30 ޖުލައި 2019 - 08:50

ފައިނަލުގައި ބޫޓާނުގެ މައްޗަށް 6-0 އިން ހޯދި ބޮޑު މޮޅާ އެކު އައްޑޫ ސިޓީގައި ޔުއެފާގެ އެހީގައި ކުރިއަށްދިޔަ 15 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ލެޓްވިއާ އިން ހޯދައިފި އެވެ.
ހަތަރު ޓީމުގެ މެދުގައި ކުޅުނު މި މުބާރާތުގެ ލީގު ބުރުގެ އެއް ވަނަ ޓީމުގެ ގޮތުގައި ލެޓްވިއާ ފައިނަލުން ފުރުސަތު ހޯދިއިރު، އެ ޓީމު ފައިނަލުން މޮޅުވުމާ އެކު މި މުބާރާތުގެ ތަށި އުފުލާލީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އެވެ. ލީގު ބުރުގައި ބޫޓާން އަތުން 5-3 އިން ލެޓްވިއާ މޮޅުވި ނަމަވެސް ފައިނަލުގައި އެ ޓީމު ފެނުނީ މާ ތަފާތު ކޮށެވެ.
ހިތަދޫ ޒޯން ސްޓޭޑިއަމްގައި އިއްޔެ ހަވީރު ކުޅުނު ފައިނަލު މެޗުގައި ލެޓްވިއާ އިން ވަނީ ހާފަކު ތިން ގޯލު ޖަހައިފަ އެވެ. އެ ޓީމުގެ ޖިއޯޖިސް ސަކޯވްސް އާއި ޑޯރިއޯ ސިޓްސް ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހިއިރު، އަނެއް ދެ ލަނޑު ޖެހީ ކްރިސްޓާސް ވޮއިކޯވްސް އާއި ބްރޫނޯ މެލްނިސް އެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ލެޓްވިއާ އަށް މޮޅު ކުޅުމެއް ދެއްކި ކްރިސްޓާސް އެވެ. އެންމެ ގިނަ ލަނޑު ޖެހީ އެ ޓީމުގެ ސިޓްސް އެވެ.
މި މުބާރާތުގެ ފައިނަލުން ބޫޓާން ފުރުސަތު ހޯދީ ލީގު ބުރުގައި ރާއްޖެ އާއި ސައުދީ އަރަބިއްޔާގެ މައްޗަށް ކުރިހޯދައިފަ އެވެ. ސައުދީން ވަނީ މި މުބާރާތުގައި ރާއްޖެ ބަލިކޮށްފަ އެވެ. ރާއްޖޭގެ ޓީމުން މުބާރާތް ނިންމާލަން ޖެހުނީ މޮޅެއް ނުލިބި އެވެ.
އޭއެފްސީގެ ގްރާސްރޫޓް އެވޯޑް 2017 ވަނަ އަހަރު ހާސިލްކުރި ބޫޓާން އަންނަނީ ފަހަކަށް އައިސް އުމުރުފުރާ ލެވެލްގައި ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. ލެޓްވިއާ ނުލައި މި މުބާރާތުގައި ޖުމްލަކޮށް އެއް ފެންވަރެއްގައި ހުރިހާ މެޗެއްގައި ވެސް ކުޅުނު ޓީމަކީ ބޫޓާން އެވެ.
މި މުބާރާތަކީ ގިނަ އަހަރުތަކަކަށް ފަހު އުމުރުފުރާ ގައުމީ ޓީމުތަކަށް ހާއްސަ ކޮށްގެން ބޭއްވި ބައިނަލްއަގުވާމީ ފުރަތަމަ މުބާރާތެވެ. މުސްތަގުބަލަށް ޒުވާން ޓީމުތަކެއް ބިނާކުރުމަށް އެފްއޭއެމުން ފަށާފައިވާ "ޓުވާޑްސް ފިއުޗާ"ގެ ބެނާގެ ދަށުން ކުރިއަށް އޮތްތަނުގައި މި ޓީމު އިތުރު މުބާރާތްތަކެއްގައި ވާދަކުރާނެ ކަމަށް އެފްއޭއެމުން މައުލޫމާތު ދެ އެވެ.
މިއީ ކުރީގެ ކުޅުންތެރިޔާ އިބްރާހިމް ހަލީމް (ޖަޑާ)ގެ ކޯޗުކަމުގައި މިިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި 15 އަހަރުން ދަށުގެ ގައުމީ ޓީމު ކުޅުނު ދެ ވަނަ މުބާރާތެވެ. މިދިޔަ ޑިސެމްބަރު މަހު ތައިލެންޑުގައި އޮތް މުބާރާތް ވެސް ރާއްޖޭން ނިންމާލީ ޕޮއިންޓެއް ނުލިބި އެވެ. އެނގިފައިވާ ގޮތުގައި 15 އަހަރުން ދަށުގެ ގައުމީ ޓީމު މި އަހަރު އިތުރު ބައިނަލްއަގްވާމީ މުބާރާތެއްގައި ވާދަކުރާނެ އެވެ.