ކަންނާޑާ ފިލްމު "ކޭޖީއެފް: ޗެޕްޓާ 2" އިން ސަންޖޭ ދަތު ފެންނާނެކަން ކަށަވަރުކޮށް ދީފި
ކަންނާޑާ ފިލްމު "ކޭޖީއެފް: ޗެޕްޓާ 2" އިން ސަންޖޭ ދަތު ފެންނާނެކަން ކަށަވަރުކޮށް ދީފި

މިދިޔަ އަހަރު ރިލީޒްކުރި ކާމިޔާބު ކަންނާޑާ ފިލްމު "ކޭޖީއެފް" ގެ ދެވަނަ ބައި "ކޭޖީއެފް: ޗެޕްޓާ 2" އިން ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތު ފެންނާނެކަން ކަށަވަރުކޮށް ދީފި އެވެ.

އޭނާ އެ ފިލްމުގެ ރޯލަކުން ފެންނާނެ ކަމަށް މީޑިއާތަކުން ކުރިން ރިޕޯޓް ވެސްކޮށްފައި ވަނިކޮށް ފިލްމުން ސަންޖޭ ފެންނާނެ ގޮތުގެ ފަސްޓްލުކް ޕޯސްޓަރެއް ދައްކައިލީ ހޯމަ ދުވަހު ފާހަގަކުރި އޭނާގެ 60 ވަނަ އުފަން ދުވަހާ ދިމާކޮށެވެ. އެ ފިލްމުގައި ސަންޖޭ ފެނިގެން ދާނީ އަދީރާ ކިޔާ ކެރެކްޓާއަކުންނެވެ.

އަންނަ އަހަރު ރިލީޒް ކުރާ ފިލްމުގެ ރޯލަކުން ރަވީނާ ޓަންޑަން ވެސް ފެނިގެން ދާނެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން "ކޭޖީއެފް: ޗެޕްޓާ 2" އިން ރަވީނާ ފެނިގެން ދާނީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ރޯލުންނެވެ.

"ކޭޖީއެފް" އަކީ ކަންނާޑާގެ މަޝްހޫރު އެކްޓަރު ޔާޝް އާއި ސްރިނިދީ ޝެޓީ ލީޑް ރޯލް ކުޅެފައިވާ ފިލްމެކެވެ. ފިލްމުގެ ދެވަނަ ބައިން ވެސް ދެ ތަރިން ފެންނާނެ އެވެ.

މިހާރު ޝޫޓިން ކުރިއަށްދާ "ކޭޖީއެފް: ޗެޕްޓާ 2" އަކީ ބޮލީވުޑްގެ އެކްޓަރު/ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ފަރްހާން އަހްތަރާއި ޕްރޮޑިއުސަރު ރިތޭޝް ސިދްވާނީގެ އެކްސެލް އެންޓަޓައިންމަންޓުން ހިއްސާވާ ގޮތަށް އުފެއްދި ފުރަތަމަ ކަންނާޑާ ފިލްމެވެ. ގާތްގަނޑަކަށް 80 ކްރޯޑް ރުޕީސް (11 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި އެ ފިލްމަކީ ބޮކްސް އޮފީހުގައި 250 ކްރޯޑް ރުޕީސް (36 މިލިއަން ޑޮލަރު) ހޯދި ފިލްމެކެވެ.

"ކޭޖީއެފް: ޗެޕްޓާ 2" އިން ސަންޖޭ ފެނިގެންދާނެ ކަށަވަރުކޮށް ދިން އިރު، އޭނާ ދެން އެންމެ އަވަހަށް ސްކްރީނުން ފެންނާނީ ސެޕްޓެމްބަރު 20 ގައި ރިލީޒް ކުރާ "ޕްރަސްތާނަމް" އިންނެވެ. ސަންޖޭ ޕްރޮޑިއުސް ވެސް ކޮށްފައިވާ މި ފިލްމަކީ ހަމަ އެ ނަމުގައި 2010 ގައި ރިލީޒް ކުރި ތެލެގޫ ފިލްމުގެ ރިމެކެކެވެ.

ސަންޖޭ ޕްރޮޑިއުސްކޮށްފައިވާ ފުރަތަމަ މަރާޓީ ފިލްމު "ބާބާ" އަންނަ މަހުގެ 2 ގައި ރިލީޒް ކުރާނެ އެވެ. އަދި މި އަހަރުގެ ޑިސެމްބަރު 6 ގައި އޭނާ ވަރުގަދަ ރޯލަކުން ފެނިގެންދާ "ޕާނިޕަޓް" ސިނަމާތަކަށް އަންނާނެ އެވެ.