ބީއެމްއެލްގެ އާންމު ޖަލްސާގައި ބޭންކް ދިފާއު ކުރުމާއި މައްސަލަތަކުގެ ޝަކުވާ އުފުލުން!
ބީއެމްއެލްގެ އާންމު ޖަލްސާގައި ބޭންކް ދިފާއު ކުރުމާއި މައްސަލަތަކުގެ ޝަކުވާ އުފުލުން!

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ)ގެ ހިޔާނާތާ ގުޅިގެން ބީއެމްއެލްގެ ތެރެއިން ދައުރުވި ޗެކްތަކުގެ މައްސަލައިގައި އެ ކުންފުނީގެ އާންމު ހިއްސާދާރުންގެ ކަންބޮޑުވުން ހާމަކޮށްފި އެވެ. އަދި ބައެއް ހިއްސާދާރުން ބޭންކްގެ ދިފާއުގައި ވެސް ވާހަކަ ދައްކައިފި އެވެ.

ބީއެމްއެލްގެ އާންމު ޖަލްސާގައި ބޭންކް ދިފާއު ކުރުމާއި މައްސަލަތަކުގެ ޝަކުވާ އުފުލުން!
ބީއެމްއެލްގެ އާންމު ޖަލްސާގައި ބޭންކް ދިފާއު ކުރުމާއި މައްސަލަތަކުގެ ޝަކުވާ އުފުލުން!

ހޮޓެލް ޖެންގައި ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ވަނީ އެމީހުންގެ ހިޔާލުތައް ފާޅުކޮށް، އެތައް ސުވާލެއް ބޭންކްގެ ބޯޑަށް ކުރިމަތިކޮށްފަ އެވެ.

ބީއެމްއެލްގެ އާންމު ޖަލްސާގައި ބޭންކް ދިފާއު ކުރުމާއި މައްސަލަތަކުގެ ޝަކުވާ އުފުލުން!
ބީއެމްއެލްގެ އާންމު ޖަލްސާގައި ބޭންކް ދިފާއު ކުރުމާއި މައްސަލަތަކުގެ ޝަކުވާ އުފުލުން!

އެއް ހިއްސާދާރަކު އެދުނީ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ދޮގު ހެއްދެވި ކަމަށް ބުނެ އެ މައްސަލަ ބަލަމުންދާ އިރު، އެދުވަހު ކޮމިޓީގައި ވާހަކަ ދެއްކެވީ ތެދު ބަހުންތޯ ނުވަތަ ހެއްދެވީ ދޮގުތޯ އަންގަވައިދެއްވުމަށެވެ.

ބީއެމްއެލްގެ އާންމު ޖަލްސާގައި ބޭންކް ދިފާއު ކުރުމާއި މައްސަލަތަކުގެ ޝަކުވާ އުފުލުން!
ބީއެމްއެލްގެ އާންމު ޖަލްސާގައި ބޭންކް ދިފާއު ކުރުމާއި މައްސަލަތަކުގެ ޝަކުވާ އުފުލުން!

ބޯޑު މެމްބަރެއްގެ ހައިސިއްޔަތުން ޝަރީފް ޖަލްސާގައި އިންނެވި ނަމަވެސް އެ ސުވާލަށް ޖަވާބުދެއްވީ ބީއެމްއެލްގެ ޗެއާޕާސަން ސައީދާ އުމަރެވެ. އޭނާ ވިދާޅުވީ ބީއެމްއެލްގެ މުވައްޒަފުން ދޮގުހަދާފައި ނުވާނެ ކަމަށެވެ. އަދި އެއްވެސް މީހެއްގެ ނަން ނުގެންނަވައި، ސައީދާ ވިދާޅުވި ގޮތުގައި އެދުވަހު ބީއެމްއެލްގެ މުވައްޒަފަކު ކޮމިޓީގައި ދިނީ އޭރު އެނގެން ހުރި މައުލޫމާތެވެ.

މާލިއްޔަތު ކޮމިޓީގައި ބީއެމްއެލުން ދެއްކި ވާހަކަތަކާ ގުޅިގެން ކުރިމަތިވި ތުހުމަތުތަކަށް ފަހު ދިފާއުގައި އެ ބޭންކުން ނެރުނު ބަޔާންތަކުގައި ހިމެނޭ މައުލޫމާތުތައް، ސައީދާ ވަނީ އަލުން ތަކުރާރުކޮށް ކިޔަައިދެއްވައިފަ އެވެ.

