12 އޯގަސްޓް 2019 - 08:38

މަހަކު އެއް ފަހަރު، ވަކި ގަޑިތަކެއްގައި މާލޭގެ މަގުތަކުގައި ވެހިކަލް ނުދުއްވޭ ގޮތަށް ހަދަން ސިޓީ ކައުންސިލުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެކަން އިއުލާނުކުރުމާ އެކު އާއްމުންގެ ހިޔާލު ދެ ބައިވި އެވެ. އެއް ބަޔަކު ބުނަނީ މާލޭގައި ހިނގާފައި ނޫޅެވޭނެ ކަމަށެވެ. ދާން ޖެހޭ ތަންތަން ދުރުވެފައި، މާލޭގައި ބައި ގިނަ ވުމުގެ ސަބަބުން ހިނގާފައަި އުޅުން ބުރަޔަކަށް ވާނެ ކަމަށް ދެކޭ މީހުން ވެސް އުޅެ އެވެ.

އަނެއް ބަޔަކު އަންނަނީ އެކަން އަވަހަށް ތަންފީޒު ކުރަން ގޮވާލަމުންނެވެ. ތޮއްޖެހިފައިވާ މާލެއަށް އެއީ ކޮންމެހެން ވެސް ގެންނަން ޖެހޭ ބަދަލެއް ކަމަށް އެމީހުން ދެކެ އެވެ.

ހާއްސަ ދުވަސް ދުވަހާ ގުޅުވައިގެން ބައެއް ގަޑިތަކުގައި މާލޭގައި ވެހިކަލް ދުއްވުން މިހާރު ވެސް މަނާކުރެ އެވެ. "ވެހިކަލް ފްރީ" ދުވަހެއްގެ ގޮތުގައި އާންމުކޮށް ހަދަނީ ތިމާވެށީގެ ދުވަހާއި އީދު ފަދަ ދުވަސްތަކެވެ. އުޅަނދު ނުދުއްވާ، ފައިމަގުގައި އުޅޭ ދުވަހެއްގެ ގޮތުގައި އެ ދުވަސްތައް ކަނޑައަޅަނީ އެކި ކުޅިވަރުތައް ކުޅުމަށާއި ވީހާވެސް މިނިވަން މާހައުލެއްގައި ކުޑަކުދިން ގޮވައިގެން އާއްމުންނަށް ބޭރަށް ނިކުމެ އުޅުމަށް ފުރުސަތު ދިނުމަށެވެ.
އާއްމު ގޮތެއްގައި ވެހިކަލް ނުދުއްވޭ ގޮތަށް ހަދަނީ ވެސް ހަވީރު ވަގުތު ދެތިން ގަޑިއިރަށެވެ. އެންމެ އާއްމު ވަގުތަކީ ހަވީރު ހަތަރަކުން ހަޔެކެވެ.
ސިޓީ ކައުންސިލްގެ ވިސްނުމަކީ މިކަން ދާއިމީ ކުރުމެވެ. ހަމައެކަނި ހާއްސަ ދުވަހެއްގެ ގޮތުގައި ކުރާ ކަމެއްގެ ބަދަލުގައި މަދުވެގެން މަހަކު އެއް ފަހަރު ނަމަވެސް، "ވެހިކަލް ފްރީ" ދުވަހެއްގެ ގޮތުގައި ކަނޑައެޅުމެވެ.
މާލޭ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވި ގޮތުގައި ތޮއްޖެހިފައިވާ މާލޭގައި ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އުޅަނދުތަކުން ސަލާމަތްވުމަކީ ގިނަ ބަޔަކު ބަލައިގަންނަ ކަމެކެވެ. އެކަން އެފަދަ ދުވަސް ދުވަހު، ބޭރަށް ނުކުންނަ މީހުންގެ އަދަދުން ވެސް އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްބިއުލާންސް ފަދަ މުހިއްމު އުޅަނދުތަކާއި ހަަމައެކަނި ހުއްދަ ދީފައި އޮންނަ އުޅަނދުތައް ފިޔަވައި އެހެން އެއްޗެހި ދުއްވުން މަނާކޮށް، މަގުތައް އަމާންކޮށްލުމުން ގިނަ ބަޔަކު މަގުމައްޗަށް ނުކުމެ އެވެ. ހާއްސަކޮށް ކުޑަކުދިންނަށް ލިބޭ އުފާ މާ ބޮޑުވެ އެވެ. އެފަދަ ދުވަހެއްގައި މުޅި މަގުމަތިން ފެންނަނީ އުފާވެރިކަމެވެ.
