30 ޖުލައި 2019 - 11:29

ނިއު ދިއްލީ (ޖުލައި 30) - ރޭޕުގެ ޝިކާރައަކަށްވި އިންޑިއާގެ ކުޑަ އަންހެން ކުއްޖާ އިން ކާރު އެކްސިޑެންޓްވި ހާދިސާއާ މެދު ސުވާލުތަކެއް އުފެދި އެ ހާދިސާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

މީހަކު މަރާލަން އުޅުނު ކަމަށް ތުހުމަތުކޮށް ފުލުހުން ތަހުގީގު ކުރަނީ ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ ކުލްދީފް ސެންގަރުގެ މައްސަލައެކެވެ. އަންހެން ކުއްޖާ ކުޑައިރު، 2017 ގައި، ސެންގަރު ވަނީ އެ ކުއްޖާ ރޭޕްކޮށްފަ އެވެ. ރޭޕުގެ ތަހުގީގު ކުރިއަށްދާތީ ސެންގަރު މިހާރު ހުރީ ޖަލުގަ އެވެ.
އަންހެން ކުއްޖާގެ އާއިލާ އާއި އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ކާރު އެކްސިޑެންޓަކީ ގަސްދުގައި ހިންގި ހާދިސާއެއް ކަމަށެވެ. އުއްތަރަ ޕްރަދޭޝް ސްޓޭޓުގައި އާދިއްތަ ދުވަހު ހިނގި އެ އެކްސިޑެންޓުގައި ކާރުގައި އިން އަންހެން ކުއްޖާގެ ދެ ބޮޑުދައިތައިން ވަނީ މަރުވެފަ އެވެ. އަދި އަންހެން ކުއްޖާ އާއި އޭނާގެ ވަކީލް ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފަ އެވެ. ހޮސްޕިޓަލްގައި މިހާރު ފަރުވާދޭ އަންހެން ކުއްޖާގެ ހާލު ސީރިއަސް ކަމަށްވެ އެވެ.
ސެންގަރުގެ މައްސަލަ ތަހުގީގު ކުރަން ފެށީ އަންހެން ކުއްޖާގެ އާއިލާގެ ފަރާތުން އެކަން ފުލުހުންނަށް ހުށަހެޅުމުންނެވެ. މީހަކު މަރާލަން އުޅުނުކަމުގެ ތަހުގީގު ވަނީ ސެންގަރުގެ ކޮއްކޮއަކާއި އިތުރު 24 މީހެއްގެ މައްޗަށް ވެސް ފަށައިފަ އެވެ.
ސެންގަރުގެ ވަކީލް ރޮއިޓާސް އަށް ވިދާޅުވީ އެއީ "ހަމަ އެކްސިޑެންޓެއް" ކަމަށާއި މީހަކު މަރާލަން އުޅުނު ކަމަށް ސެންގަރުގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ސިޔާސީ ގޮތުން އޭނާގެ އަގު ވައްޓާލަން ކަމަށެވެ.
އުމުރުން މިހާރު 19 އަހަރުގެ އަންހެން ކުއްޖާ އިން ކާރު ހައިވޭގައި ދުއްވަނިކޮށް ޖެހިފައި ވަނީ ޓްރަކެއްގަ އެވެ. ފުލުހުން ބުނީ ޓްރަކް ޑްރައިވަރު ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެޕްރީލް 2018 ގައި އަންހެން ކުއްޖާ ވަނީ އޭނާ ރޭޕްކުރި މައްސަލަ އަށް ސަމާލުކަން ހޯދުމުގެ ގޮތުން ސްޓޭޓުގެ ޗީފް މިނިސްޓަރު ޔޯގީ އަދިތިޔާނާތުގެ ގޭގެ ކުރިމަތީގައި އަމިއްލަ ހަށިގަނޑުގައި ރޯކޮށްލަން މަސައްކަތް ކޮށްފަ އެވެ. އޭގެ އެއް ދުވަސް ފަހުން އެ ކުއްޖާގެ ބައްޕަ ވަނީ ޖަލުގައި މަރުވެފަ އެވެ. އޭގެ ހަފުތާއެއް ކުރިން އަންހެން ކުއްޖާގެ ބައްޕަ އަށް ވަނީ ސެންގަރުގެ ކޮއްކޮއެއް ކަމަށްވާ އަތުލް ސެންގަރާއި އޭނާގެ ސަޕޯޓަރުންތަކެއް ޖަލުގައި ހަމަލާދީފަ އެވެ.
އިންޑިއާގެ ފެޑެރަލް އިންވެސްޓިގޭޝަން އެޖެންސީން ވަނީ އަންހެން ކުއްޖާގެ ބައްޕަގެ މަރުގެ މައްސަލަ ބަލަން ފަަށައި އަތުލް ސެންގަރާއި އިތުރު 10 މީހަކު ހައްޔަރުކޮށްފަ އެވެ. އެ މީހުންގެ މައްޗަށް ވަނީ މީހަކު މަރާލަން އުޅުނުކަމުގެ ދައުވާ ކޮށްފަ އެވެ.