ނިއު ރޭޑިއަންޓުގެ ކުރީގެ އޮފިޝަލް އައްޔަ މަރުވެއްޖެ
ނިއު ރޭޑިއަންޓުގެ ކުރީގެ އޮފިޝަލް އައްޔަ މަރުވެއްޖެ

އޮފިޝަލެއްގެ ގޮތުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ގިނަ އަހަރުތަކެއް ވަންދެއް މަސައްކަތްކޮށްދިން އަލީ މުހައްމަދު (އައްޔަ) ރޭ ފަތިހު މަރުވެއްޖެ އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސަސްގައި މަސައްކަތްކުރާ އައްޔަ، 52، މަރުވީ މިދިޔަ ތިން ދުވަހު ބަލިކޮށް އުޅުމަށް ފަހު ކުއްލި ގޮތަކަށެވެ. އޭނާ މަރުވިކަން އެނގުނީ ފަތިހު ހޭނުލައިގެން ބެލުމުންނެވެ. އޭނާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދުގެ މަޣުރިބް ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.

އައްޔަ އަކީ އަށްޑިހައިގެ އަހަރުތަކުން ފެށިގެން ނިއު އަށް މަރުދިން ސަޕޯޓަރެކެވެ. ނިއުގައި މަސައްކަތްކުރަން އޭނާ އަށް ފުރުސަތު ލިބުނީ އެ ކްލަބުގެ އޭރުގެ މަސްއޫލުވެރިޔާ ކުއީން އަހުމަދު ވަހީދުގެ "އިވިންގްލޯރީ" ހޮޓަލުގެ ވެއިޓަރަކަށް އުޅުނުއިރު ނުވަދިހައިގެ އަހަރުތަކުގެ ތެރޭގަ އެވެ. އޭރު އެ ހޮޓަލަކީ ނިއުގެ ސަޕޯޓަރުން ވެސް ޖަމާވާ އެ ކްލަބުގެ މައި ޖަގަހަ އެވެ.

ކިޓް މެނޭޖަރުގެ އެހީތެރިއެއްގެ ގޮތުގައި ކުޅުންތެރިންގެ ޖާޒީ ތައްޔާރުކުރުމާއި ޗޭންޖިން ރޫމު ރަމަތަކުރުމުގެ އިތުރުން، ކޮންމެ ޕްރެކްޓިހަކަށް ސާމާނު އުފުލާއި ތަރުތީބުކުރުމުގައި އޭނާ މަސައްކަތްކުރި އެވެ. އަދި އެއް ދުވަސްވަރެއްގައި ފަސްޓް އެއިޑެއްގެ ގޮތުގައި ވެސް މަސައްކަތްކުރި އެވެ.

ނިއުގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު އަހަރުތަކުގެ ތެރޭގައި ހިމެނޭ 2005، 2006، 2007 ގައި، އޭއެފްސީ ކަޕުގެ ސެމީ ފައިނަލަށް ދަތުރުކުރި އިރާއި އެފްއޭ ކަޕާއި ގައުމީ ތަށި މިލްކުކުރިއިރު ޓީމުގައި އައްޔަ ވަރަށް ބޮޑަށް ހަރަކާތްތެރިވި އެވެ. އޭނާ އަކީ، ގަވާއިދުން ނިއުގެ ޕްރެކްޓިސް ދާ ސަޕޯޓަރުންނާ، ކްލަބާ ގުޅުވައިދޭ މީހެއް ވެސް މެ އެވެ. އައްޔަ ނިއުގައި މަސައްކަތްކުރީ އުޖޫރައަކަށް ނޫނެވެ. ކްލަބުގެ ސަޕޯޓަރެއްގެ ގޮތުން ކްލަބަށް ހިދުމަތްކުރުމަށްޓަކައި ހިލޭ ސާބަހަށެވެ.

"އައްޔަ އަކީ އަމިއްލަ ގޮތުން ނިއު އަށް ވަރަށް ބޮޑު ހިދުމަތެއްކޮށްދިން މީހެއް. ފައިސާވެރިން ފައިސާ އިން ހޭދަކުރާނީ. އައްޔަކީ އަކީ ސަޕޯޓަރެއްގެ ގޮތުން، ހިލޭ ސާބަހަށް ކްލަބަށް ދުވަހުން ދުވަހަށް މަސައްކަތްކޮށްދިން މީހެއް،" ނިއުގެ ސަޕޯޓަރަކު ބުންޏެވެ.

ހއ. ބާރަށަށް އުފަން އައްޔަ ނިއުއާ ދުރަށް ދިޔައީ ސިޔާސީ ހިތްހަމަނުޖެހަކާ ގުޅިގެން އަދި ކަސްޓަމްސްގެ ވަޒީފާގެ ސަބަބުން މެންދުރުފަހު އަވައްޖެއް ނުވާތީވެ އެވެ. އެކަމަކު ފަހުން ވެސް ހުސް ދުވަސްތަކުގައި ޕްރެކްޓިސްތަކަށް ގޮސް އަމިއްލަ އަށް ފެނިގެން އެހީތެރިވެ އެވެ.