30 ޖުލައި 2019 - 07:29

ޗައިނާގެ ވާވޭ ކުންފުނީގެ ފަތްޖެހި ފޯނު "މޭޓް އެކްސް" ސެޕްޓެމްބަރު މަހުގެ ތެރޭގައި ނެރޭނެކަން އިއުލާން ކުރުމަށް ފަހު، އެ ވިސްނުން އެ ކުންފުނިން ބަދަލުކޮށްފި އެވެ.
ވާވޭގެ ބައެއް އޮފިޝަލުންނާ ހަވާލާދީ، ޓެކް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ "މޭޓް އެކްސް" ނެރުން މިހާރު ފަސްކޮށްފައިވާ ކަމަށެވެ. އެކަމަކު ފަސްކުރަން ނިންމި ސީދާ ސަބަބެއް ނުބުނެ އެވެ. އަދި ފޯނު ދެން ނެރޭނެ ދުވަހެއް ވެސް ނުބުނެ އެވެ.
ދެކުނު ކޮރެއާގެ ސެމްސަންގްގެ ގެލެކްސީ ފޯލްޑް ސެޕްޓެމްބަރު މަހު ނެރޭނެކަން މި ހަފުތާގައި ވަނީ އިއުލާންކޮށްފަ އެވެ. އެހެންވެ ވާވޭގެ އެ ނިންމުމަކީ ސެންސަންގުގެ ނިންމުމާ ގުޅިގެން ގެނައި ބަދަލެއް ކަމަށް ބެލެވެ އެވެ.
"މޭޓް އެކްސް" ފަސްކުރުމާ ބެހޭ ގޮތުން އެ ކުންފުނީގެ ޑިރެކްޓަރު ހީ ގަންގް ވިދާޅުވީ ފަށްޖެހި ފޯނު ނެރުން ލަސްކުރީ އެއްގޮތަކަށް ވެސް މަސައްކަތްތައް ނުނިމިގެން ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އަވަސް އަރުވާލައިގެން ފޯނު ނެރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
"އެކަމަކު އަހަރެމެންގެ ފޯނު ވަރަށް ކޮލިޓީ ވާނެ. ކަސްޓަމަރުން ހިތްހަމަޖޭ ވަރުގެ ވަރަށް ވެސް ފުރިހަމަ ޕްރޮޑަކްޓަކަށް މޭޓް އެކްސްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް އެބައޮތް،" ހީ ވިދާޅުވި އެވެ. "ހަގީގަތުގައި މިއީ ޗެލެންޖިން މަސައްކަތެއް. އެހެންވީމާ ފޯނު ނެރެން އިތުރު ވަގުތު ނެގުމަކީ އެއްވެސް މައްސަލައެއް ނޫން."
އޭނާ ވިދާޅުވި ގޮތުގައި މޭޓް އެކްސް ނެރޭނެ ތާރީހެއް މާ ލަހެއް ނުކޮށް އިއުލާން ކުރާނެ އެވެ.
ވާވޭގެ މޭޓް އެކްސް ދައްކައިލީ މި އަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ.