ދަރުމަވަންތަ ހޮސްޕިޓަލްގެ ދެ ރެސްޓޯރެންޓް ހިންގާނެ ބަޔަކު ހޯދަނީ
ދަރުމަވަންތަ ހޮސްޕިޓަލްގެ ދެ ރެސްޓޯރެންޓް ހިންގާނެ ބަޔަކު ހޯދަނީ

ދަރުމަަވަންތަ ހޮސްޕިޓަލްގައި ދެ ރެސްޓޯރެންޓް ހިންގާނެ ފަރާތެއް ހޯދަން އިއުލާން ކޮށްފި އެވެ.

އައިޖީއެމްއެޗުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްގެ ގްރައުންޑް ފްލޯ އާއި މެޒަނީން ފްލޯ (24 ވަނަ ފްލޯ) ގައި ރެސްޓޯރަންޓެއް ހެދުމަށްޓަކައި ޖާގަ ދޫކުރަން ނިންމާފައިވާ ކަމަށެވެ. މެޒަނީން ފްލޯގައި 513 އަކަފޫޓު ހުންނައިރު ގްރައުންޑް ފްލޯގެ ބޮޑުމިނަކީ 818 އަކަ ފޫޓު ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

ރާއްޖޭގައި މިވަގުތު ހުރި އެންމެ އުސް އިމާރާތް ހަދާފައި ވަނީ އެ ދެ ރެސްޓޯރަންޓަށް ޖާގަ ދޫކޮށްގެންނެވެ. އިމާރާތުގެ 24 ވަނަ ފްލޯގައި ރެސްޓޯރަންޓަށް ޖާގަ ދޫކޮށްފައިވާއިރު، އެ ތަނުން މާލޭގެ ހިތްގައިމު މަންޒަރު ފެނެ އެވެ.

މި ދެ ރެސްޓޯރެންޓް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 1-29 އަށެވެ.

ބީލަން ހުށަހެޅުމަށް ބޭނުންވާ ބިޑް ޑޮކިއުމަންޓް ދޫކުރުން މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ނޫން ދުވަހަކު އައިޖީއެމްއެޗްގެ ފައިނޭންސް ޑިޕާޓްމަންޓުން ލިބެން ހުންނާނެ އެވެ. ބިޑް ޑޮކިއުމަންޓެއްގެ އަގަކީ 1،000 ރުފިޔާ އެވެ. ނަމަވެސް ކުރިން މި ޑޮކިއުމަންޓް ގަނެފައިވާ ފަރާތްތަކަށް އާ ޑޮކިއުމަންޓް ހިލޭ ލިބޭނެ އެވެ.