03 އޯގަސްޓް 2019 - 08:51

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އުދިތު ނާރަޔަން އަށް މަރުގެ އިންޒާރު ދޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި އެވެ.
ނުވަދިހައިގެ އަހަރުތަކުގައި، ހިތްގައިމު އެތައް ލަވައެއް ކިޔާފައިވާ 63 އަހަރުގެ ލަވަކިޔުންތެރިޔާ ބުނި ގޮތުގައި ކާކުކަން ނޭނގޭ ނަމްބަރަކުން ގުޅާފައި މަރުގެ އިންޒާ ރުދޭތާ މިހާރު މަހެއްހާ ދުވަސްވެއްޖެ އެވެ.
މުމްބާއީގެ އަމްބޯލީ ޕޮލިސް ސްޓޭޝަނުން މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ އިރު، މިހާތަނަށް އެނގިފައިވާ ގޮތުގައި އުދިތަށް ގުޅާ ނަމްބަރަކީ އޭނާގެ ސެކިއުރިޓީ ގާޑެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ނަމްމަބަރެވެ. އަދި އެ ނަމްބަރުން ގުޅާފައި އިންޒާރު ދޭން ފެށީ ފޯނު ވަގަށް ނެގި ފަހުން ކަމަށްވެ އެވެ.
މައްސަލައިގެ ތަހުގީގާ ބެހޭ ގޮތުން ފުލުހުން ބުނީ އުދިތަށް ގުޅާ މީހާ އަކީ ލަކްޝަންމަން ކިޔާ މީހެއްކަން މިހާރު ހޯދިފައިވާ ކަމަށާއި އޭނާ އަތުލައިގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ޕާޕާ ކެހެތޭ ހޭ ބަޅާ ނާމް ކަރޭގާ" ފަދަ އެތައް ލަވައެއް ކިޔާފައިވާ އަދި މިހާރު ވެސް ފިލްމުތަކަށް ލަވަ ކިޔާ އުދިތު ވަނީ ސޮނީން ގެނެސްދޭ "ސުޕަސްޓާ ސިންގާ" ޝޯގައި މިދިޔަ ހަފުތާގައި 90 އަހަރުތަކުގެ ލަވަތަކަށް ހާއްސަކޮށްގެން ގެނެސް ދިން އެޕިސޯޑްގައި ވެސް ބައިވެރިވެފައި އެވެ. އެ އެޕިސޯޑްގައި އޭނާއާ އެކު ހިތްގައިމު އެތައް ޑުއެޓެއް ކިޔާފައިވާ އަދި ޝޯގެ ޖަޖެއްގެ ގޮތުގައި ވެސް ބައިވެރިވާ އަލްކާ ޔަގްނިކާއި ކުރީގެ ލަވަކިޔުންތެރިޔާ ކުމާރު ސާނޫ ވެސް ބައިވެރިވި އެވެ.
ހަތަރު ފަހަރަށް ނެޝަނަލް އެވޯޑް ހޯދުމުގެ އިތުރުން އިންޑިއާ ސަރުކާރުންދޭ މަތީ ޝަރަފު ޕަދުމާ ޝްރީ އާއި ޕަދުމާ ބުޝަން ވެސް ހާސިލުކޮށްފައިވާ އުދިތުއަކީ ޒުވާން ލަވަކިޔުންތެރިޔާ އަދި ޓީވީ ހޯސްޓް އަދިތިޔާ ނާރަޔަންގެ ބައްޕަ އެވެ.