"[މިދިޔަ މިނިވަން ދުވަހު] ވެސް މަގުތައް ބަންދުކޮށްލުމުން ވަރަށް ގިނަ ބަޔަކު އެކަމުގެ އުފާ ހޯދި. އާއިލާތަކާ އެކު މަގުމައްޗަށް ނުކުމެ، ވަގުތު ހޭދަކުރި. މިއީ ވަރަށް އުފާވެރި ވަގުތުކޮޅަކަށް ވެފައި ވަނީ،" ޝިފާ ވިދާޅުވި އެވެ.
ސިޓީ ކައުންސިލްގެ މި ނިންމުމާ މެދު އާއްމުންގެ މެދުގައި ހިޔާލުތަފާތުވުންތައް ހުރި ނަމަވެސް ގިނަ ބަޔަކު އެކަމަށް ތާއީދުކުރެ އެވެ. އެ މީހުން ދެކޭ ގޮތުގައި މާލޭގައި ފައިމަގުގައި 20 މިނިޓް ތެރޭގައި ނުދެވޭނެ ތަނެއް ނުހުންނާނެ އެވެ. އަދި ކޮންމެ ހަފުތާ ބަންދެއްގެ ހަވީރު ވަގުތު، ފައިމަގުގައި އުޅޭ ގޮތަށް ކަނޑައެޅުން ވާނީ ފައިދާކުރަނިވި ބަދަލަކަށް ކަމަށް އެ މީހުން ގަބޫލުކުރެ އެވެ.
"ތިހެން ވެހިކަލް ދުއްވުން މަނާ ދުވަސް ދުވަހު، އަހަރެންގެ ފަސް އަހަރުގެ ދަރިފުޅު ގެއަކަށް ވެސް ނުވަންނާނެ. ބޭނުންވާނީ ހަމަ މަގުމަތީގައި ދުވަން. އެ މަންޒަރު ފެނުނީމައި ހިތަށްއަރާ މި ގޮތަށް ގިނައިން ބަންދު ކުރާނެ ނަމައޭ،" ސިޓީ ކައުންސިލްގެ މި ވިސްނުން ފޭސްބުކްގައި ޝެއާކޮށް މީހަކު ލިޔުނެވެ.
ޓްވިޓާގައި ހިޔާލުފާޅު ކުރި ބައެއް މީހުން ބުނިގޮތުގައި މިފަދަ ނިންމުމެއްގެ ކުރިން، ޕަބްލިކް ޓްރާންސްޕޯޓް ވަރަށް މުހިއްމެވެ. އެފަދަ ހިދުމަތެއް އޮވެއްޖެ ނަމަ، ހިނގާފައި ނޫޅެވޭ މީހަކަށް، އެގޮތް ހިޔާރުކުރެވޭނެ ކަމަށް އެ މީހުން ދެކެ އެވެ.
"ތިއީ ސަޅި ކަމެއް. އެކަމަކު އެންމެ ފުރަތަމަ ގާއިމު ކުރަންވީ ޕަބްލިކް ޓްރާންސްޕޯޓް. ބަސް ފަދަ ހިދުމަތެއް ތައާރަފްކޮށްފައި، ހަމައެކަނި އެ ބަސް ދުއްވޭ ގޮތަށް ހަދާފައި ތިކަން ކުރަން ރަނގަޅު،" ޓްވިޓާގައި މީހަކު ހިޔާލުފާޅުކުރި އެވެ.
"ހުޅުމާލެ-ހުޅުލެއަށް ދަތުރުކުރާ މީހުން ނުވަތަ ވަޒީފާ އަދާކުރަން ދާން ޖެހޭ މީހުންނަށް ވެސް އެ ދުވަހު ބަހުގެ ހިދުމަތް ހޯދޭނެ."
އެހެން މީހަކު ބުނީ އުޅަނދެއްގައި އިންނަ މީހަކަށް ވުރެ ފައިމަގުގައި އުޅޭ މީހުން ވިޔަފާރި ކުރާ މިންވަރު އިތުރުވާނެ ކަމަށާއި އެހެންވެ މިއީ އާއްމު ވިޔަފާރިތަކަށް ވެސް ލިބޭނެ ފައިދާއެއް ކަމަށެވެ.
