ފަހު ވަގުތު ރެއާލް ސަލާމަތްވެއްޖެ
ފަހު ވަގުތު ރެއާލް ސަލާމަތްވެއްޖެ

މެޑްރިޑް (ސެޕްޓެމްބަރު 15) - ފަހު ދެ މިނެޓުގެ ތެރޭގައި ޖެހި ދެ ލަނޑާ އެކު، ޗެމްޕިއަންސް ލީގުގެ ގްރޫޕް އެފް ގައި، އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ރޭ ކުޅުނު މެޗުން ޕޯޗުގަލްގެ ސްޕޯޓިން އަތުން 2-1 އިން މޮޅުވެއްޖެ އެވެ.

ރެއާލުގެ ސެންޓިއާގޯ ބެރްނެބުއޭ ސްޓޭޑިއަމުގައި ކުޅުނު މެޗުގެ 47 ވަނަ މިނެޓުގައި ބްރޫނޯ ސެސާގެ ލަނޑުން ސްޕޯޓިން އިން ވަނީ ލީޑު ނަގައިފަ އެވެ. ރެއާލަށް އެއްވަރުކޮށްދިނީ 89 ވަނަ މިނެޓުގައި، ސްޕޯޓިންގެ ކުރީގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އަނިޔާ އަށް ފަހު އެނބުރި އައިސް ކުޅުނު ދެ މެޗުން ރޮނާލްޑޯ ދެ ލަނޑު ޖަހާފައިވާއިރު އޭނާ ރޭ ލަނޑު ޖެހީ ހިލޭ ޖެހުމަކުންނެވެ. އިތުރު ވަގުތުގެ ތެރޭ ރެއާލް މޮޅުވި ލަނޑު ވައްދާލީ ދެ އަހަރުގެ ލޯނެއްގެ ދަށުން ޔުވެންޓަސް އަށް ކުޅުމަށް ފަހު އެނބުރި އައި އަލްވާރޯ މޮރާޓާ އެވެ.

މި ގްރޫޕުގެ އަނެއް މެޗުން ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް ވަނީ ރޭ ޕޮލެންޑުގެ ލެގާ ވަސޯވޯ އަތުން 6-0 އިން މޮޅުވެފަ އެވެ. އެ ޓީމަށް ލަނޑު ޖަހައިދިނީ މާރިއޯ ގޮޓްޒާ، ޕަޕަސްތަޕޫލަސް، ބާޓްރާ، ރަފައެލް ގުއެރޭރޯ، ޕިއެރޭ އެމެރިކް އޯބަމަޔަން އަދި ކާސްޓްރޯ އެވެ.

މުބާރާތަށް އެންމެ ބޮޑަށް ތައްޔާރުވި އެއް ޓީމު އިޓަލީގެ ޔުވެންޓަސް ވަނީ ރޭ އަމިއްލަ ދަނޑުގައި ސްޕެއިނުގެ ސެވިއްޔާއާ 0-0 އިން އެއްވަރުވެފަ އެވެ. މި ދެ ޓީމާ އެކު ގްރޫޕް އެޗް ގައި ހިމެނޭ ފްރާންސްގެ އޮލިމްޕިކް ލިޔޯން އާއި ކްރޮއޭޝިއާގެ ޑިނަމޯ ޒެގްރެބްގެ މެޗު 3-0 އިން ކާމިޔާބުކުރީ ލިޔޯން އެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޖަރުމަނުގެ ބެޔާ ލެވަކޫސަން އާއި ރަޝިއާގެ ސީއެސްކޭއޭ މޮސްކޯ ވަނީ 2-2 އިން އެއްވަރުވެފަ އެވެ.