ޕޮމްޕެއޯއާ އިންޓަވިއު ކުރާނީ އެމެރިކާ އިން ހައްޔަރުކުރި ރިޕޯޓަރު
ޕޮމްޕެއޯއާ އިންޓަވިއު ކުރާނީ އެމެރިކާ އިން ހައްޔަރުކުރި ރިޕޯޓަރު

ތެހެރާން (ޖުލައި 29) - އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯއާ އިންޓަވިއު ކުރާނީ އެމެރިކާ އިން ހައްޔަރު ކުރި ރިޕޯޓަރު ކަމަށް ތެހެރާނުން ބުނެފި އެވެ.

ޚާރިޖީ ވަޒީރު ޕޮމްޕެއޯ ބުރާސްފަތި ދުވަހު ބްލޫމްބާގަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ޖެހުނު ސަބަބު ތެހެރާނަށް ވަޑައިގެން އެ ގައުމުގެ ގައުމީ ޓީވީ މެދުވެރިކޮށް ސާފުކޮށްދެއްވަން ބޭނުންވާ ކަމަށެވެ.

"ޕޮމްޕެއޯއާ އިންޓަވިއު ކުރެވިދާނެ އަޅުގަނޑުމެންގެ ރިޕޯޓަރު މާޒިއެހް ހާޝިމީ އަށް،" އީރާން ސަރުކާރުގެ ތަރުޖަމާން އަލީ ރާބީ ވިދާޅުވި އެވެ.

ހާޝިމީ އުފަންވީ އެމެރިކާގަ އެވެ. އޭނާ އިސްލާމްވުމަށް ފަހު ގެންދަނީ އީރާނުގެ އިނގިރޭސި ޗެނަލެއް ކަމަށްވާ ޕްރެސް ޓީވީގައި މަސައްކަތް ކުރަމުންވެ. ހާޝިމީ ވަނީ މިދިޔަ ޖެނުއަރީ މަހު އެމެރިކާ އިން ހައްޔަރު ކޮށްފަ އެވެ. އޭނާ ދޫކޮށްލީ 10 ދުވަސް ފަހުންނެވެ.

ފަހުން އީރާނަށް ގޮސް އޭނާ ވަނީ އެމެރިކާ އިން މުސްލިމުންނާއި ކަޅު ނަސްލުގެ މީހުން ތަފާތު ކުރާ ކަމަށް ބުނެފަ އެވެ.

އެމެރިކާ އިން ވަނީ 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމުން ވަކިވެ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. އީރާނުން ސިފަކޮށްފައި ވަނީ އެއީ އިގްތިސާދީ ޓެރަރިޒަމްގެ ގޮތުގަ އެވެ.