އެކަމަކު އޭނާގެ ވާހަކަތަކަށް ފަހު ބައެއް ހިއްސާދާރުން ބުނީ ބޭންކްގެ މުވައްޒަފަކާ މެދު ކުރެވޭ ތުހުމަތުތަކަށް މިހާރަށް ވުރެ ބޮޑަށް މެނޭޖްމަންޓުން ނުކުންނަން ޖެހޭނެ ކަމަށެވެ.

އެއް ހިއްސާދާރަކު ސުވާލުކުރީ 2014 ގައި އަމަލްކުރަން ފެށި މަނީ ލޯންޑަރިން ގާނޫނާ ގުޅިގެން އެއްވެސް ފިޔަވަޅެއް ބޭންކުން އެޅިތޯ އެވެ.

އޭގެ ޖަވާބުގައި ސައީދާ ވިދާޅުޅީ މިދިޔަ ދުވަސްތަކުގައި ބޭންކްގެ ހިންގުން ހަރުދަނާ ކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށެވެ. އެގޮތުން ހުށަހަޅާ ޝަކުވާތައް ބަލަން ކޮމްޕްލެއިންސް ޑިޕާޓްމެންޓެއް އުފައްދާ، އެ ބޭންކްގެ އިންޓާނަލް ކޮންޓްރޯލް މެޝާސްތައް ހުރީ ރަނގަޅަށްތޯ ބަލަން އެމްއެމްއޭ މެދުވެރި ވެގެން އޮޑިޓެއް ހަދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އޮޑިޓްތަކުން ދައްކާ ގޮތުން އަޅުގަނޑުމެންނަށް އޮތީ ފުދޭ ވަރަކަށް ގާއިމްކުރެވިފައި. އެހެންވީމަ މެޝާސްތައް އެބަ ނެގޭ. އަޅުގަނޑުމެން މިދަނީ އަބަދުވެސް ހުންނަ މައްސަލަތައް ބަލަމުން،" ސައީދާ ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި "ނޮޓް ނެގޯޝަބަލް" ޖަހާފައިވާ ޗެކްތަކެއް އެސްއޯއެފްގެ އެކައުންޓްތަކަށް ޖަމާކުރިކަމަށް ބުނެ ވެސް ހިއްސާދާރުން ސުވާލުކުރި އެވެ. ސައީދާ ވިދާޅުވީ އެހެން ބޭންކްތަކުގެ ޗެކްތަކުގެ މައުލޫމާތު ބީއެމްއެލްގައި ރައްކާ ނުކުރާ ކަމަށެވެ. ނަމަވެސް "ނޮޓް ނެގޯޝަބަލް" ޗެކްތަކާ ގުޅޭ މައުލޫމާތުތައް އެހެން ބޭންކްތަކުން މިހާރު ހޯދަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައީދާ ވިދާޅުވި ގޮތުގައި އެކަން ފުރިހަމައަށް ބަލަން އެމްއެމްއޭގެ އެހީތެރިކަމަށް ވަނީ އެދިފަ އެވެ.

ބައެއް ހިއްސާދާރުން ބުނާ ގޮތުގައި މިހާރުގެ ސަރުކާރުގެ އަމަލުތައް ހުރީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ހަމައެކަނި ބޭންކް ކޮޅަށް އަނބުރާލައިގެން، 1.3 ބިލިއަން ރުފިޔާ ބޭންކްގެ ރިޒާވުން ހޯދާށެވެ. ނަމަވެސް އެފަދަ ކަމެއް ކުރެވިގެން ނުވާނެ ކަމަށް، އެގޮތަށް ވާހަކަ ދެއްކި ހިއްސާދާރުން ބުނަނީ ހިޔާނާތުން ގެއްލުނު ފައިސާއަށް ބީއެމްއެލުން ޒިންމާ ނަގަން ނުޖެހޭނެ ކަމަށް ގަބޫލުކޮށްފަ އެވެ.

އެގޮތަށް ވިސްނުން ހުރި ހިއްސާދާރުން ބުނީ ބީއެމްއެލް އަތުން އެ ފައިސާ ހޯދުމަކީ ހަމަޖެހޭ ގޮތެއް ނޫން ކަމަށެވެ. އެމީހުން ބުނާ ގޮތުގައި ސަރުކާރުގެ އަމަލުތައް ކުރިން ވެސް އެކަހަލަ ގޮތަކަށް ހުރުމުން ބޭންކް ބަނގުރޫޓުވުމާ ގާތަށް ދިޔަ އެވެ. މި ސަރުކާރުން ވެސް ފެންނަނީ އެފަދަ މަންޒަރުތަކެއް ކަމަށް އެ ހިއްސާދާރުން ބުނެ އެވެ.

