ތިލަފުށީގައި ކްލިނިކަކާއި ބޭސް ފިހާރައެއް ހުޅުވައިފި
ތިލަފުށީގައި ކްލިނިކަކާއި ބޭސް ފިހާރައެއް ހުޅުވައިފި

ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯންގެ ފަރާތުން ހިންގާ ކ. ތިލަފުށީގައި ކްލިނިކަކާއި ބޭސްފިހާރައެއް ހުޅުވައިފި އެވެ.

މި ކްލިނިކް އިއްޔެ ހުޅުއްވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

މިއީ ގްރޭޓާ މާލެއިން ހުޅުވި ބީލަން ކާމިޔާބުކޮށް އެފް އެންޑް ސީ ޕްރައިވެޓް ލިމިޓެޑުން ހަދާފައިވާ ކްލިނަކަކާއި ބޭސްފިހާރަ އެކެވެ. މި ކްލިނިކް ފަސް އަހަރު ދުވަހުގެ މުއްދަތަށް ހިންގުމަށް ދެ ކުންފުނި ދެމެދުގައި ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ގްރޭޓާ މާލެއިން ބުނީ ތިލަފުއްޓަކީ ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރާ ތަނަކަށް ވެފައި ސިއްހީ ހިދުމަތް ދިނުމުގެ ގޮތުން ކްލިނިކެއް ހިންގުމަށް މަސައްކަތް ކުރަމުން އަންނަތާ ހަތަރު އަހަރު ވެފައިވާ ކަމަށެވެ. ނަމަވެސް އެކި ގޮންޖެހުންތަކާ އެކު އެކަން ކާމިޔާބު ނުވީ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން ބުނީ ތިލަފުށީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބޭސްފަރުވާގެ ހިދުމަތް ވޭތުވެދިޔަ ދުވަސްތަކުގައި ލިބެން ނެތުމުން ދަތިތަކާ ކުރިމަތިވި ކަމަށެވެ. އެގޮތުން އަލިފާނުގެ ހާދިސާތަކާއި ތަފާތު އެކްސިޑެންޓުތަކުގައި އަވަސް ފަރުވާ ހޯދޭނެ ގޮތެއް ނެތުމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރާ ކަމަށް ވެސް ގްރޭޓާ މާލެއިން ބުންޏެވެ.

ތިލަފުށީގައި އިއްޔެ ހުޅުވުނު މި ކްލިނިކްގައި ބަލިމީހުން ބަލާ ކޮޓަރިއަކާއި، ފަރުވާ ދޭ ކޮޓަރިއަކާއި، އިންޖެކްޝަން ޖަހާ ކޮޓަރިއެއްގެ އިތުރުން ބޭސް ރައްކާ ކުރެވޭނެ ގުދަނެއް ހުރެ އެވެ. ކުރިއަށް އޮތްތާނގައި މި ކްލިނިކްގެ ހިދުމަތްތައް ފުޅާކޮށް ތިލަފުއްޓާއި ގުޅީފަޅުގައި މަސައްކަތް ކުރާ ފަރާތްތަކަށް ހިދުމަތް ދިނުމަށް މަސައްކަތް ކުރާ ކަމަށް ގްރޭޓާ މާލެއިން ބުންޏެވެ.