި ނިއުގެ ސޮއި ނެތުމުން ގޯކުމް އިން އޮސްކާ އަށް ގުޅުމުންނެވެ. އޮސްކާ ވަނީ އެފަދަ ލިޔުމެއްގައި ސޮއިކޮށްފައިނުވާކަން އެ ކްލަބަށް ކަށަވަރުކޮށްދީފަ އެވެ. އެއާ އެކު ގޯކުމް އިން އެ ލިޔުން ވެރިފައިކުރަން ނިއު އަށް ފޮނުވީ އެވެ.
ނިއު އިން ވަނީ އެ ލިޔުން ބެލުމަށް ފަހު އެއީ ކްލަބުގެ ލިޔުމެއް ނޫންކަން ގޯކުމް އަށް އަންގައިފަ އެވެ. އަދި އޮސްކާ ނިއުއާ އެކު ކޮންޓްރެކްޓުގައި ހުރީ ކޯޗެއްގެ ގޮތުގައި ކަމަށާއި ކްލަބުގެ ނަމުގައި އެއްވެސް ލިޔުމެއްގައި ސޮއިކުރުމުގެ ހައްގެއް އޭނާ އަށް ނޯންނާނެ ކަމަށް ވެސް އަންގާފައިވެ އެވެ. އަމީރީގެ ފަރާތުން އަހުލާގީ އެތައް މައްސަލަތަކެއް ފެނިފައިވާ ކަމަށާއި ކްލަބަށް ނާންގާ ފުރައިގެން ގޮސްފައިވާތީ ނިއު އިން ކޮންޓްރެކްޓް އުވާލާފައިވާ އެ ކުޅުންތެރިޔާގެ މި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަން ވެސް ނިއު އިން ވަނީ ގޯކުމްގައި އެދިފަ އެވެ.
"މިހާރަ"ށް އެނގިފައިވާ ގޮތުގައި އޮސްކާ ވެސް ވަނީ އެއީ ފޯޖްކޮށްފައިވާ ލިޔުމެއްކަން ނިއު އަށް އަންގައިފަ އެވެ.
އަމީރީ މިދިޔަ އަހަރުގެ ޖޫން މަހު ފުރައިގެން ދިއުމަށް ފަހު ވަނީ އޭނާ އަށް ދެ މަހުގެ މުސާރަ ނުދީ ކަމަށް ބުނެ ފީފާގައި މައްސަލަ ޖައްސައިފަ އެވެ. އެ މައްސަލަ ބެލުމަށް މުސާރަ ދޭން ފީފާ އިން އެންގި މުއްދަތުގައި ނިއު އިން އެކަންކޮށްފައިނުވާތީ ފީފާ އިން ވަނީ ނިއު އަށް ކުޅުންތެރިން ނުގެނެވޭ ގޮތަށް އަދަބު ވެސް ދީފަ އެވެ. އެކަމަކު ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި އެފްއޭއެމުން ނިއު ސަސްޕެންޑްކޮށްފައިވާތީ، ކުޅުންތެރިޔަކު ނުގެނެވުމުގެ އަސަރެއް އެ ކްލަބަށް ނުކުރާނެ އެވެ.
އެ މައްސަލައިގައި ނިއު އިން ބުނެފައިވަނީ ވަނީ މިދިޔަ އަހަރުގެ މޭ މަހުގެ މުސާރަ ދޭން އޮންނަނީ ޖޫން 10 ވަނަ ދުވަހުގެ ކުރިން ކަމަށާއި 7 ވަނަ ދުވަހު މުސާރަ ދިނުމުން އޭނާ ނުހިފީ ކަމަށާއި އެހެންވެ ދެ މަހުގެ މުސާރަ ނުދީ އޮތް ކަމަށް ބުނާ ވާހަކަ ދެކޮޅު ނުޖެހޭ ކަމަށެވެ. އަދި އޭނާ މުސާރައިގައި ނުހިފީ، ކޮންޓްރެކްޓް ބާތިލްނުކުރާތީ އެ މައްސަލަ ފީފާ އަށް ހުށަހެޅުމަށްޓަކައި ކަމަށް ނިއު އިން ތުހުމަތުކުރެ އެވެ.
އަމީރީ ހިތްހަމަނުޖެހުނީ އެކޮމަޑޭޝަނުގެ މައްސަލައެއްގަ އެވެ. ނިއު އިން އޭނާ އެންމެ ފުރަތަމަ ބެހެއްޓީ ވަކި ލަގްޒަރީ އެޕާޓްމަންޓެއްގަ އެވެ. އެކަމަކު އެތަނުގެ ވެރި ފަރާތުން ތަން ހުސްކުރަން އެންގުމުން ނިއު އިން އަމީރީ އަށް ދެން ހަމަޖައްސައިދިނީ ވަކި ކޮޓަރިއެއް ލިބޭ ގޮތަށް ބިދޭސީ އެހެން ކުޅުންތެރިންނާ އެކު އެޕާޓްމަންޓެކެވެ. އެކަމަކު އެކަމާ ހިތްހަމަނުޖެހިން ތަން ހުސްކުރަން ދެކޮޅު ހަދައި އެންމެ ފަހުން އަމިއްލަ އަށް ހޮޓަލަކަށް ބަދަލުވީ އެވެ. ނިއު އިން ބުނީ ވަކި އެޕާޓްމަންޓެއް ދޭން ކޮންޓްރެކްޓުގައި ނޯންނާނެ ކަމަށެވެ.
އަދި އަމީރީ އެކަންކަމަށް ޑިމާންޑްކުރާތީއާ އެކު، ކްލަބުގައި އެ މަގާމަށް ކުޅޭނެ އެހެން ދިވެހި ކުޅުންތެރިން ތިބުމުން އޭނާ ބަހައްޓަން ކްލަބުން ބޭނުންނުވި ކަމަށް ނިއު އިން ބުނެފައިވެ އެވެ. އެކަމަކު ފުރައިގެން ދިޔައީ ސީދާ ގޮތެއް ނުނިންމަނީސް ކްލަބަށް ނޭގި ކަމަށާއި އެ މައްސަލަ ފީފާ އަށް ލިޔާނެ ކަމަށް ވެސް އޭރު ބުނެފައިވެ އެވެ.