އެމީހުންގެ ވާހަކާގައި އެއީ ކޮން ސަރުކާރެއް ކަމަށް ސީދާ ނުބުނެ އެވެ. އެކަމަކު ކުރީގެ ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ އާއިލާގެ ކުންފުނިތަކަކަށް 2008 ގައި ބޮޑެތި ލޯނުތަކެއް ބީއެމްއެލުން ދީގެން، އެމްޑީޕީގެ ކުރީގެ ސަރުކާރުގެ ދުވަސްވަރު އެ ބޭންކާ ދެކޮޅަށް ތަފާތު އަޑުތައް އެރި އެވެ. އޭގެ ސަބަބުން ބޭންކަށް އެރި ލޮޅުން ވެސް އޭރު ބޮޑެވެ.

އެހެން ހިއްސާދާރަކު ބުނީ އެމްއެމްޕީއާރުސީގެ އެހާ ބޮޑެތި އަދަދުތަކެއްގެ ޗެކްތަކެއް އެހެން އެކައުންޓްތަކަށް ޖަމާކޮށްފައި އޮތުމުން ބޭންކްގެ އިހުމާލެއް ނެތް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. އެހެންކަމުން އޭގެ ޒިންމާ ނަގަން ޖެހޭ މުވައްޒަފުން ބޭންކުގެ ވަޒީފާއިން ދުރުކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އޭނާ ބުނީ ހިޔާނާތުގެ ޒިންމާ ހަމައެކަނި ބޭންކުން ނަގައިގެން އެ ފައިސާ ސަރުކާރަށް ދައްކަން ޖެހޭނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

ރޭގެ ޖަލްސާގައި ވާހަކަދެއްކި ގިނަ ހިއްސާދާރުން ބުނީ ސިޔާސީ ވަކި މަގުސަދެއް ހާސިލްކުރަން ބޭންކްގެ މުވައްޒަފަކަށް އަމާޒުކުރުން ގަބޫލުނުކުރެވޭ ކަމަށެވެ. އެ ބޭންކަށް 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ޝަރީފުގެ މައްސަލައެއް ބަލަމުން ދާއިރު، މިހާރަށް ވުރެ ބޮޑަށް ބޭންކްގެ ސްޓޭންޑް އާންމުންނަށް ސާފުކޮށްދީ، އޭނާގެ ދިފާއުގައި ކުންފުނި ނުކުންނަން ޖެހޭ ކަމަށް ވެސް ބައެއް ހިއްސާދާރުން ބުންޏެވެ.

އެއް ހިއްސާދާރަކު ބުނީ ޑެޕިއުޓީ ސީއީއޯ ޝަރީފަކީ ސިޔާސީ ވަކި މަގްސަދެއް ހާސިލު ކުރުމަށް "ގުރުބާން ކުރާ ކަންބަޅިއަކަށް" ހަދާ އިރު ބޭންކުން އެހާ މަޑުން އޮވެގެން ނުވާނެ ކަމަށެވެ.

"މި ފެންނަނީ ވަކި މީހަކަށް އަމާޒުކޮށްގެން ކަންބަޅިއެއްހެން ކަތިލަމުންދާތަން. ބޭންކްގެ އެހެން މުވައްޒަފުން ވެސް ކަންބަޅިއެއްހެން ކަތިލަން އަޅުގަނޑުމެން ދޫކޮށްލަންވީތޯ،" އެ ހިއްސާދާރު ސުވާލުކުރި އެވެ.

އެހެން ހިއްސާދާރަކު ބުނީ ކުންފުނީގެ އެންމެ ދުވަސްވީ އެއް މުވައްޒަފު އަދި ބޭންކްގެ ސީއީއޯގެ މަގާމަށް ވަޑައިގަތުމުގެ ފުރުސަތު އޮތް ބޭފުޅެއްގެ ކެރިއާ ހަލާކުކޮށްލަން ބަޔަކު ކުރަމުންދާ މަސައްކަތް ބަލައިނުގަނެވޭނެ ކަމަށެވެ.