ހަނިމާދޫން ކޮޗިން އަށް މޯލްޑިވިއަންގެ ދަތުރުތައް ފަށަނީ
ހަނިމާދޫން ކޮޗިން އަށް މޯލްޑިވިއަންގެ ދަތުރުތައް ފަށަނީ

ގައުމީ އެއާލައިން މޯލްޑިވިއަނުން ހަނިމާދޫ އާއި ކޮޗިންއާ ދެމެދުގެ ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ.

މޯލްޑިވިއަން އިން މިއަދު ބުނީ މި ދަތުރުތައް ފަށަން އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އެގޮތުން މަހެއްހާ ދުވަހުގެ ތެރޭގައި ދަތުރުތައް ފަށައި ޝެޑިއުލް އިއުލާން ކުރެވޭނެ ކަމަށް ބުންޏެވެ.

މިހާރުވެސް ހަނިމާދޫން އިންޑިއާގެ ޓްރިވެންޑްރަމަށް ދަތުރުކުރާ މޯލްޑިވިއަން އިން ބުނީ ކޮޗިން އަށް ދަތުރުތައް ފަށަން ނިންމީ ބޭސްފަރުވާ އަށް އިންޑިއާ އަށް ދާ މީހުންނަށާއި އިންޑިއާ އިން ރާއްޖެ އަންނަ ޓޫރިސްޓުންނަށް ފަސޭހަ ފުރުސަތުތައް ހޯދައިދޭން ކަމަށެވެ.

ކޮޗިންގެ އިތުރުން އިންޑިއާގެ އެހެން ސިޓީތަކަށް ވެސް ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ކަމަށާއި އެކަމާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް އެއާލައިނުން ބުންޏެވެ.

މޯލްޑިވިއަނުން ބުނީ އިންޑިއާގެ އިތުރުން ސްރީ ލަންކާގެ ކޮލަމްބޯ އަށް ވެސް ދަތުރުތައް ފެށުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މޯލްޑިވިއަން އިން މިހާރު ވެސް ދުނިޔޭގެ އެކި މަންޒިލްތަކަށް ދަތުރު ދަތުރުކުރެ އެވެ. މީގެ ތެރޭގައި ބެންކޮކް، ޗެންނާއީ، ޑާކާ، ހުވާން ހިމެނެ އެވެ.