ކުވައިތަށް ވިއްކާލި އަންހެނަކު ސަލާމަތްކޮށް ދިނީ ސަނީ ޑިއޯލް
ކުވައިތަށް ވިއްކާލި އަންހެނަކު ސަލާމަތްކޮށް ދިނީ ސަނީ ޑިއޯލް

ޓްރެވެލް އެޖެންޓެއް މެދުވެރިކޮށް ޕާކިސްތާނު މީހަކަށް ވިއްކާލައި އަދި ވަޒީފާއެއް ދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ކުވައިތަށް ގެންދިޔަ އަންހެނަކު އިންޑިއާ އަށް ގެންނަން އެކްޓަރު އަދި ލޯކް ސަބާގެ މެމްބަރު ސަނީ ޑިއޯލް ކުރި މަސައްކަތް ކާމިޔާބުކޮށް، އަންހެން މީހާ ހުކުރު ދުވަހު އިންޑިއާ އަށް ގެންގޮސް އާއިލާއާ ހަވާލުކޮށްފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ވީނާ ބޭދީ ކިޔާ 45 އަހަރުގެ އަންހެން މީހާ ކުވައިތަށް ގެންދިޔައީ މަހަކު 30،000 ރުޕީސްގެ މުސާރައެއް ދޭނެ ކަމަށް ބުނެ އެވެ. ނަމަވެސް އަޅެއްގެ ގޮތުގައި އޭނާ ވިއްކާލިކަން އާއިލާ އަށް އެނގިގެން ވީނާ ސަލާމަތްކޮށް ދޭން، ސަނީގެ ކިބައިން އާއިލާ އިން އެދުނީ އޭނާ ލޯކް ސަބާގައި ތަމްސީލުކުރާ ޕަންޖާބުގެ ގުރުދާސްޕޫރްގެ ކަތަރުޕޫރަށް ކުރި ޒިޔާރަތެއްގެ ތެރޭގަ އެވެ.

ވީނާ އިންޑިއާ އަށް ގެންނަން ސަނީ ކުރި މަސައްކަތަށް ގުރުދާސްޕޫރްގެ ޑިސްޓްރިކްޓް ލީގަލް ސާވިސް އޮތޯރިޓީ (ޑީއެސްއެލްއޭ) އާއި އަމިއްލަ ދެ ޖަމާއަތެއްގެ އިތުރުން އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން އެހީތެރިކަން ފޯރުކޮށް ދީފައިވެ އެވެ. އަދި އެ މަސައްކަތް ކާމިޔާބުކޮށް ވީނާ އާއިލާއާ ހަވާލު ކުރުމުން އެ އާއިލާ އިން ވަނީ ސަނީ އަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.

ސަނީ ނިސްބަތްވާ ޕާޓީ ބީޖޭޕީގެ ރައީސް ވިޕިން މަޖާހަން ވިދާޅުވީ ސަނީގެ މި މަސައްކަތުން ރައްޔިތުންގެ ހައްގުގައި އޭނާ ސާބިތުވެ ހުރިކަން ދައްކުވައިދޭ ކަމަށެވެ. އަދި ސަނީ އެގޮތުގައި ދެމި ހުރުމަކީ ގުރުދާސްޕޫރުގެ ރައްޔިތުންގެ ވެލްފެއާ ރަނގަޅު މިސްރާބަކަށްދާ ކަމުގެ ހެއްކެއް ކަމަށް ވިދާޅުވި އެވެ.

ދާދި ފަހުން ގުރުދާސްޕޫރްގެ ރައްޔިތުންތަކެއް ވަނީ ސަނީ ދާއިރާގެ ރައްޔިތުންނަށް ވަގުތު ނުދޭ ކަމަށް ބުނެ އޭނާގެ އިސްތިއުފާ އަށް ގޮވައިފަ އެވެ. މައްސަލައަކަށްވީ ގުރުދާސްޕޫރްގައި ހުންނަ ސަނީގެ އޮފީހަށް ޕާސަނަލް އެސިސްޓަންޓަކު ހަމަޖެއްސުމެވެ.