29 ޖުލައި 2019 - 15:50

ދަރިވަރުންނަށް ހާއްސަކޮށްގެން މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ކެމްޕޭނެއް މިއަދު ފަށައިފި އެވެ.

ހިރިޔާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި "ރޯޑް ސޭފްޓީ ކެމްޕެއިން" ފައްޓަވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. އެއީ މަގުމަތީގެ ގަވާއިދުތަކަށް އަހުލުވެރިކުރުމުގެ މަގުސަދުގައި އެޑިއުކޭޝަން މިނިސްޓްރީން ފެށި ހަރަކާތެކެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވަނީ މަގުމަތީގައި ހިނގާބިނގާވެ އުޅުމާއި މަގުމަތީގައި އެއްޗެހި ދުއްވާއިރު އެކަކު އަނެކަކަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރައްވައިފަ އެވެ. އަދި މަގުމަތީގައި ދިމާވާ އެކި ހާދިސާތަކުގެ ތަފާސްހިސާބުތަކަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ހިނގާ އެކްސިޑެންޓުތަކުގެ އަދަދު ކަންބޮޑުވާ ދަރަޖަ އަށް އިތުރުވެގެން ދިއުމަކީ މުޅި މުޖުތަމައުއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ.

އެ ގޮންޖެހުންތަކުން އަރައިގަންނަން ސަރުކާރުން ފަށާފައިވާ ކެމްޕެއިން ކާމިޔާބުކުރެވެން އޮތީ މަގުމަތީގެ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދީ އެންމެން އެއްބާރުލުން ދީގެން ކަމަށް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ ދަރިވަރުންނަށް ފިލާވަޅުތަކެއް ނަގައިދެވޭނީ ކްލާސްރޫމްގެ ތެރެއިން އެކަނި ނޫން ކަމަށެވެ. މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ މައުލޫމާތުތަކަކީ ކްލާސްރޫމުން ބޭރުގައި ވެސް ދަރިވަރުންނަށް ދަސްކޮށްދެވޭ ވަރަށް މުހިންމު ފިލާވަޅެއްކަން ފާހަގަކުރެއްވި އެވެ.
ރޯޑް ސޭފްޓީ ކެމްޕޭނަކީ ނޭޝަނަލް ރޯޑް ސޭފްޓީ އެކްޝަން ޕްލޭނާ އެއްގޮތަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށްޓަކައި ހިންގާ ދިގުމުއްދަތުގެ ކެމްޕޭނެކެވެ.