30 ޖުލައި 2019 - 14:56

އެޑިސް އަބާބާ (ޖުލައި 30) - އިތިއޯޕިއާގައި 12 ގަޑިއިރު ތެރޭ 350 މިލިއަނަށް ވުރެ ގިނަ ގަސް އިންދައިފި އެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ގޮތުން ފެށި ކެމްޕޭނުގައި އިއްޔެ އިންދާފައި ވަނީ 353،633،660 ގަސް ކަމަށް އިތިއޯޕިއާގެ ތިމާވެއްޓާ ބެހޭ ވަޒީރު ގެޓަހުން މެކުރިއާ ވިދާޅުވި އެވެ.
އިތިއޯޕިއާގެ އޮފިޝަލުން ބުނި ގޮތުގައި މިއީ އެއް ދުވަސް ތެރޭ އެންމެ ގިނަ ގަސް އިންދުމުގެ ދުނިޔޭގެ ރެކޯޑެކެވެ. ގަސް އިންދުމުގެ ޕްރޮގްރާމުގައި ފުރަތަމަ އަމާޒުކުރީ އެއް ދުވަސްތެރޭ 200 މިލިއަން ގަސް އިންދުމަށެވެ.
އިތިއޯޕިއާގެ ބޮޑު ވަޒީރު އަބިޔް އަހުމަދު މިދިޔަ މެއި މަހު ފެއްޓެވި "ގްރީން ލެގަސީ އިނިޝިއޭޓިވް" އަމާޒުކޮށްފައި ވަނީ އޮކްޓޯބަރު މަހުގެ ނިޔަލަށް އެ ގައުމުގައި ހަތަރު ބިލިއަން ގަސް އިންދުމަށެވެ.
ގަސް އިންދުމަށްޓަކައި އިތިއޯޕިއާގެ ބައެއް ސްކޫލްތަކާއި ސަރުކާރުގެ އޮފީސްތައް ވެސް ހޯމަ ދުވަހު ވަނީ ބަންދުކޮށްފަ އެވެ. އަދި ދެކުނުގެ އަބާ މިންޗު ސިޓީގައި ގަސް އިންދަވައިދެއްވަމުން ބޮޑު ވަޒީރު ވަނީ އެންމެހާ ރައްޔިތުން ނުކުމެވަޑައިގެން ގަސް އިންދުމަށް އެދިވަޑައިގެންފަ އެވެ.
އިރުމަތީ އެފްރިކާގެ އިތިއޯޕިއާގައި މިހާތަނަށް ވަނީ 2.6 ބިލިއަން ގަސް އިންދާފައިވާ ކަމަށް އެ ގައުމުގެ ދަނޑުވެރިކަމާ ބެހޭ އޮފިޝަލުން ބުނެ އެވެ.
އިންޑިއާ އިން 2017 ވަނަ އަހަރު ވަނީ 66 މިލިއަން ގަސް އިންދައި، ދުނިޔޭގެ ރެކޯޑެއް ގާއިމްކޮށްފަ އެވެ. އިތިއޯޕިއާގެ ގަސް އިންދުމުގެ ސްކީމް ގިނިސް ވޯލްޑް ރެކޯޑްސް އިން މޮނިޓާ ކުރަމުންދާ ކަމެއް އަދި ނޭނގެ އެވެ.