ގިނަ މީހުންގެ ހިޔާލުގައި ވެހިކަލް ފްރީ ދުވަހަކަށް ހަދަން ބޭނުންވީ ހަފުތާގެ ބަންދު ދުވަހެކެވެ. އެއީ ސްކޫލުތަކާއި ގިނަ އޮފީސްތައް އެ ދުވަހު ބަންދުކޮށްފައި ހުރުމުން އޭގެ ފައިދާ ގިނަ ބަޔަކަށް ކުރާނެތީ އެވެ.
ދުނިޔޭގެ ބައެއް ގައުމުތަކުގައި ވެސް މި ގޮތަށް، ފައިމަގުގައި އުޅޭ ވަގުތުތަކެއް ކަނޑައަޅާފައިވެ އެވެ. އޭގެ ތެރޭގައި ސްރީ ލަންކާ އާއި މެލޭޝިިޔާގެ ބައެއް ސިޓީތައް ހިމެނެ އެވެ. މިއީ އެ ގައުމުގެ ގިނަ ބަޔަކު ބަލައި ވެސް ގަންނަ ކަމެކެވެ. އެކަމަކު ރާއްޖޭގައި މިފަދަ ކަމެއް ކުރެވޭނެ ކަމާ މެދު ބައެއް މީހުން ޝައްކު އުފައްދަ އެވެ.
އެ މީހުން ގަބޫލުކުރާ ގޮތުގައި މާލެ ކަހަލަ ކުޑަ އަދި ތޮއްޖެހިފައިވާ ތަނެއްގައި ވެހިކަލް ދުއްވުން މަނާކުރުމަކީ ފަސޭހަކަމަކަށް ނުވާނެ އެވެ. އެހެންވެ، މި ފަދަ ދުވަހެއް ކަނޑައެޅުމުގެ ބަދަލުގައި އެންމެ އެދެވޭ ބަދަލެއް އަންނާނީ ރާއްޖެ އެތެރެކުރާ ވެހިކަލްތަކުގެ އަދަދު މަދުކޮށްގެން ކަމަށް އެ މީހުން ދެކެ އެވެ.
"މިއީ މާލޭގެ ހާލަތަށް ބަލާފައި ކުރަންވާވަރުގެ ކަމެއް ނޫން. ފުރާ މީހުންނާއި ބަލިމީހުންނާއި މުސްކުޅިންނަށް އުނދަގޫތަކާ ކުރިމަތިވާނެ،" ސިޓީ ކައުންސިލްގެ ހަބަރަށް "މިހާރު" އަށް މީހަކު ފޮނުވި ކޮމެންޓެއްގައި ބުންޏެވެ.
"ވަޒީފާ އަދާކުރާ މީހުންނަށް ވެސް ވާނީ އިތުރު އުނދަގުލެއް. މީގެ ކުރީގެ ސަރުކާރުތަކުން ވެސް މިކަން ކުރަން އުޅެ ވަނީ ފެއިލްވެފައި."
ކައުންސިލްގެ މި ވިސްނުމަށް ތާއީދު ނުކުރާ މީހުން ދައްކާ އަނެއް ސަބަބަކީ، ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރިއަށް ގެންދެވޭ ވަރުގެ ބަޔަކަށް ކައުންސިލް ނުވުމެވެ. މީގެ ކުރިން ކައުންސިލުން ވަނީ ކުޑަކުދިން ކުޅެން ނުކުމެ އުޅުމަށް މާލޭގެ ބައެއް މަގުތައް ކޮންމެ ހުކުރު ދުވަހަކު ބަންދުކުރަން ނިންމައިފަ އެވެ. އެކަމަކު އެކަން ވެސް މާ ގިނަ ދުވަހަކު ކުރިއަކަށް ނުގެންދެވުނެވެ،
އެހެންވެ މިކަން ވެސް ވަކި ހިސާބަކުން ހިނދިދާނެތީ އާއްމުން ކަންބޮޑުވެ އެވެ.
މަހަކު އެއް ދުވަހު ހިނގާފައި އުޅޭ ދުވަހެއް ކަނޑައެޅުމުގއި އަދި އޮތީ ހަމައެކަނި ވިސްނުމެކެވެ. އެތަނުން ބުނިގޮތުގައި އެފަދަ ކަމެއް ނިންމާނީ، ޓްރާންސްޕޯޓް އޮތޯރިޓީ އާއި ރައްޔިތުންނާ ވެސް ބައްދަލުކޮށް ހިޔާލު ހޯދުމަށް ފަހު އެވެ.