30 ޖުލައި 2019 - 07:31

ނުވަދިހައިގެ އަހަރުތަކުގައި ވިދާލި ބަތަލާ ރަވީނާ ޓަންޑަން ވެބް ސީރީޒެއް ކުޅެން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ސަލްމާން ހާން ޕްރޮޑިއުސްކޮށް، ސްޓާ ޕްލަސް އިން މިހާރު ގެނެސްދޭ ޑާންސް ޝޯ "ނަޗް ބަލިޔޭ" ސީޒަން 9 ގެ ޖަޖްކަން ކުރަމުން އަންނަ 44 އަހަރުގެ ބަތަލާ ކުޅޭ ފުރަތަމަ ވެބް ސީރީޒް ވެގެން ދާނީ އޭނާ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ އެއްޗަކަށެވެ. ނަމަވެސް އެއާ ބެހޭ އެއްވެސް ތަފުސީލެއް ހާމައެއް ނުކުރެ އެވެ. އަދި މި ވެބް ސީރީޒަކީ ކޮން ޕްލެޓްފޯމަކުން ގެނެސްދޭނެ އެއްޗެއް ކަމެއް ވެސް އަދި ނޭނގެ އެވެ.
ރަވީނާ އަކީ މިހާރު ވެސް މަދުމަދުން ފިލްމުތަކުން ފެންނަ ބަތަލާއެކެވެ. އޭނާ އެންމެ ފަހުން ކުޅުނު ފިލްމަކީ 2017 ގެ "ޝަބް" އެވެ. އަންނަ މަހުގެ 2 ގައި ރިލީޒް ކުރާ ސޮނާކްޝީ ސިންހާގެ ފިލްމު "ހާންދާނީ ޝަފަހާނާ" ގެ ހާއްސަ ލަވައަކުން ވެސް ރަވީނާ ފެންނާނެ އެވެ.
އެ ލަވައަކީ 1996 ގައި ރިލީޒްކުރި، ސުނިލް ޝެޓީ އާއި ކަރިޝްމާ ކަޕޫރްގެ ފިލްމު "ރަކްޝަކް" ގައި ހިމެނުނު ރަވީނާގެ ހާއްސަ ލަވަ "ޝެހެރް ކީ ލަޅްކީ" އާ ވާޝަނެކެވެ. އާ ލަވަ ވެސް ދައްކާލާފައިވާ އިރު، ލަވައިން ރަވީނާއާ އެކު ސުނިލް އާއި "ހާންދާނީ ޝަފަހާނާ" ގެ ރޯލަކުން ފެނިގެންދާ ރެޕާ/ލަވަކިޔުންތެރިޔާ ބާދްޝާ އާއި ޑަޔާނާ ޕެންޓީ ވެސް ފެނިގެން ދެ އެވެ.
ފިލްމު "ދާމަން" އިން ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ރަވީނާގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "އަންދާޒް އަޕްނާ އަޕްނާ"، "މޮހޮރާ"، "ދިލްވާލޭ" އަދި "ސައްތާ" ހިމެނެ އެވެ.
ރަވީނާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރު ރިލީޒް ކުރާ ކަންނާޑާ ފިލްމު " ކޭޖީއެފް: ޗެޕްޓާ 2" އެވެ.
އިންޑިއާގައި މިހާރު ޑިޖިޓަލް ކޮންޓެންޓްތައް ވަރުގަދަވެ، ވެބް ސީރީޒްތަކުގެ ފޯރި ވަރަށް ބޮޑަށް ގަދަވެފައިވާ އިރު، ކުރީގެ ބަތަލާ ކަރިޝްމާ ކަޕޫރް ވެސް އަންނަނީ އެކްތާ ކަޕޫރްގެ އޯލްޓް ބަލާޖީން ގެނެސް ދޭން ހަމަޖެހިފައިވާ ވެބް ސީރީޒް "މެންޓަލްހުޑް" ގެ މަސައްކަތް ކުރަމުންނެވެ.