ޔޫއެންޕީން ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅަނީ
ޔޫއެންޕީން ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅަނީ

ކޮލަމްބޯ (ޖުލައި 29) - ސްރީ ލަންކާގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އިން އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައަޅަން ތިން ބޭފުޅަކު ޝޯޓްލިސްޓް ކޮށްފި އެވެ.

ޕާޓީން ބުނީ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އާއި ޕާލަމެންޓުގެ ރައީސް ކަރޫ ޖަޔަސޫރިއާ ނުވަތަ ކުރީގެ ރައީސް ރަނަސިންހަ ޕްރެމަދާސާގެ ދަރިކަލުން ސަޖިތު ޕްރެމަދަސާގެ ތެރޭން ބޭފުޅެއް ކަމަށެވެ.

ސްޓޭޓް މިނިސްޓަ އޮފް ޑިފެންސް އެންޑް މާސް މީޑިއާ އަދި ޕާލަމެންޓް މެންބަރު ރުވާން ވިޖެވަރްދަނާ ވިދާޅުވީ ރިޔާސީ ކެންޑިޑޭޓަކަށް ރަނިލް ހަދަން ބޭނުންވާ ބަޔަކު ވެސް ޕާޓީގެ ތެރޭގައި އެބައުޅޭ ކަމަށެވެ. އަދި އެހެން ގްރޫޕަކުން ކަރޫ ޖަޔަސޫރިއާ އަށް ތާއީދު ކުރާ އިރު ހައުސިން މިނިސްޓަރު ސަޖިތު ޕްރެމަދާސާ ރައީސްކަމަށް ގެންނަން މަސައްކަތް ކުރާ ބަޔަކު ވެސް އުޅޭ ކަމަށެވެ. އޭނާ ވިދާޅުވީ ކެންޑިޑޭޓަކު ކަނޑައެޅުމަށް ޕާޓީން ވަރަށް އަވަހަށް ބައްދަލު ކުރާނެ ކަމަށެވެ. މީގެ އިތުރުން ރިޔާސީ އިންތިޚާބަށް ކޯލިޝަން ހަދާ ޕާޓީތަކާ އެކު އެމްއޯޔޫގައި ސޮއިކުރުން އަންނަ މަހު 5 ވަނަ ދުވަހު ބާއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލަންކާގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ޝެޑިއުލް ކޮށްފައި ވަނީ ޑިސެމްބަރު މަހު އެވެ. ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ކޮއްކޯފުޅު ގޮތަބަޔާ ރާޖަޕަކްސާ ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވައިފަ އެވެ.