31 ޖުލައި 2019 - 10:19

ކިއުއާރް ކޯޑް ބޭނުންކޮށްގެން ފައިސާ ދެއްކޭނެ ފަސޭހަ ގޮތެއް، ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަސް ތެރޭ ތައާރަފްކުރާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ ޓިމޮތީ ސޯޔާ ވިދާޅުވެއްޖެ އެެވެ.

ރޭ ބޭއްވި ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ޓިމޮތީ ވިދާޅުވީ، ބޭންކުގެ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ފަސޭހަ ގޮތްތައް ތައާރަފުކުރުމަށް އެ ކުންފުނިން އަބަދުވެސް ވިސްނާ ކަމަށެވެ.
ޓިމޮތީ ވިދާޅުވީ އަލަށް ތައާރަފްކުރާ ޕޭމެންޓް އެޕަކީ ފައިސާ ދެއްކުމަށް މިހާރަށްވުރެ ވެސް ފަސޭހަ ހިދުމަތަކަށް ވާނެ ކަމަށާއި ބޭންކުގެ ހިދުމަތަތްތައް، ބޭންކަށް ގޮސް ހޯދުމުގެ އުސޫލުތައް ބަދަލުކުރާނެ ކަމަށެވެ.
މިދިޔަ އަހަރު އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ހިދުމަތް ތައާރަފް ކޮށްފައި ވާއިރު ބޭންކުގެ އޮންލައިން ހިދުމަތްތައް ވަރަށް ފުރިހަމަ އަށް ކަސްޓަމަރުން ބޭނުންކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. މިދިޔަ އަހަރު އެ ބޭންކުން 40 މިލިއަން އޮންލައިން ޓްރާންސެކްޝަން ހަދާފައިވެ އެވެ.
"މިއަދު ބީއެމްއެލްގެ އިސްލާމިކް ބޭންކް ހިދުމަތް ރާއްޖޭގެ ހުރިހާ ހިސާބަކުން ލިބޭނެ. އަދި އިސްލާމިކް ބޭންކްގެ ހިދުމަތް ހޯދާ މީހުން އަންނަނީ އިތުރުވަމުން. އެގޮތުން އިސްލާމިކް ބޭންކް މެދުވެރިކޮށް ޑިޕޮސިޓް ކުރުމާއި ލޯނު ދޫކުރާ މިންވަރު އިތުރު،" އޭނާ ވިދާޅުވި އެވެ.
ޓިމޮތީ ވިދާޅުވީ، އެ ބޭންކްގެ ހިދުމަތް ފުޅާ ކުރުމުގެ ގޮތުން ދުނިޔޭގެ އެހެން ސަހަރައްދުތަކުގައި ހިދުމަތް ދިނުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ.