30 ޖުލައި 2019 - 10:59

ސަރުކާރުން ބީއެމްއެލްގެ ބޯޑަށް ހުށަހެޅި މެންބަރުންގެ ލިސްޓުން އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފުގެ ނަން އުނިކޮށްފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ކުރިއަށް އޮތް އަހަރަށް ސަރުކާރުން ކަނޑައަޅާ ބީއެމްއެލް ބޯޑުގެ ހަތް މެންބަރުންގެ ތެރޭގައި ޝަރީފުގެ ނަން ކުރިން ހިމަނާފައި އޮތް ނަމަވެސް އޭނާގެ ނަން ބޯޑުގެ މެންބަރުންގެ ލިސްޓުން ވަނީ އުނިކޮށްފަ އެވެ. އެހެން ނަމަވެސް ޝަރީފުގެ ބަދަލުގައި އިތުރު ނަމެއް ހުށަހަޅާފައިވާކަން ސާފެއް ނުވެ އެވެ.
އެހެންކަމުން މިރޭ އޮންނަ ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ފާސްކުރާ ބީއެމްއެލް ބޯޑު މެންބަރުގެ ލިސްޓުގައި އޭނާގެ ނަމެއް ނުހިމެނޭނެ އެވެ.
އެގާރަ މެމްބަރުން ހިމެނޭ ބީއެމްއެލްގެ ބޯޑަށް ސަރުކާރުން އައްޔަން ކުރަނީ އަށް މެމްބަރުންނެވެ. މީގެ އިތުރުން ބޯޑުގައި ދެން ހިމެނިވަޑައިގަންނަވާނީ އާންމު ހިއްސާދާރުން އައްޔަންކުރާ ތިން ހިއްސާދާރެކެވެ. އަމިއްލަ ގޮތުން ކުރިމަތިލައްވާފައި ވަނީ މއ. ޓިއުލިޕްވިލާ މުހަންމަދު އަބްދުއްސައްތާރާއި، ނ. ހޮޅުދޫ ނެލުމް އިބްރާހިމް އަބްދުއްސައްތާރާއި ގ. އުފާ އަހުމަދު މުހަންމަދެވެ.
1. ޓިމޮތީ ސޯޔާ، ބޭންކްގެ ސީއީއޯ
2. ޖުވައިރިޔާ ސައީދު، މއ. ކޮށީގެ، މާލެ
3. ސަނާ މަންސޫރު، މއ. މަނަސް، މާލެ
4. ނަޖީމް އިބްރާހީމް ޒަކަރިއްޔާ، މ. ދާޝިން، މާލެ
5. ހައްވާ ސަފުނާ، ހ. ވައިފިލާގެ، މާލެ
6. ހުސައިން ތައުފީގު އަލީ، މ. މުއިރި، މާލެ
މި މީހުން ބޯޑަށް އައްޔަނު ކުރާނީ މިރޭ ބާއްވާ އަހަރީ އާންމު ޖަލްސާގަ އެވެ.
ބީއެމްއެލްގެ ބޯޑަށް ހުށަހެޅި ލިސްޓުން ޝަރީފުގެ ނަން އުނިކުރުމަށް ނިންމާފައިވާ އިރު މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ދޮގު ހެއްދެވި ކަމަށް ތުހުމަތުކޮށް އޭނާގެ މައްސަލައެއް ފުލުހުން އަންނަނީ ބަލަމުންނެވެ. އޭނާ ދޮގު ހެދީ އެމްއެމްޕީއާރުސީން ދޫކުރި ބައެއް ރަށްރަށުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެކި ފަރާތްތަކުން އެ ކުންފުންޏަށް ދިން ޗެކްތަކުގެ ތެރެއިން "ނޮން ނެގޯޝިއަބްލް" ޗެކްތަކެއް ވެސް ބީއެމްއެލުން އެސްއޯއެފަށް ޖަމާކޮށްދިން ކަމަށް ބުނާ މައްސަލައިގަ އެވެ.