ލަންދޫގައި "ގޮނޑުކޮށް" އޮތް ގެ ސާފުކޮށްފި
ލަންދޫގައި "ގޮނޑުކޮށް" އޮތް ގެ ސާފުކޮށްފި

ނ. ލަންދޫގައި، ގޮނޑުވެ ނުތާހިރުކޮށް އޮތް ގެއެއްގައި އުޅުނު ކުޑަކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު އެ ގެ ސާފުކޮށްފި އެވެ.

ލަންދޫގައި "ގޮނޑުކޮށް" އޮތް ގެ ސާފުކޮށްފި
ލަންދޫގައި "ގޮނޑުކޮށް" އޮތް ގެ ސާފުކޮށްފި

އެ ރަށު ކައުންސިލްގެ މެމްބަރަކު މިއަދު ވިދާޅުވީ އުޅެން އެކަށިގެންވާ މާހައުލެއް ދައްކައިފި ނަމަ އެ ކުދިން ހަވާލުކުރާނެ ކަމަށް ޖެންޑާއިން ބުނުމުން، ދެ ކޮޓަރީގެ ގެ ސާފުކޮށްފައިވާ ކަމަށެވެ.

ލަންދޫގައި "ގޮނޑުކޮށް" އޮތް ގެ ސާފުކޮށްފި
ލަންދޫގައި "ގޮނޑުކޮށް" އޮތް ގެ ސާފުކޮށްފި

ކުދިންނަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމަށް އެ އާއިލާގެ ފަސް ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔައީ މިދިޔަ މަހު އެވެ. އޭގެ ތެރެއިން އެންމެ ދޮށީ 11 ވަރަކަށް އަހަރުގެ އަންހެން ކުއްޖެކެވެ. އެ ކުއްޖާ މީގެ ދެތިން އަހަރު ކުރީއްސުރެ ބަލަމުން ދަނީ އާއިލާގެ އެހެން މީހެކެވެ. އެންމެ ހަގު ތިން މަހުގެ ކުއްޖާ ވެސް ބަލަން ހަވާލުކުރީ އާއިލާގެ އެހެން މީހަކާ އެވެ.

ކައުންސިލަރު ވިދާޅުވީ ގޭގައި ފާހާނާއެއް ހަދައި ކޮޓަރިއަށް ވެސް އެނދާއި އެހެން ބައެއް ފަރުނީޗަރު ވައްދާފައިވާ ކަމަށެވެ. ނަމަވެސް އާއިލާއާ ކުދިން އަލުން ހަވާލުކުރާނެ ދުވަހެއް އަދި ނޭނގެ އެވެ.

"ވަކި މުއްދަތެއް ދީފައި، އެ މުއްދަތުގެ ތެރޭގައި ކުދިން އުޅެން އެކަށީގެންވާ މާހައުލެއް ގާއިމުކޮށްފި ނަމަ ކުދިން ހަވާލުކުރާނެ ކަމަށް ޖެންޑާއިން ބުނީމަ އެމީހުން އަމިއްލައަށް އެތަން ރީތިކޮށްފައި އެ ހުރީ،" ކައުންސިލަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުދިން ނެގުމަށް ފަހު ވެސް ގޭގެ ހާލަތު ޖެންޑާ އިން މޮނިޓާކުރި ކަމަށެވެ. އަދި ކުދިން ހަވާލުކުރުމަށް ފަހު ވެސް ތަނާއި ކުދިންގެ ހާލަތު ބަލާނެ ކަމަށް ޖެންޑާއިން ބުނެފައިވާ ކަމަށް ވިދާޅުވި އެވެ.

ލަންދޫގެ އެ އާއިލާގެ މީހުންގެ ތެރެއިން އެހެން މީހެއްގެ ގޭގައި ދިރިއުޅުނު ބައެއް ކުދިން ސްކޫލަށް ވެސް ނުފޮނުވާ ކަމަށް ވެ އެވެ.

އެ ގޭގެ ކުރީގެ ފޮޓޯތަކުން ފެންނަ ގޮތުގައި ގޭތެރެ އާއި ބަދިގެ އަދި ގިފިލިތެރޭގައި ސާފުތާހިރުކަމެއް ނެތެވެ. ތެލިތައް ނުދޮވެ ގިނަ ދުވަސް ވަންދެން ހުންނައިރު، އަންނައުނުތައް ވެސް އެތަން މިތަނަށް ހުންނަނީ އުކާލައިފަ އެވެ.