31 ޖުލައި 2019 - 11:12

ބެންގަލޫރު (ޖުލައި 31) - އިންޑިއާގެ ކެފޭ ކޮފީ ޑޭ ޗެއިންގެ ބާނީ އަދި ބިލިއަނަރު ވީ.ޖީ ސިއްދާތާ މިދިޔަ ހޯމަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދަނިކޮށް ދެކުނު އިންޑިއާގެ މެންގަލޫރުގެ ކޯރެއްގެ ކައިރީ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ޑްރައިވަރާ އެކު ކާރުގައި ހޯމަ ދުވަހު ދަތުރުކޮށްފައި ގޮސް ނެތުރަވިތި ކޯރު ކައިރީ ކާރު މަޑުކުރުމަށް ފަހު ކާރުން އޭނާ ފޭބި ގޮތަށް ސިއްދާތާގެ ހަބަރެއް ނުވެ އެވެ. އުމުރުން 59 އަހަރުގެ ސިއްދާތާ ހޯދުމަށް ފުލުހުން ބޮޑު އޮޕަރޭޝަނެއް ފަށާފައި ވަނިކޮށް އޭނާގެ ހަށިގަނޑު ކޯރުގެ އައްސޭރީގައި އޮއްވާ ފެނުނީ މަސްވެރިއަކަށެވެ.

ސައުތު ކަރްނާޓަކާ ފުލުހުންގެ ޑިޕިއުޓީ ކޮމިޝަނަރު ސަސިކަންތު ސެންތިލް މިއަދު ވިދާޅުވީ ސިއްދާތާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވާފައިވާ ކަމަށެވެ. މެންގަލޫރް ޕޮލިސް ކޮމިޝަނަރު ސަންދީޕް ޕަޓިލް ވިދާޅުވީ ގާނޫނީ ބައިތައް ފުރިހަމަ ކުރުމަށް ފަހު ސިއްދާތާގެ ހަށިގަނޑު އާއިލާއާ ހަވާލު ކުރާނެ ކަމަށެވެ. އަދި ސިއްދާތާ އަމިއްލަ އަށް މަރުވީތޯ ބަލަން ތަހުގީގު ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސިއްދާތާގެ އާއިލާ ކޮފީގެ ވިޔަފާރި ކުރާތާ 130 އަހަރުވެއްޖެ އެވެ. ސިއްދާތާގެ ކެފޭ ކޮފީ ޑޭގެ ފުރަތަމަ އައުޓްލެޓް ހުޅުވީ 1996 ވަނަ އަހަރު ބެންގަލޫރުގަ އެވެ. އޭގެ ފަހުން އޭނާ ވަނީ ދުނިޔޭގެ ކޮފީގެ އެންމެ ބޮޑެތި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިފަ އެވެ.
ކެފޭ ކޮފީ ޑޭގެ 1،750 ތަން ދުނިޔޭގެ އެކި ހިސާބުތަކުގައި ހިންގަ އެވެ. ގިނަ ތަންތަން ހުރީ އިންޑިއާގަ އެވެ. ނަމަވެސް މެލޭޝިއާ، މިސްރު، ޗެކް ރިޕަބްލިކް އަދި އޮސްޓްރޭލިއާ ފަދަ ގައުމުތަކުގައި ވެސް ކެފޭ ކޮފީ ޑޭ އައުޓްލެޓްތައް ހިންގަ އެވެ. ކެފޭ ކޮފީ ޑޭގެ މުވައްޒަފުންގެ ގޮތުގައި 30،000 މީހުން ހަރަކާތްތެރިވެ އެވެ.
ފުލުހުން ބުނީ ސިއްދާތާ ބެންގަލޫރުން ހޯމަ ދުވަހު ނައްޓާލީ ފަރުބަދަ މަތީގެ ރިސޯޓަކަށް ދިއުމަށް ކަމަށް ބުނެ އެވެ. އެކަމަކު ފަހުން އޭނާ ދިޔައީ ޑްރަވަރާ އެކު މެންގަލޫރަށެވެ. އޭގެ ފަހުން ކޯރަކާ ހަމައަށް ދިއުމުން ކާރު މަޑު ކުރަން ބުނެ އޭނާ ކާރުން ފައިބައިގެން ބްރިޖު މަތިން ހިނގާފައި ދިޔައީ ފޯނުން ވާހަކަ ދައްކަމުންނެވެ. އޭގެ ފަހުން އޭނާގެ ޚަބަރެއް ނުވުމުން ޑްރައިވަރު ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފަ އެވެ.
ސިއްދާތާ ކައިވެނިކޮށްފައި ވަނީ ކަރުނާޓަކާގެ ކުރީގެ ޗީފް މިނިސްޓަރު އެސް.އެމް ކްރިޝްނާގެ ދަރިކަނބަލަކާ އެވެ. ސިއްދާތާގެ އަންހެނުންނަކީ ވެސް ކުންފުނީގެ ބޯޑު މެންބަރެކެވެ. އެ ދެމަފިރިންނަށް ދެ ކުދިން ލިބިފައިވެ އެވެ.
ސިއްދާތާގެ ވިޔަފާރިއަށް ޕްރެޝަރާ ކުރިމަތިލާން ޖެހިފައި ވަނީ އިންޑިއާގެ ޓެކްސް އޮފިޝަލުން 2017 ވަނަ އަހަރު އެ ކުންފުނީގެ އޮފީސްތައް ޗެކް ކުރަން ފެށުމުންނެވެ. ކެފޭ ކޮފީ ޑޭގެ ބޯޑަށް ޗެއާމަން ފޮނުވި ސިޓީއެއްގައި ވަނީ ކުންފުނީގެ މާލީ ކަންކަން ބެލެހެއްޓުމުގައި ގޯސްތައް ހެދިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑުގެ މަގްސަދަކީ ބަޔަކަށް އޮޅުވާލައި މަކަރު ހެދުމެއް ނޫނެވެ. އެކަމަކު ވިޔަފާރިވެރިއެއްގެ ގޮތުގައި އަޅުގަނޑު ވަނީ ފެއިލްވެފަ އެވެ." ޖުލައި 27 ގައި ބޯޑަށް ފޮނުވި ސިޓީގައި ސިއްދާތާ ވިދާޅުވެފައިވެ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ކޮފީ ޑޭ އެންޓަޕްރައިސަސް ލިމިޓެޑް ދަރަނިވެރިވެފައިވާތީ ކޮކާ ކޯލާ އަށް 1.45 ބިލިއަން ޑޮލަރަށް ވިއްކާލަން ސިއްދާތާ މަޝްވަރާ ކުރި އެވެ.