14 ސެޕްޓެމްބަރ 2016 - 23:37

އެމްޕީއެލް ސަރަހައްދު ބޮޑުތަކުރުފާނު މަގުގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް އެކި ވަރުގެ ޒަހަމްތަކެއް ލިބިއްޖެ އެވެ.
ފުލުހުން ބުނީ މިރޭ 10 ޖަހާކަން ހާއިރު ހިނގި އެކްސިޑެންޓެއްގައި ދެ ސައިކަލެއްގައި ތިބި ހަތަރު މީހަކު މީހުންނަށް ވެސް އަނިޔާތައް ލިބުނު ކަމަށެވެ. އެހެން ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައީ ތިން މީހުން ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.
އެކްސިޑެންޓް ހިނގީ އޭގެ ތެރެއިން އެއް ސައިކަލާއި ކާރެއް ޖެހިގެން ކަމަށް ވެ އެވެ.
"މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުން ކާރެއްގައި ސައިކަލެއް ޖެހި، ފަހަތުން އައި ސައިކަލެއް ވެސް ޖެހުނީ،" ފުލުހުން ބުންޏެވެ.
ހޮސްޕިޓަލަށް ގެންދިޔައީ، އައިޖީއެމްއެޗުން ބުނި ގޮތުގައި 49 އަހަރުގެ އަންހެނަކާއި 18 އަހަރާއި 56 އަހަރުގެ ފިރިހެނެއް ކަމަށެވެ.
"އަންހެން މީހާާގެ ފައިގައި ފްރެކްޗަރެއް އެކަނި. އަށާރަ އަހަރުގެ މީހާގެ ބޮޑު ޒަހަމެއް ނެތް. އަނެއް މީހާގެ ތުންފަތް ވަނީ ކަފައިގެން ގޮސްފައި،" އައިޖީއެމްއެޗުން "މިހާރު" އަށް ބުންޏެވެ. "އެ މީހުންނަށް ފަރުވާ ދިނުމަށް ފަހު އިރުކޮޅަކުން ދޫކޮށްލާނެ. އެއްވެސް ސީރިއަސް ޒަހަމެއް ނެތް."
ދެ ސައިކަލް ވިއްސައިގެން ގޮސްފައިވާ އިރު، އެ ދެ ސައިކަލަށާއި ކާރަށް ވެސް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފަ އެވެ.