28 ޖުލައި 2019 - 19:24

ކޮންމެ މަހެއްގެ ވެސް އެއް ދުވަހު، މާލޭގައި ވެހިކަލް ނުދުއްވާ ގޮތަށް ކަނޑައެޅުމަށް މަޝްވަރާ ކުރަން ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ހާއްސަ ދުވަސްތަކާ ގުޅުވައިގެން، މިހާރު ވެސް މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކުރާއިރު އެކަން ވަރަށް ގިނަ ބަޔަކު ބަލައިގަންނަ ކަމަށެވެ. އަދި އެއީ ގިނަ ބަޔަކަށް އުފާވެރިކަން ލިބޭ ކަމަކަށް ވާތީ މަހަކު އެއް ފަހަރު "ވެހިކަލް ފްރީ" ދުވަހެއްގެ ގޮތުގައި ކަނޑައަޅަން މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިއްޔެ ވެސް (މިނިވަން ދުވަހާ ގުޅުވައިގެން) މަގުތަކުގައި ވެހިކަލް ދުއްވުން މަނާ ކުރުމުން ގިނަ ބަޔަކު މަގުތަކަށް ނުކުމެ އެކަމުގެ ހިތްހަމަ ޖެހުން ހޯދި. ހާއްސަކޮށް ކުޑަކުދިންނަށް މިއީ ވަރަށް އުފާވެރި ވަގުތެއް. އެހެންވެ، އަޅުގަނޑުމެން އެބަ ވިސްނަން މިކަން ދާއިމީ ގޮތެއްގައި ކުރިއަށް ގެންދެވޭތޯ،" ޝިފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވަކި ވަގުތެއްގައި ވެހިކަލް ނުދުއްވޭ ގޮތަށް ހަދަން ސިޓީ ކައުންސިލުން ނިންމި ނަމަވެސް އެކަމުގައި ޓްރާސްޕޯޓް އޮތޯރިޓީގެ ލަފާ ހޯދަން ޖެހޭނެ ކަމަށެވެ. އަދި ހަވީރުގެ ވަގުތުގައި ވެމްކޯއިން ކުނި އުކުމުގެ ހިދުމަތް ދޭތީ، އެކަން ވެސް ވަކި ގޮތަކަށް ބަދަލު ކުރަން އެ ކުންފުންޏާ މަޝްވަރާ ކުރަން ޖެހޭނެ ކަމަށާއި މިކަމަށް އަމަލީ ސިފަ ގެނެވޭނީ އެ އިދާރާތަކުގެ ލަފަޔާއެކުގައި ކަމަށް މޭޔަރު ވިދާޅުވި އެވެ.
ޝިފާ ވިދާޅުވި ގޮތުގައި ބައެއް ވަގުތުތަކުގައި ވެހިކަލް ނުދުއްވޭ ގޮތަށް ހެދުމުން ބައެއް ހިދުމަތްތަކަށް ވެސް ބުރޫ އަރާނެ އެވެ. އެކަމަކު ކައުންސިލުން އެ ފަދަ ނިންމުމެއް ނިންމާނީ، އެ ފަރާތްތަކާ މަޝްވަރާކޮށްގެން ކަމަށާއި މިހާރު ވެސް، ހޮސްޕިޓަލްތަކާއި މުހިއްމު ހިދުމަތްތައް ދިނުމަށް ވެހިކަލްތަކަށް ދުއްވުމުގެ ހުއްދަ ދޫކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އުޅަނދު ދުއްވުން މަނާ ކުރާ ނަމަ ކުރިއާލާ އެކަން އަންގާ ކަމަށް ޝިފާ ވިދާޅުވި އެވެ.
"މިސާލަކަށް އެ ދުވަހު ވެޑިން ޕާޓީއެއް އޮވެއްޖެ ނަމަ އެ ފަރާތަކަށް އުނދަގޫތަކެއް ފޯރާނެ. އެހެންވެ، އަޅުގަނޑުމެން ވެހިކަލް ފްރީ ދުވަހެއް ކަނޑައަޅަނީ ހަފުތާއެއް ކުރިން އިއުލާންކޮށްފައި،" އޭނާ ވިދާޅުވި އެވެ.