15 ސެޕްޓެމްބަރ 2016 - 07:30

ނިއު ޔޯކް (ސެޕްޓެމްބަރު 15) - އެމެރިކާގައި މި އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ހިލަރީ ކްލިންޓަންގެ ސިއްހީ އެއްވެސް މައްސަލައެއް ނެތް ކަމަށާއި ވެރިކަން ކުރެއްވޭ ވަރަށް ފިޓް ކަމަށް އެކަމަނާގެ ޑޮކްޓަރު ވިދާޅުވެއްޖެ އެވެ.

ހިލަރީގެ ކެމްޕޭން ޓީމުން ނެރުނު ބަޔާނެއްގައި ބުނީ މި ހަފުތާގައި ނިއުމޯނިއާ އަށް ޕޮޒިޓިވްވި ނަމަވެސް މިހާރު އެ ބަލިން ގާތްގަނޑަކަށް ރަނގަޅުވެފައިވާ ކަމަށެވެ. އަދި ކެމްޕޭން ދަތުރުތަކުގައި މިއަދު ބައިވެރިވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ހިލަރީގެ ސިއްހީ ހާލަތާ ބެހޭ ގޮތުން ބަޔާނެއް އާއްމުކޮށްފައި މި ވަނީ ވާދަވެރި ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕުގެ ސިއްހީ މައުލޫމާތު ޗެޓް ޝޯއެއްގައި އާއްމުކޮށްފައި ވަނިކޮށެވެ. މި ޕްރޮގްރާމް އާއްމުކޮށް ދައްކާނީ މިއަދު އެވެ.
ނޮވެމްބަރު މަހު އޮންނަ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ސިއްހީ މައްސަލަ ބޮޑުވެފައި މި ވަނީ ސެޕްޓެމްބަރު 11 ގެ ހަމަލާ އަށް 15 އަހަރު ފުރުން ފާހަގަ ކުރަން ނިއު ޔޯކުގައި އާދިއްތަ ދުވަހު ބޭއްވި ހަފުލާއަކަށް ފަހު އުމުރުން 68 އަހަރުގެ ހިލަރީ ބަރުބަލިވެގެން ވެއްޓުނު ހާދިސާ އަށް ފަހު އެވެ. ހިލަރީގެ ކެމްޕޭން ޓީމުން ބުނީ ފިޒިކަލް ޓެސްޓްތައް ވެސް ރަނގަޅު ކަމަށާއި އެކަމަނާގެ ސިކުނޑީގެ މައްސަލައެއް ވެސް ނެތް ކަމަށެވެ. ހިލަރީގެ ލޭގެ ޕްރެޝަރު ހުރީ 100/70 ގައި ކަމަށާއި ޓޯޓަލް ކޮލެސްޓްރޯލް ލެވެލް އަކީ 189 ކަމަށް ވެސް ޑޮކްޓަރު ވިދާޅުވެފައިވެ އެވެ. އެކަމަނާގެ މެމޮގްރާމާއި އަލްޓްރާސައުންޑް ސްކޭން ވެސް ނޯމަލް ކަމަށް ޑޮކްޓަރު ވިދާޅުވެފައިވެ އެވެ.
ހިލަރީގެ ޑޮކްޓަރު ލީސާ ބާޑަކް ވިދާޅުވީ ހުކުރު ދުވަހު ހެދި ހިލަރީގެ މޭގެ ސްކޭނުގައި އެކަމަނާ އަށް ނިއުމޯނިއާ ޖެހިފައިވާކަން ދެއްކި ކަމަށާއި އެކަމަކު އެންޓިބައޮޓިކްދީ އަދި އަރާމު ކުރުމުން މިހާރު ގާތްގަނޑަކަށް ބަލި ރަނގަޅުވެފައިވާ ކަމަށެވެ.