15 ސެޕްޓެމްބަރ 2016 - 09:21

ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް ކޮލިފިކޭޝަނުގެ ޒޯން ބުރުގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝްއާ ދެކޮޅަށް މާދަމާ ނުކުންނައިރު، ރާއްޖެ އަށް މި ބުރު ކާމިޔާބުކުރެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ގައުމީ ވޮލީބޯޅަ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނެފި އެވެ.
ކިރްގިސްތާނުގައި ކުރިއަށްދާ މި ބުރުގައި ރާއްޖެ އާއި ބަންގްލަދޭޝްގެ އިތުރުން ހިމެނެނީ ކިރްގިސްތާނެވެ. ތިން ޓީމުގެ މެދުގައި ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު އެއް ވަނަ ހޯދާ ޓީމަކަށް އަނެއް ބުރުން ފުރުސަތު ލިބޭނެ އެވެ.
ފުރަތަމަ މެޗުގައި މިއަދު ބަންގްލަދޭޝް އާއި ކިރްގިސްތާން ކުޅުމަށް ފަހު ދެ ވަނަ މެޗުގައި މާދަމާ ކުޅޭނީ ރާއްޖެ އާއި ބަންގްލަދޭޝް އެވެ. އަދި ފަހު މެޗުގައި ހޮނިހިރު ދުވަހު ރާއްޖެ ބައްދަލުކުރާނީ ކިރްގިސްތާނާ އެވެ.
ކޯޗު އަދި ކުރީގެ ކުޅުންތެރިޔާ ކާއްޓޭ ބުނީ އަނެއް ދެ ޓީމަކީ ވެސް ރާއްޖެއާ ފެންވަރުގެ ގޮތުން ދާދި އެއްވަރުގެ ދެ ޓީމު ކަމަށާއި މި ފަހަރު އުއްމީދު ބޮޑު ކަމަށެވެ.
"ތިން ޓީމު ވެސް ގާތްގަނޑަކަށް އެއްވަރު. ރަނގަޅަށް މަސައްކަތްކުރާ ޓީމަކަށް ކުރިއެރުން އޮތީ. ރާއްޖޭން ވަނީ ބަންގްލަދޭޝް ދެ ފަހަރު ބަލިކޮށްފައި. އެކަމަކު މި ފަހަރު އެ ޓީމު ވަނީ ބަދަލުވެފައި ބައެއް އާ ކުޅުންތެރިން ވެސް ހިމެނޭ،" ކާއްޓޭ ބުންޏެވެ.
އޭނާ ބުނީ އަނެއް ދެ ޓީމަށް ވުރެ ރާއްޖޭގެ ބައިނަލްއަގްވާމީ މެޗު ތަޖުރިބާ ބޮޑު ވާނެ ކަމަށާއި މިދިޔަ އަހަރެއްހާ ދުވަސް ތެރޭ ރާއްޖޭން ގިނަ މެޗުތަކެއް ކުޅެފައިވާތީ އެކަމުގެ ފައިދާ ނެގޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
ކޯޗުގެ އެންމެ ބޮޑު ފިކުރަކީ އޭނާގެ ކޮއްކޮ އަދި ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި ހަސަން ނިލާމް އަނިޔާގައި ތިބުމެވެ. ކާއްޓޭ ބުނީ، ދެ ކުޅުންތެރިން ސަތޭކަ ޕަސެންޓް ފިޓް ނޫނަސް މެޗުގައި ކުޅޭނެ ކަމަށާއި އެ ކުޅުންތެރިންގެ މެކްސިމަމް ދޭނެ ކަމަށެވެ.