01 އޯގަސްޓް 2019 - 07:14

އިންޑޮނީޝިއާގެ ބާލީ އަށް ޗުއްޓީ އަށް ދިޔަ އިންޑިއާގެ އާއިލާއެއްގެ ބަޔަކު އެ މީހުން ތިބި ހޮޓަލުން ވައްކަން ކުރި މައްސަލައެއް ފަޅާއަރައި، އިންޑިއާ އަށް ބޮޑު ލަދަކާ ކުރިމަތިވެއްޖެ އެވެ.
މި ހަފުތާގެ ކުރީކޮޅު، އިންޑިއާގެ އާއިލާ ތިބި ހޮޓަލުގެ ކޮޓަރިން ވައްކަން ކުރި ކަމަށް އެތަނުގެ މުވައްޒަފުންނަށް ޝައްކުވެގެން، އެ މީހުންގެ ލަގެޖް ޗެކްކުރި އިރު ކޮޓަރީގެ ފާހާނާ ތެރޭގައި ހުރި ބައެއް ތަކެއްޗާއި ކޮޓަރީގައި ހުރި ބައެއް އިލެކްޓްރިކް ސާމާނާއި ކޮސްމެޓިކްސް އާއި ބައެއް ތަކެތި އެ މީހުންގެ އަތުން ފެނިފައިވެ އެވެ. އަދި މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އިރު، އިންޑިއާގެ ވަރަށް ގިނަ ބަޔަކު ވަނީ މިއީ ގައުމަށް ވެސް ލިބުނު ބޮޑު ހުތުރަކާއި ލަދެއް ކަމަށް ބުނެފަ އެވެ.
ވައްކަން ކުރި އާއިލާގެ ލަގެޖް ޗެކްކޮށް، ވަގަށް ނެގި ތަކެތި ހޮޓަލުގެ މުވައްޒަފުން ދައްކާއިރު، އެކަމާ މާފަށް އެދޭ ކަމަށާއި ވަގަށް ނެގި ތަކެއްޗަށް ފައިސާ ދައްކާނެ ކަމަށް ބުނާ އަޑު ވީޑިއޯ އިން އިވެ އެވެ.
ވައްކަން ކުރިކަން ފަޅާއަރައި ބޭޒާރުވީ އެ މީހުން ޗުއްޓީ ނިންމާލާފައި ހޮޓަލުން ޗެކްއައުޓްވާން އުޅެނިކޮށެވެ.
މިކަމާ ގުޅިގެން ޓްވިޓާގައި ކަންބޮޑުވުން ފާޅުކުރި އިންޑިއާގެ ގިނަ މީހުން ބުނީ މިއީ ގައުމުތަކަށް ދަތުރުކުރާ އިންޑިއާ މީހުންނަށް ލިބުނު ވަރަށް ބޮޑު ހުތުރެއް ކަމަށެވެ. އަދި މިފަދަ ކަންކަމުން ގައުމުގެ މޫނުމަތި ހަޑިވުން ނޫން ކަމެއް ނުވާނެ ކަމަށް ބުންޏެވެ.
ބައެއް މީހުން ބުނި ގޮތުގައި އިންޑިއާގެ ޕާސްޕޯޓާ އެކު ދަތުރު ކުރާ އިރު، ގައުމުގެ އަގު ހިފަހެއްޓުމަކީ އިންޑިއާގެ ކޮންމެ ރައްޔިތެއްގެ ވެސް ޒިންމާއެކެވެ.
އަދި ވައްކަން ކުރުން ފަދަ ހުތުރު އަމަލުތައް ޗުއްޓީތަކަށް ގޮސް، ހިންގުމަކީ އިންޑިއާ ރައްޔިތުންނާ ދޭތެރޭ ގައުމުތަކުން ވަރަށް ގޯސް ގޮތަކަށް ދެކެން ފަށައިފާނެ ކަމެއް ކަމަށް ވެސް ބުންޏެވެ.