29 ޖުލައި 2019 - 08:41

މިއުނިކް (ޖުލައި 28) - ސްޕެއިނުގެ ކްލަބްތަކުން މިހާރު ހަރަދުކުރަމުން އަންނަނީ އެއްވެސް އުސޫލަކަށް ބެލުމެއް ނެތި ކަމަށް ބުނެ ބަޔާން މިއުނިކްގެ ޗީފް އެގްޒެކްޓިވް ކާލް-ހެއިންޒް ރުމެނިގާ ފާޑުކިޔައިފި އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެންމެ އަގުބޮޑު ދެ ޓްރާންސްފާ ކުރިއަށް ގެންދިޔައީ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑާއި ބާސެލޯނާ އިންނެވެ. ބާސެލޯނާ އިން އެންޓޮއިން ގްރީޒްމަން ގަތީ އެތުލެޓިކޯ އަށް 135 މިލިއަން ޑޮލަރު ދީފަ އެވެ. އެތުލެޓިކޯ އިން ބެންފީކާ އަށް ކުޅެމުން އައި ޕޯޗުގަލްގެ އުއްމީދީ ތަރި ޔާއޯ ފެލިކްސްގެ ސޮއި ހޯދީ 142 މިލިއަން ޑޮލަރު ދީފަ އެވެ.
ރުމެނިގާ ވިދާޅުވީ ޓްރާންސްފާ މާކެޓްގައި މިހާރު އޮތީ ނުރަނގަޅު އާދައެއް ހަރުލާފައި ކަމަށާއި ކުޅުންތެރިންނަށް ހައްގުނުވާ އަގު ދިނުން މިހާރު އޮތީ އާންމުވެފައި ކަމަށެވެ.
"ޓްރާންސްފާ މާކެޓް އެއްކޮށް ކަހަލަ ގޮތަކަށް ބަދަލުވެއްޖެ. އަހަންނަށް މިހާރު މައްސަލައަކަށް ހަމައެކަނި ފެންނަނީ 100 މިލިއަން ޔޫރޯ ނޫނީ 200 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީ ދިނުމެއް ނޫން. އަހަރެން އެ އަށް ވުރެ ކަންބޮޑުވޭ ސްޕެއިނާއި އިންގްލެންޑް އަދި އިޓަލީގައި ކުޅުންތެރިންނަށް ދޭ މުސާރަ ފެނިފައި،" ރުމެނިގާ ވިދާޅުވި އެވެ.
ރުމެނިގާ މިސާލަކަށް ދެއްކީ ގްރީޒްމަން އަށް އަހަރަކު 18.8 މިލިއަން ޑޮލަރު މުސާރަ ދޭ ގޮތަށް ބާސެލޯނާ އިން އެއްބަސްވުމުން އެ މައްސަލަ އަކަށް ނުވުމެވެ.
"ގްރީޒްމަން އެ ވަރުގެ މުސާރަ އަކަށް އެ ގެންދިޔައީ. އެ މުސާރައާ ގާތްކުރާ ދެތިން ކުޅުންތެރިއަކު އެ ކްލަބްގައި އެބަތިބި. އެ މުސާރަތަކަށް ޓެކްސް ދެއްކުން ވެސް އޮތީ. އެ މުސާރަ އަކީ އަހަރެމެން ކަހަލަ ކްލަބެއްގެ ތިނެއް ނޫނީ ހަތަރު ކުޅުންތެރިންގެ މުސާރަ. މިއީ ބަލަންޖެހޭ ކަންތައްތައް." ރުމެނިގާ ވިދާޅުވި އެވެ.
އޭނާ ބުނީ ބަޔާނުން އެ ފަދަ މުސާރައެއް ދޭ ގޮތަށް ކުޅުންތެރިން ނުގެންނާނެ ކަަމަށާއި ދެމެހެއްޓެނިވި ގޮތަކަށް ކްލަބް ހިންގޭނެ ގޮތެއް އަބަދުވެސް ހޯދާނެ ކަމަށެވެ. އެކަން ކުރެވޭނީ ކުޅުންތެރިންގެ މުސާރަ ކޮންޓްރޯލް ކޮށްގެން ކަމަށެވެ.
ބަޔާނުން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ފްރާންސްގެ ދެ ފުލްބެކުން ކަަމަށްވާ ލޫކަސް ހެނާންޑޭޒާއި ބެންޖަމިން ޕަވާޑް ގަނެފަ އެވެ. ލޫކަސް ހެނާންޑޭޒް ގަތީ އެތުލެޓިކޯ އަށް 88 މިލިއަން ޑޮލަރަށެވެ. އަދި ޕަވާޑްގެ ސޮއިހޯދީ ޖަރުމަނުގެ ސްޓުޓްގާޓަށް 35 މިލިއަން ޑޮލަރު ދީފަ އެވެ.