29 ޖުލައި 2019 - 21:00

ގއ. ކަނޑުހުޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީ ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވަނީ އިސް މެޖިސްޓްރޭޓް ހަސަން ސަސްޕެންޑް ކުރަން ނިންމީ އޭނާއާ ގުޅޭގޮތުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެ މައްސަލަ ވަކި ގޮތަކަށް ނިމެންދެންނެވެ.
އިސް މެޖިސްޓްރޭޓް ހަސަން ސަސްޕެންޑް ކުރުމުގެ އިތުރުން ހުޅުމާލޭ ކޯޓުގައި ވަގުތީ ގޮތުން މަސައްކަތް ކުރައްވާ މެޖިސްޓްރޭޓް ހުސައިން ރަޝީދު އޭނާ ކުރިން މަސައްކަތް ކުރެއްވި ފުވައްމުލަކު ކޯޓަށް ބަދަލުކުރަން ވެސް ޖޭއެސްސީން މިއަދު ނިންމި އެވެ.
މެޖިސްޓްރޭޓް ހުސައިން އަލުން ފުވައްމުލަކު ކޯޓަށް ބަދަލުކުރަން ނިންމީ އޭނާ ހުޅުމާލޭ ކޯޓަށް ބަދަލުކުރި މަގްސަދު ހާސިލްވަމުން ނުދާތީ ކަމަށް ޖޭއެސްސީން ބުންޏެވެ. އެހެންވެ، އަންނަ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ފުވައްމުލަކު ކޯޓަށް އޭނާ ބަދަލުކުރަން ނިންމީ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
މީގެ އިތުރުން، ކޯޓުތަކުގައި ހުރި މައްސަލަތައް ނުނިމި ލަސްވާ ސަބަބު ދެނެގަތުމަށް ޖޭއެސްސީން ފެށި މަސައްކަތުގެ ތެރެއިން ކްރިމިނަލް ކޯޓުގައި ހުރި ގިނަ ދުވަސްވީ މައްސަލަތަކާ ގުޅޭގޮތުން އެ ކޮމިޝަނުން އެކުލަވައިލި ރިޕޯޓް ކަމާބެހޭ ފަރާތްތަކަށް ފޮނުވަން ވެސް ޖޭއެސްސީން މިއަދު ވަނީ ނިންމައިފަ އެވެ. އެގޮތުން މައްސަލަތައް ނުނިމި ލަސްވާ މައްސަލަ ހައްލު ކުރުމަށް އެއްބާރުލުން ދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހަށާއި މިނިވަން މުއައްސަސާތަކުގެ އިތުރުން ތަންފީޒީ އިދާރާތަކަށް ރިޕޯޓް ފޮނުވަން ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
ކަނޑުހުޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ސަސްޕެންޑް ކުރިއިރު، ޖޭއެސްސީން ކުރިން ވެސް ވަނީ އެހެން ބައެއް ފަނޑިޔާރުން ސަސްޕެންޑްކޮށްފަ އެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފެމިލީ ކޯޓުގެ އިސްގާޒީ ހަސަން ސައީދުގެ އިތުރުން ބައެއް މެޖިސްޓްރޭޓުން ވަނީ ސަސްޕެންޑްކޮށްފަ އެވެ. އަދި އެހެން ބައެއް ފަނޑިޔާރުންގެ މައްސަލަތައް ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.