29 ޖުލައި 2019 - 15:18

ދެ އަންބަށް ކައިވެނިކޮށްދިނުމުގެ ކުރިން ދޮށީ އަނބިމީހާ އާއި ދަރިންނަށް ޚަރަދު ކުރޭތޯ ބެލުމަށް އަނބިމީހާގެ ބަޔާނެއް ނަގަންޖެހޭ ގޮތަށް ސުޕްރީމް ކޯޓުން މިއަދު ހަމަޖައްސައިފި އެވެ.
އެއް އަންބަށް ވުރެ ގިނަ އަނބިންނާ ކައިވެނި ކުރާއިރު، ދޮށީ އަނބިމީހާގެ ބަޔާނެއް ކޯޓުތަކުން ނެގުމަކީ ކުރިން އަމަލުކުރި އުސޫލެއް ވިޔަސް، ފަހުން އެގޮތަށް ބަޔާނެއް ނުނަގަ އެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު ސާކިއުލާއެއްގައި ވަނީ އެކަކަށް ވުރެ ގިނަ މީހުންނާ ކައިވެނިކޮށް ދިނުމުގެ ކުރިން، އިނދެގެން އުޅޭ އަނބިމީހާ އާއި ދަރިންނަށް ޚަރަދު ކުރޭތޯ ބެލުމަކީ ކޯޓުތަކުން ކުރިން އަމަލުކުރި އުސޫލެއް ކަމަށް ވިޔަސް، ފަހަކަށް އައިސް ބައެއް ކޯޓުތަކުން އަނބިމީހާގެ ބަޔާން ނުނަގައި، ދެ އަންބަށް ކައިވެނިކޮށްދޭ ކަން ފާހަގަކުރެވޭ ކަމަށެވެ.
އެހެންވެ، އެފަދަ ކައިވެނިތައް މީގެފަހުން ކޮށްދިނުމުގެ ކުރިން ދޮށީ އަނބިމީހާ އާއި ދަރިންނަށް އެ މީހަކު ޚަރަދު ކުރޭތޯ ބެލުމަށްޓަކައި އަނބިމީހާގެ ބަޔާނެއް ކޯޓުތަކުން ނަގަންޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ސޮއި ކުރައްވައި، ނެރުއްވި އެ ސާކިއުލާގައިވެ އެވެ.