01 އޯގަސްޓް 2019 - 07:16

ލޯބީގެ ފިލްމުތަކުގެ ޖާދޫގައި ބެލުންތެރިން އެންމެ ބޮޑަށް ޖެއްސުވި ޔާޝް ޗޯޕްޅާގެ ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް އަންނަ އަހަރު 50 އަހަރު ފުރޭތީ އެކަން ފާހަގަކުރުމުގެ ގޮތުން ޝާހްރުކް ހާނާ އެކު ލޯބީގެ އަސަރުގަދަ ފިލްމެއް ހަދަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނި ގޮތުގައި ވައިއާރްއެފްގެ ވެރިއަކަށް މިހާރު ހުރި ޑައިރެކްޓަރު އަދިތިޔާ ޗޯޕްޅާ މިހާރު އަންނަނީ އެ ފިލްމުގެ ސްކްރީންޕްލޭ ލިޔަމުންނެވެ. އަދި އެކަން ނިންމުމުން ފިލްމު އިއުލާންކުރާނެ ކަމަށް ބުންޏެވެ.
ޝާހްރުކަކީ ވައިއާރްއެފްގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ބަތަލެވެ. އޭގެ ތެރޭގައި ޔާޝް ޑައިރެކްޓް ކުރި "ޑަރް"، "ދިލް ތޯ ޕާގަލް ހޭ"، "ވީރު-ޒާރާ" އަދި "ޖަބް ތަކް ހެ ޖާން" ހިމެނެ އެވެ. މީގެ އިތުރުން ޝާހްރުކާ އެކު އަދިތިޔާ ގެނެސްދިން "ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ" އަކީ ހިންދީ ސިނަމާގެ އެންމެ ކާމިޔާބު އަދި ފަނޑުވުމެއް ނާންނަ ލޯބީގެ ފިލްމެކެވެ. އޭގެ ފަހުން އަދިތިޔާ ވަނީ ޝާހްރުކާ އެކު "މުހައްބަތޭން" އާއި "ރަބް ނެ ބަނާދީ ޖޯޅީ" ވެސް ގެނެސް ދީފަ އެވެ.
ބަތަލާ ރާނީ މުކަރްޖީގެ ފިރިމީހާ ޑައިރެކްޓް ކުރި ފިލްމުތަކުގެ ތެރެއިން ޝާހްރުކް ނުހިމެނޭ ހަމައެކަނި ފިލްމަކީ 2016 ގެ "ބޭފިކްރޭ" އެވެ.
ވައިއާރްއެފަށް 50 އަހަރު ފުރުން ފާހަގަކުރަން ޝާހްރުކާ އެކު ހާއްސަ ފިލްމެއް ހަދާ ވާހަކަ ތިލަވެފައިވާ އިރު، އޭނާ ވަނީ އެ ސްޓޫޑިއޯ އަށް އެ ނޫން ވެސް ފިލްމުތައް ކުޅެފަ އެވެ.
އޭގެ ތެރޭގައި "ޗަކް ދޭ އިންޑިއާ" އާއި "ފޭން" ހިމެނެ އެވެ. އަދި މިފަދަ ވާހަކައެއް ދެކެވެން ފަށާފައި މި ވަނީ ވައިއާރްއެފްގެ ފްރެންޗައިޒް "ދޫމް 4" އިން ވެސް ޝާހްރުކް ފެންނާނެ ކަމުގެ އަޑުތަކެއް އަރާފައި ވަނިކޮށެވެ.
ނަމަވެސް މިއިން އެއްވެސް ވާހަކައެއް އެ ސްޓޫޑިއޯ އިން އަދި ކަށަވަރެއް ނުކޮށްދެ އެވެ. އަނެއްކޮޅުން އަދިޔިތާއަކީ މީޑިއާއާ ވަރަށް ބީރައްޓެހި މީހަކަށްވާތީ އޭނާގެ ފިލްމަކާ ބެހޭ ވާހަކަ ކަށަވަރު ވާނީ ސީދާ ވައިއާރްއެފުން އެކަމެއް ރަސްމީކޮށް ހިއްސާ ކުރުމުންނެވެ.
އަނެއްކޮޅުން ޝާހްރުކް މި ފަހުން ކުޅުނު ހުރިހާ ފިލްމުތަކެއް ފްލޮޕްވެފައިވާތީ، އޭނާ މި ވަގުތު ހުރީ އެކްޓިން ބްރޭކެއް ނަގައިގެންނެވެ.
ވައިއާރްއެފަކީ މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ގެނެސް ދީފައިވާ އިންޑިއާގެ އެންމެ ކާމިޔާބު އަދި އެންމެ ބޮޑު ފިލްމު ސްޓޫޑިއޯ އެވެ. އެ ސްޓޫޑިއޯ ރަސްމީކޮށް ވުޖޫދަށް އައީ 1970 ގަ އެވެ. ވައިއާރްއެފުން ކާމިޔާބު އެތައް ތަރިންނަކާއި ޑައިރެކްޓަރުން ބޮލީވުޑަށް ނެރެފައިވެ އެވެ.