15 ސެޕްޓެމްބަރ 2016 - 07:10

އެސިޑް ހަމަލާއެއްގެ ޝިކާރައަކަށްވި އިންޑިއާގެ ޒުވާން މޮޑެލްއެއް ނިއު ޔޯކް ފެޝަން ވީކްގެ ރަންވޭގައި ހިނގާލައި، ރީތި މާނަކުރާ ގޮތާ މެދު އޮންނަ ގަބޫލުކުރުންތަކަށް ގޮންޖަހައިފި އެވެ.
އުމުރުން 19 އަހަރުގެ ރޭޝްމާ ގުރެއިޝީ ރަންވޭގައި ހިނގާލާފައި ވަނީ އިންޑިއާގެ ޑިޒައިނަރެއް ކަމަށްވާ އާޗަނާ ޚުޝާރްގެ، އެމްބްރޮއިޑް ކޮށްފައިވާ ގައުނެއް ލައިގެންނެވެ. އަދި މިނާއިން ހަދާފައިވާ ޓިއާރާއަކުން އިތުރު ފުރިހަމަ ކަމެއް ގެނެސްފައިވެ އެވެ.
ޜޭޝްމާ އެމެރިކާގެ ފެޝަން ޝޯއެއްގައި ބައިވެރިވެފައި ވާއިރު މިއީ އޭނާ އެމެރިކާ އަށް ކުރި ފުރަތަމަ ދަތުރެވެ. އަދި މިއީ އޭނާ އިންޑިއާ އިން ބޭރަށް ވެސް ދިޔަ ފުރަތަމަ ފަހަރެވެ.
ރޭޝްމާގެ މޫނަށް އޭނާގެ ޅިޔަނަކާއި އިތުރު ބަޔަކު ބައިވެރިވެގެން އެސިޑް ޖަހާފައި ވަނީ 2014 ވަނަ އަހަރުގެ މެއި މަހު، ރޭޝްމާގެ އުމުރުން އެންމެ 17 އަހަރުގަ އެވެ.
ނިއު ޔޯކް ފެޝަން ވީކްގެ ރަންވޭގައި ހިނގާލުމަށް ފުރުސަތު ލިބުމުން ރޭޝްމާ ބުނީ އެސިޑުގެ ހަމަލާއިން ލިބުނު ގެއްލުންތަކަށް ފަހު، އޭނާގެ ހުވަފެން ހަގީގަތަކަށް ވެދާނެ ކަމަށް ދުވަހަކު ވެސް އުންމީދު ނުކުރާ ކަމަށެވެ. އޭނާ ބުނި ގޮތުގައި މިއީ އެސިޑު ހަމަލާތަކުގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް އުންމީދުތަކެއް ލިބިގެން ދާނެ ކަމެކެވެ.
އެސިޑުން މޫނު ފިހި އައިބު ވުމަށް ފަހު ރޭޝްމާ ވަނީ، އެސިޑް ހަމަލާތަކުގައި އަނިޔާ ލިބޭ މީހުންގެ އަޑު އުފުލުމަށް އިންޑިއާގައި ހަރަކާތްތެރިވަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ "މޭކް ލަވް، ނޮޓް ސްކާސް" ގެ އެކްޓިވިސްޓެއްގެ ގޮތުގައި މަސައްކަތްކުރަން ފަށައިފަ އެވެ. އާންމުންނަށް އެސިޑް ވިއްކުން މަނާކުރުމަށް ހިންގާ ކެމްޕޭންތަކުގައި އަޑު އުފުލަމުން ރޭޝްމާ ޔޫޓިއުބަށް އަޕްލޯޑްކުރި، ރީތި ރަތް ތުންފަތެއް ލިބިގަންނާނެ ގޮތުގެ ބިއުޓީ ޓިއުޓޯރިއަލެއް ދެ މިލިއަނެއްހާ ފަހަރު މީހުން ބަލާފައިވެ އެވެ.
އެސިޑުން މީހުންނަށް ހަމަލާ ދިނުމަކީ އިންޑިއާގައި އަދިވެސް ވަރަށް އާންމު ކަމެކެވެ. އެގޮތުން ކޮންމެ އަހަރަކު މިހާރުވެސް މިފަދަ ހާހެއްހާ ހާދިސާ އިންޑިއާގެ އެކި ހިސާބުތަކުގައި ހިންގަ އެވެ.