29 ޖުލައި 2019 - 22:39

ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އިންވެސްޓް ކުރުމަށް ބޭރުގެ 28 ފަރާތަކުން މި އަހަރުގެ މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި 23 ފަރާތަކަށް އެ ހުއްދަ ދީފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ޓޫރިޒަމާ ބެހޭ މާސްޓާ ޕްލޭން އެކުލަވައިލަން ފެށުން އިފްތިތާހު ކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، މި ސަރުކާރުގެ މިދިޔަ ކުރު މުއްދަތުގެ ތެރޭގައި އިންވެސްޓަރުންގެ އިތުބާރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
"މި މުއްދަތުގައި 17 އިންވެސްޓްމެންޓެއް ވަނީ ރަޖިސްޓަރީ ކޮށްދީފައި. އަދި އެ މުއްދަތުގައި ދުނިޔޭގެ 13 ގައުމަކުން ރާއްޖޭގައި އިންވެސްޓް ކޮށްފި. މިއީ ރާއްޖޭގައި ގާނޫނުގެ ވެރިކަން ނަގަހައްޓައި ސުލްހަ އާއި ހަމަޖެހުން ގާއިމް ކުރުމުގެ ނަތީޖާ،" މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ދުނިޔޭގެ ޓޫރިޒަމްގެ ބާޒާރުގައި ރާއްޖެ އިން ވަރަށް މަތީ މަގާމެއް ހޯދާފައިވާ ކަމަށެވެ. އެކަމުގެ ހުރިހާ ޝަރަފަކާއި ފަހުރެއްގެ ހައްގުވެރިންނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި، މި ސިނާއަތް ކޮޅަށް ޖެހުމުގައި މަސައްކަތް ކުރި ހުނަރުވެރި ދިވެހިންނެވެ.
ރައީސް ވިދާޅުވީ، ޓޫރިޒަމުން ލިބޭ އާމްދަނީ މި އަހަރުގެ ފުރަތަމަ ތިން މަހު 1.1 ބިލިއަނަށް އަރާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ޓޫރިޒަމް މިދިޔަ ހަ މަހު ވަނީ 18 ޕަސެންޓް ކުރި އަރައިފަ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މަޓީގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ) ވެސް ވާހަކަ ދެއްކެވި މި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ޓޫރިޒަމް މާސްޓާ ޕްލޭނާ އެކު، މި ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ދަފްތަރެއް ކުރިއަށް އޮތް ހަތް މަސް ތެރޭގައި އެކުލަވައިލާނެ ކަމަށެވެ.
"އޭރުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ހާލަތު ދެނެގަނެވި، އެމީހުންގެ ހިދުމަތުގެ އަގު ވަޒަން ކުރުމަށް ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ޓޫރިޒަމް ދާއިރާގެ ވަޒީފާތަކުގެ އަދަދު 35،000 އަށް އިތުރު ކުރާނެ އެވެ.