30 ޖުލައި 2019 - 09:07

ބާސެލޯނާ (ޖުލައި 30) - ބާސެލޯނާ އިން ފަހަކަށް އައިސް ބޮޑު އަގުގައި ކުޅުންތެރިން ގަތުމުގެ އެންމެ ބޮޑު ބޭނުމަކީ އެ ޓީމުގެ ތަރި ލިއޮނަލް މެސީ ނެތް ހާލަތަކަށް ތައްޔާރުވުން ކަމަށް އެ ކްލަބްގެ ރައީސް ޖޯސެފް ބާޓޮމެއު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ މިވަގުތު އެންމެ އަގުބޮޑު ހަ ޓްރާންސްފާގެ ތެރޭގައި ބާސެލޯނާ އިން ގަތް ތިން ކުޅުންތެރިން ހިމެނެ އެވެ. އެއީ އޮސްމާން ޑެމްބެލޭ އާއި ފިލިއްޕޭ ކުޓީނިއޯ އަދި އެންޓޮއިން ގްރީޒްމަން އެވެ. މި ތިން ކުޅުންތެރިންނަށް ބާސެލޯނާ އިން ކުރިހޭދައިގެ ޖުމްލަ އަދަދު 424 މިލިއަން ޑޮލަރަށް އަރަ އެވެ.
ބާޓޮމެއު ވިދާޅުވީ މެސީގެ ކެރިއަރުގެ ފަހު އަހަރުތަކަށް ދާއިރު އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ވެސް ގެއްލޭނެ ކަމަށެވެ. އަދި މެސީ ކުޅުން ހުއްޓާލައިފިނަމަ އެ ދުވަހަކަށް ވެސް ބާސެލޯނާ އޮންނަން ޖެހޭނީ ތައްޔާރަށް ކަމަށެވެ.
"މެސީ ފަދަ މޮޅު ކުޅުންތެރިޔެއް ނެތުމުން އެއީ ވަރަށް ބޮޑަށް ފާހަގަވާނެ ކަމެއް. އެ ފަދަ ހާލަތަކަށް ތައްޔާރުވުމަކީ ދުރާލާ ވިސްނައިގެން ތައްޔާރުވާންޖެހޭނެ ކަމެއް،" ބާޓޮމެއު ވިދާޅުވި އެވެ.
ބާސެލޯނާގައި މިހާރު ތިބި ޒުވާން ކުޅުންތެރިންނަކީ ގިނަ އަހަރުތަކެއް ވަންދެން އެ ޓީމަށް ކުޅޭނެ ކުޅުންތެރިން ކަމަށް ބާޓޮމެއު ވަނީ ވިދާޅުވެފަ އެވެ. މެސީ ނެތް ހާލަތަކަށް ތައްޔާރުވުމޭ ބުނަނީ އޭނާ ދޫކޮށްލަން ކްލަބުން އުޅޭތީ ނޫން ކަމަށް ވިދާޅުވި އެވެ.
"އަަަހަރެމެން މެސީ ނެތް ހާލަތަކަށް ތައްޔާރުވުމޭ ބުނަނީ ވީ އެންމެ އަވަހަކަށް އޭނާ ދޫކޮށްލާކަށެއް ނޫން. ރައީސެއްގެ ހައިސިއްޔަތުން އަހަންނަށް އޮތް ޒިންމާއެއް އެއީ ކޮންމެ ހާލަތަކަށް ވެސް ޓީމު ތައްޔާރަށް ބޭއްވުމަކީ. އަހަރެންގެ އުއްމީދަކީ މެސީ ވީ އެންމެ ގިނަ ދުވަހެއް ވަންދެން މި ކްލަބަށް ކުޅުން،" ބާޓޮމެއު ވިދާޅުވި އެވެ.
އުމުރުން 32 އަހަރުގެ މެސީ އަށް އުމުރު ދުވަހުގެ ކޮންޓްރެކްޓެއް ދިނުމަށް ބާސެލޯނާ އިން އަންނަނީ މަޝްވަރާކުރަމުންނެވެ.
ދާދި ފަހުން ބާސެލޯނާ އަށް ސޮއިކުރި ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަނަށް އެ ޓީމަށް ނުކުޅެވޭ ގޮތް ހަދަން އޭނާގެ ކުރީގެ ކްލަބް އެތުލެޓިކޯ މެޑްރިޑުން ވަނީ ލަލީގާ އަށް ހުށަހަޅައިފަ އެވެ. ބާޓޮމެއު ވިދާޅުވީ ގްރީޒްމަންގެ ސޮއި ހޯދުމުގައި ބާސެލޯނާ އިން އެއްވެސް ގޯހެއް ހަދާފައިނުވާނެ ކަމަށެވެ. އަދި ގްރީޒްމަން އަށް ލީގުގައި ކުޅުވުމުގައި ހުރަހެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.